އާންމު ތަންތަނުގައި އެނާޖީ ޑްރިންކް އިސްތިހާރެއް ނުކުރެވޭނެ: މުއިއްޒު

މާލޭގައި ޕާކެއް ހުޅުވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ: އެނާޖީ ޑްރިންކްސް އިސްތިހާރު ކުރުމަށް އާންމުތަންތަން ދޫނުކުރެވޭނެ ކަމަށް ވިދާޅުވި-- ސަން ފޮޓޯ

މާލޭގެ އާންމު މައިދާންތަކާއި ޕާކުތަކުގައި އެނާޖީ ޑްރިންކްސް އިސްތިހާދު ކުރުމަކީ ހުއްދަ ދެވޭނެ ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އެހެން ވިދާޅުވީ އިއްޔެ ކުރެއްވި ޓްވީޓެއްގަ އެވެ. އެމަނިކުފާނު އެހެން ވިދާޅުވެފައި ވަނީ ރާއްޖެއަށް އެތެރެ ކުރާ އެނާޖީ ޑްރިންކުން ނަގާ ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވަނިކޮށެވެ.

މިއަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ބުނެފައިވާ ގޮތުން ފިޒީ ޑްރިންކާއި އެނާޖީ ޑްރިންކުން 20 ޕަސެންޓްގެ އެޑްވެލޮރަމް ޓެކްސްއެއް އަންނަ އަހަރު ނަގަން ފަށާނެ އެވެ. އެނާޖީ ޑްރިންކުން އިތުރު ޓެކްސެއް ނަގަން ފެށުމުން ނުވަ މިލިއަން ރުފިޔާގެ އާންމުދަނީއެއް ސަރުކާރަށް ލިބެ އެވެ. އެނާޖީ ޑްރިންކުން މިހާރު ނަގަމުންދަނީ 15 ޕަސެންޓުގެ ޓެކުހެކެވެ.

އާންމު ދިރިއުޅުމުގައި އެނާޖީ ޑްރިންކްސް ބުއިމަށް އާދަކޮށްފިނަމަ ކެންސަރުފަދަ ނުރައްކާތެރި ބަލިތައް ޖެހެ އެވެ. ރާއްޖޭގެ ޒުވާނުންގެ މެދުގައި އެނާޖީ ޑްރިންކު ބުއިމުގެ އާދަ ވަނީ ވަރަށް ބޮޑަށް އަށަގެންފަ އެވެ.

ތަފާސްހިސާބުން ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖެއަށް 19 މިލިއަން އެނާޖީ ޑްރިންކް ދަޅު އެތެރެކޮށްފައިވެ އެވެ.

comment ކޮމެންޓް