Sun Online

ނިންޓެންޑޯއިން އެޕަލް ޑިވައިސްތަކަށް ސުޕާ މާރިއޯ ރިލީޒް ކޮށްފި

މާހިލް މުހައްމަދު
ލިޔުނީމާހިލް މުހައްމަދު

ޖަޕާނުގެ ނިންޓެންޑޯ ކުންފުނިން މިހާތަނަށް އުފައްދާފައިވާ އެންމެ މަޝްހޫރު ގޭމް ކަމުގައިވާ، ސުޕާ މާރިއޯ ގޭމުގެ މޯބައިލް އެޕްލިކޭޝަނެއް ފުރަތަމަ ފަހަރަށް އުފައްދައި، އެ ގޭމް އެޕަލްގެ އައިފޯނުތަކާއި އައިޕެޑްތަކަށް ރިލީޒް ކޮށްފިއެވެ.

މީގެ ތިން މަސް ކުރިން، އެޕަލް އައިފޯން 7 ތަޢާރަފު ކުރުމަށް އެޕަލްއިން ބޭއްވި އިވެންޓުގައި، ނިންޓެންޑޯއިން ވަނީ "ސުޕާ މާރިއޯ ރަން" ގެ ނަމުގައި ގޭމެއް ތައާރަފުކުރާނެކަން އިއުލާން ކޮށްފައެވެ.

ސުޕާ މާރިއޯގެ ބާނީ ޝިގެރޯ މިޔަމޮޓޯ ވިދާޅުވީ، އެހާތަނަށް އެއްވެސް ސްމާޓްފޯނަކަށް ޑިވެލޮޕްކޮށް، ރިލީޒް ކޮށްފައި ނުވާ ސުޕަރ މާރިއޯ ގޭމް މި އަހަރުގެ ފަހުކޮޅުގެ ތެރޭގައި އެޕަލް އެޕްސްޓޯރުން ލިބޭނެ ކަމަށެވެ.

މި ގޭމް އެޕަލް އެޕްސްޓޯރަށް ރިލީޒް ކުރީ އިއްޔެއެވެ. އެންޑްރޮއިޑް ޑިވައިސްތަކަށް ވެސް ފަހުން ސުޕާ މާރިއޯ ރަން ލިބޭނެ ކަމަށް ނިންޓޭންޑޯއިން ބުނެއެވެ.

މި ގޭމު މަސައްކަތް ކުރާނީ، ސުޕާ މާރިއޯގެ ގޭމްތައް އާންމުކޮށް ކުޅޭ ފޯމެޓަށެވެ. މާރިއޯ ދުވަމުން ޖެހޭނީ ކޮއިންސް ކަލެކްޓްކޮށް، އޭނާ ދުވާއިރު ކުރިމަތިވާ ހުރަސްތަކުގެ މަތިން ފުންމާލައިގެން ކުރިޔަށް ދާށެވެ.

އެޕްސްޓޯރުން މިވަގުތު ލިބެން ހުރި ސުޕަ މާރިއޯ ރަންގެ ފްރީ ވާޝަންއަކީ ކުޑަކުޑަ ޑެމޯ ވާޝަނެކެވެ. ނަމަވެސް އެ ގޭމްގެ ތިން ފުލް ވާޝަނެއް، 7.99 ޕައުންޑްގެ ފީއެއް ދައްކައިގެން ގަނެވޭނެއެވެ.

×
DB released.