ދިލިޕް ކުމާރު ހޮސްޕިޓަލުން ދޫކޮށްލައިފި

ދިލިޕް ކުމާރު ---

ކަނާތު ފައި ދުޅަ ވުމުގެ ސަބަބުން މި މަހުގެ ކުރީކޮޅު މުމްބާއީގައި ހުންނަ ލިލަވަތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު، ބޮލީވުޑްގެ "ޓްރެޑެޖީ ކިންގް"ގެ ގޮތުގައި މަޝްހޫރު ދިލިޕް ކުމާރު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

ދިލިޕް ކުމާރު އެޑްމިޓް ކުރީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. ދިލިޕް ހޮސްޕިޓަލުން ދޫކޮށްލި ކަން ޔަގީން ކޮށްދިނުމަށް އޭނާގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިލިޕްގެ ހާލު ރަނގަޅު ކަމަށާއި ގެއަށް ފޮނުވާލި ނަމަވެސް، އަރާމު ކުރުމަށް އަންގާފައިވާ ކަމަށެވެ.

މި މަހުގެ 11 ވަނަ ދުވަހު ދިލިޕްގެ 94 ވަނަ އުފަންދުވަސް ފާހަގަކޮށްފައި ވަނީ ވެސް ހޮސްޕިޓަލުގަ އެވެ.

ޕާކިސްތާނުގެ ޕިޝާވަރަށް އުފަން ދިލިޕް ކުމާރުގެ އަސްލު ނަމަކީ ޔޫސުފް ޚާން އެވެ. ފިލްމީ ދާއިރާ އަށް 1944ގައި ތައާރަފް ވުމަށް ފަހު އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އަންދާޒް، ދޭވްދާސް އަދި ޝަހީދު ހިމެނެ އެވެ.

އަދި 60 އަހަރަށް ދެމިގެން ދިޔަ ފިލްމީ ހަޔާތުގައި ކުމާރު ވަނީ ނުވަ ފިލްމްފެއާ އެވޯޑު ހާސިލްކޮށްފަ އެވެ. އޭނާއަކީ މިހާރުވެސް ފިލްމްފެއާ ބެސްޓް އެކްޓާ އެވޯޑު އެންމެ ގިނައިން ހާސިލުކޮށްފައިވާ ބޮލީވުޑުގެ ފަންނާނެވެ.

comment ކޮމެންޓް