ކުއްލިއަކަށް ވަޅުދޮށުން ފެނުނީ ރަތްކުލައިގެ ލިބާހެއްލައިގެން ހުރި ރީތި އަންހެނެކެވެ. ފައްޓަރުބައި އަޅާފައި ހުރިއިރު ދެއަތާއި ފައި ރަނުގެ ގަހަނާތަކުން ވިދާބަބުޅައެވެ. ޖިންނި ރަސްދަރިކަނބަލަކޭ ތަފާތެއްނެތެވެ. ހައިރާންކަމާއިއެކު ރުގައްޔާ ބަލަންއޮތްވާ އެމީހާ ކައިރިވެލިއެވެ. އެއްފަރާތުގައި ތިރިފާރުމަތީގައި ބަހައްޓާފައިހުރި ބައްތި ނިވުނީ އައި ބާރު ވައިރޯޅިއަކާއިއެކުގައެވެ. ތަނަށް ކޮންމެވެސް ވަރެއްގެ އަނދިރިކަމެއް ވެރިވިއެވެ. ނަމަވެސް ހަނދު އަރާފައި ހުރުމުން ކޮންމެވެސް ވަރަކަށް ހެކަ އަޅައެވެ.

ލިބެމުންދިޔަ ވޭނުގެ ސަބަބުން ދަތްތައް ވިކައިގެން އޮތްވާ ފިޔާތޮށިކުލައިގެ ސަރުބަތެއް ބޯންދިނެވެ. ފޮނިވެފާ ފިނިކަމުގެ އިތުރުން ވަގުތުން ކަރު ހިއްކުން ފިލާ ވަރުޖެހުނެވެ. ވޭން ކެނޑި ހަށިގަނޑަށް ލިބުނީ ބުނަން ނޭގޭފަދަ އަރާމެކެވެ. އެއާއިއެކު ތުއްތުކުއްޖަކު ރޯލި އަޑު ކަންފަތުގައި ޖެހުނެވެ.

"މިދަރިފުޅު ވަރަށް ރީތި. މިކުއްޖާއަށް ނަބީލާ ކިޔަންވާނީ. މަގޭ ފިރިހެންދަރިއަށް މިކުއްޖާ ހިބައިން ދޭންވާނެ އިނގޭ ރުގައްޔާ......." އެ އަންހެންމީހާ ތުއްތު ކުއްޖާ ސާފުކޮށްލާފައި ހުދުފޮތިކޮޅެއްގައި އޮޅާފައި ރުގައްޔާގެ މޭމަތީގައި ބޭއްވިއެވެ.

ރުގައްޔާ ސާފުކޮށް ހެދުމެއް ލެއްވުމަށްފަހު ގޭތެރެއާއި ހަމަޔަށް ގެންގޮސްދީފައި އެމީހާ ޣައިބުވުމުން ރުގައްޔާގެ ހިތުގައި ބިރުވެރިކަން ހިނގާލައިފިއެވެ. ލުގުމާން ގެއަށް އައުމާއިއެކު ރުގައްޔާ އެ ހާދިސާ ހިނގިގޮތް ތަފްސީލުކޮށް ކިޔައިދިނުމުން ލުގުމާން ބަހަކުން ކުރެ ބަހެއް ނުބުނެ އިސްޖަހާލައިގެން އިނީ ފުންވިސްނުމެއްގައި އިންފަދައަކުންނެވެ. އެވަރުންވެސް ލުގުމާން ހުރީ ރުގައްޔާ ކައިރީގައި ހަގީގަތް ސިއްރުކޮށްލައިގެންނެވެ. އޭނައާއި ޖިންނިންނާއި އޮތް ގުޅުން ވަންހަނާކުރިއެވެ.

އެރޭގެ ފަހުން ނަބީލާގެ ފަރާތުން އަބަދުވެސް އާދަޔާ ޚިލާފުކަންތައް ފެނެއެވެ. ރުގައްޔާ ހޭލެވިގެން ބަލައިލާއިރު އޮންނަނީ ކޮންމެވެސް ދިމާލަށް ބަލަހައްޓައިގެން ހީލަ ހީލައެވެ. ވަރަށް ރޮއިފާ ހުއްޓާލާގޮތުން ހީވަނީ ބަޔަކު އައިސްގެން އޭނަ ރުއްސާހެންނެވެ. ބައެއްރޭ މަދިރިގޭ ހިއްލާލާފައި މީހަކު ބަލައިލާހެން ހީވެގެން މަގަތަށް އެނބުރޭއިރަށް މަދިރިގޭ ވައްޓާލައެވެ. ގިގުނިފަތި އަޅައިގެން ހުންނަ މީހަކު ދެކޮޅަށް ހިގާފަދަ އަޑުވެސް އިވެއެވެ. އުދޯލި މަޑުނުކޮށް ހެއްލާދޭން މީހުންވެސް ތިބޭކަހަލައެވެ. ނަބީލާ ބޮޑުވަމުން އައިވަރަކަށް އޭނަ ޚިޔާލީ މީހުންތަކާއި ވާހަކަދައްކާ ކުޅޭކަން ރުގައްޔާ ދަނެއެވެ. އެކުއްޖާއަށް އެކަމުން ގެއްލުމެއް ނުވާތީ ރުގައްޔާވެސް އެކަން ބޮޑުކަމަކަށް ނަހަދައެވެ.

އެއްރޭ ރުގައްޔާ ހޭލެވިގެން ބަލައިލިއިރު ލުގުމާން ފެންނާކަށް ނެތެވެ. މިދަންވަރު ލުގުމާން ދާންވީ ކޮންތާކަށްހެއްޔެވެ؟ ވަޅުދޮށުގައި ނެތްކަން ޔަގީންވުމުން ދޮރު ހުޅުވައިލިއިރު ނިކަން ރީތިކޮށް ހަނދުވަރުދީފައި އޮތެވެ. އެހިސާބުގެ އެތަން މިތަން ބޮޑެތި އަލިފާންގަނޑުން ހުޅުދާން ކޮށްލައިގެން ލުގުމާން ހުރީ ވަކި ދިމާލަކަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް އެތަނަށް އިސްކޮޅުން ބޮޑު އެންދެރިގަނޑެއްފަދަ މީހަކު ފައުޅުވީތަން ފެނުނެވެ. ރުގައްޔާ ބިރުން ހޭނުނެތުނީ ކިރިޔާއެވެ. ލުގުމާން އެންގީ އަވަހަށް ގެއަށް ވަނުމަށެވެ. އަނގަމަތީގައި އަތްއެޅިގޮތަށް އޭނަ އަވަހަށް ދޮރުން އެތެރެއަށް ދެމިގަތެވެ. މަދިރިގޭ ހިއްލާލާފައި ބެލިއިރު ނަސީބަކުން ނަބީލާއޮތީ ގަދަނިދީގައެވެ. ފިރިމީހާގެ އިންތިޒާރުގައި އޮތްވާ އިރުގަނޑެއް ނުވަނީސް މަދިރިގޭ ހިއްލާލާފައި ލޯބިވާ ފިރިމީހާ އޭނައަށް އަތުން އިޝާރާތްކުރީ އައުމަށެވެ. ހޫނުގަދަ ރެއަކަށްވާތީ ދަންވަރު ފެންވަރާލަން ބޭނުންވީކަމުގައި ހިތާ ރުގައްޔާވެސް ލުގުމާންއާއިއެކު ޖެހިލުމެއްނެތި ވަނެވެ. ޗަމްޕާޕޫލްގަހުގައި ފޮޅިފައިވާ މާތަކުގެ މީރުވަހުން ތަން ހުވަދުލެވިފައި ވެއެވެ. ރުގައްޔާއާއި ލުގުމާން ސަމާސާކުރަމުންގޮސް ޗަމްޕާޕޫލްމާ ގަހުގެ ދޮށުގައި ޖައްސައިލެވުނުއިރު ގަޑިންވީއިރެއްވެސް ރޭކާނުލިއެވެ. މިރޭ ލުގުމާން ހީވީ މާ ލޯބިން އުޅޭހެންނެވެ. މިއިން ޒަމާނެއްގައިވެސް އެފަދަ އުފަލެއް ހިތްހަމަޖެހުމެއް ރުގައްޔާއަކަށް ނުލިބުނެވެ. ރުގައްޔާއަށް ދެލޯ ހުޅުވައިލެވޭވަރުވީ އިރުގެ އަލިކަން ގޮފިތަކުގެ ދޭތެރެއިން ބިމަށް އަލިކޮށްލުމުން ހޫނުވާން ފެށީމައެވެ.

އެރެއިން ފެށިގެން ރުގައްޔާއާއި ލުގުމާންގެ ލޯބީގެ ދާނަކަށްވީ ޗަމްޕާޕޫލްމާ ގަސްދަށެވެ. އެތަނުގައި ދެމީހުން ނިދުމުގެ އާދަ ހިފިފަހުން ރުގައްޔާއަށް ތަފާތު ބަދަލުތަކެއް އަންނާންފެށިއެވެ. ބުރަހެލިވެ ހަށިގަނޑު ދުޅަވެ ބަނޑުފުއްޕާ މާގިނައިން ހަށިގަނޑުން ލޭ އަންނާންފެށިއެވެ. މިވާގޮތްތަކެއް ނޭގި ރުގައްޔާ ހުއްޓާ މާ ގިނަދުވަސްތަކެއް ނުވެ ރުގައްޔާ އެހެން ކުއްޖަކު ވިހައިފިއެވެ. އެދަރިފުޅު ފެނުމުން ރުގައްޔާ ބިރުން އަނބުރައިނުގަތީ ކިރިޔާއެވެ. ދަރިފުޅު އޮތީ އިންސާނެއްގެ ސޫރައިގައެއްވެސް ނޫނެވެ. އެކަމާއި ގަތްބިރުން ރުގައްޔާ ދަރިފުޅުގެ ސޫރަދެކެންވެސް ނުރުހުނެވެ. އެއްލާލާފައި ދާން އުޅެފައިވެސް އެފަދަ ކަމެއް ކުރުމުގެ ހިތްވަރެއް ނުލިބިގެން ގެނެސް އެނދުގައި ބޭއްވިއެވެ. ލޮޑުވެފައިވާ ވަރުން ތަނުގައި ބުރަކަށިޖެހުމާއިއެކު ލޮލަށް ނިދިއައީ މާވަރަކަށެވެ. ފަތިހު ހޭލެވިގެން ބަލައިލިއިރު އެކުއްޖާ އޮތްތާގައި ރުލެއްހާ މިންވަރުވެސް ނެތެވެ.

އެއީ އޭނައަށް ފެނުނު ނުބައި ހުވަފެނެއްހެއްޔެވެ؟

އެކަމަކު ބަނޑު ތިރިވެ އިހުހުރިގޮތަށް ހިނދިއްޖެއެވެ.

ޖެހިގެން އައިރޭ ކޮންމެފަދަ ކަންތައްގަނޑެއް ހިނގާ އަޑުގަދަވިޔަސް ރުގައްޔާ ނަބީލާއާއި ދެމީހުން ކޮޓަރިން ބޭރަށް ނުކުމެގެން ނުވާނެކަމުގައި ލުގުމާން އެންގިއެވެ. އެ އަމުރަށް ކިޔަމަންވެގެން ފުހުނު އިރާއިއެކީ ގެޔަށް ފެންވެސް ވައްދައިގެން ރުގައްޔާ ދަރިފުޅު ނިންދަވަން އެނދަށް އެރިއެވެ. އެތައް ބާލީހާއި ކަންނޭލެއް އެނދުގައިވާއިރު ތަފާތު ވަހެއް ހިފާލާފައި ހުއްޓެވެ. އާރިސް އޭރު ހުރީ ބައްތިތަކުން ގެ ދިއްލާއަޅާފައެވެ. ރުގައްޔާ ދަރިފުޅު މެޔާއި ޖައްސާ ބޮނޑިކޮށްލައިގެން އޮތްވާ އިވުނުއަޑަކުން ކަންފަތް ވަގުތީގޮތުން ބައްވިއެވެ. ފުރާޅު ރާޅެއްފަދައިން ހިއްލާފައި ޖެހުނު އަޑާއިއެކު ނުބައި އަޑަކުން މީހަކު ހޭރިގަތެވެ. ލުގުމާންގެ ކިޔެވުމުގެ އަޑުވެސް ގަދަވިއެވެ. ބިންގަޑަށް އަންނަ ލޮޅުންތަކާއިއެކު އެނދުވެސް ހެލެމުންދިޔައެވެ. ފެންލައިޓުގަނޑުން ވިދުވަރުފަދަ އައްޔެއް އެޅެމުން ދިޔައެވެ. ދުންއަޅާއިރު ދުވާ ޒާތުގެ ވަހެއްވެސް ތަނުގައި ހިފާލާފައިވިއެވެ. ނަބީލާ އެވަރުންވެސް އޮތީ ފުން ނިންޖެއްގައެވެ. އިރުއިރުކޮޅާ ހީލައެވެ. ނޫނީ ތުންފިތާލާފައި ރޮއިގަންނަން އުޅޭކަހަލައެވެ. ރުގައްޔާ ދުލަށް އައިހާހެޔޮ އެއްޗެއް ކިޔަވަންފެށިއެވެ. މިވަނީ ކިހިނެއްބާވައެވެ. މިގެއާއި ލައިގަނެގެން މިއުޅެނީ ކޮންފަދަ މުސީބާތެއްހެއްޔެވެ؟

އެތައް އިރެއްވާންދެން ބޭރުގައި އަޑުފަށްގަނޑު ގަދަވެ ސަލާމަތްނުވާ ހިސާބަށް ގޮސްފައި ހުރިހާތަނެއް ހިމޭންވިއެވެ.

ލުގުމާން އެނދުގެ މަދިރިގޭ ހިއްލާލާފައި އެނދަށް އެރިއިރު އޭނަ ހުރީ ހިސާބެއްގެ ހާސްކަމެއްގެ ތެރޭގައެވެ.

"އަހަންނަށް ލަނޑެއް ނުލިބުނީ ހަމަ ކިރިޔާ. ޖިންނީގެ މާ ވަރުގަދަ ލަޝްކަރަކާއި ހަގުރާމަކޮށް ބަލިކޮށްލުމުގެ އަޒުމްގައި މަސައްކަތްފެށީ. ކާމިޔާބުނުވިނަމަ ވާނެގޮތެއް ލަފާކޮށްލާކަށްވެސް ނޭގޭ. އަހަންނަށްވުރެ ގަދަވި ޝައިތާނެއް ރުގައްޔާ ކައިރިއަށް އަހަރެންގެ ސިފަ ޖެހިގެން ކޮންމެ ރެއަކު ވަންނަކަން އެނގިގެން މިހާ ބޮޑު ހަގުރާމައެއްކުރަން ޖެހުނީ. އަހަންނަށް މާފުކޮށްދެއްޗޭ ރުގައްޔާ....." ލުގުމާން މަޑުމައިތިރިކަމާއިއެކު ބުނެލިއިރު ހިތާމަވެރިކަން މޫނުމަތިން ފައުޅުވިއެވެ.

"ވީއިރު އެންމެން އެކިޔަނީ ތެދެއްތާ. ލުގުމާން ސިހުރުހަދަނީތަ؟ " ރުގައްޔާ އަހައިލިއެވެ.

"އެވާހަކަ އިހަށް ބާއްވާ. އަހަރެން ވަރަށް ވަރުބަލިވެ އަރާމުކުރަން ބޭނުންވެފައި މިއޮތީ......" ލުގުމާން ދެލޯ މަރައިލަމުން ބިއްދޮށަށް އެނބުރުނެވެ. އެއީ ކޮންމެ ރެއަކު ލުގުމާންގެ އާދައެވެ. އޭނަ ލައްވާ ވާހަކައެއް ބުނުވުމަށްވުރެ ހިލައަކުން ފެންނެރެން މަސައްކަތްކުރިޔަސް ރަގަޅުވާނެކަމުގައި ރުގައްޔާ ދެކުނެވެ.

އަހަރުތައް ފާއިތުވަމުން ދިޔައީ ލަސްލަހުންނެވެ. ނަބީލާވެސް ބޮޑުވަމުން އައި އައިހެން ރީތިކަން ހުސްކުރި އަންހެންކުއްޖަކަށް ވިއެވެ. އޭނަދެކޭ ކޮންމެ މީހަކު ދެވަނަފަހަރަށް ބަލާލަން މަޖުބޫރުކުރުވާފަދަ ގޮތެއް އެކުއްޖާގެ ހުރެއެވެ. ފިރިހެނުންގެ ލޯތަކުން އެކުއްޖާ ސަލާމަތްކުރަން ރުގައްޔާ ވެވުނުހާ މަސައްކަތެއްކުރެއެވެ. ދަރިފުޅު ގެއިން ބޭރަށް ނުނިކުންމަން އޭނަހުންނަނީ ފައި ވިއްދާލާފައެވެ. ކޮޓެޖްގެ ވަށައިގެން އޮންނަ ވަލުތެރޭގައި ކުޅެން އުޅުނަސް އެސަރަހައްދުން ދުރަށް ދިޔުން އޭނައަށް އޮންނަނީ މަނާކޮށްފައެވެ. ބައެއްފަހަރު އާރިސް ނަބީލާއަށް ތަފާތު ނަޒަރަކުން ބަލާކަމުގެ އިހުސާސްކުރެވެން ފެށުމުން ރުގައްޔާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ވާނީވެސް އެހެންނެވެ. އެގޭގައި އުޅޭތާ އެތައް ޒަމާންވެފައިވާ އިރުވެސް އާރިސްގެ ހަގީގަތްވަނީ ރުގައްޔާއަށް ފޮރުވިފައެވެ. އާރިސްގެ ފަރާތުން ލިބޭ ފަސޭހަތަކާއި އެއްވަރަށް އޭނަގެ އުޅުމާއި މިޒާޖުގައި ތަފާތުކަމެއް ހުރެއެވެ. އޭނަ މަސައްކަތްކުރާއިރު ރުގައްޔާ ބަދިގެއާއި ކައިރިވުންވެސް މަނަލެވެ. އެކަމާއިހުރެ ކިތަންމެ ފަހަރަކު ހިތުގައި ޝައްކާއި ވަހުމް އުފެދުނެވެ. ނަބީލާއަށް ރުގައްޔާ ވިސްނައިދީފައި އޮންނަނީ އާރިސްއާއި އެއްގޮތަކަށްވެސް އަނގައިން ބުނެ ނެހެދުމަށެވެ. ބޮޑުވީއިރުވެސް ރުގައްޔާ ހުންނަނީ ނަބީލާގެ ފަސްފަހަތުން ޖައްސާލާފައެވެ.

ނަބީލާގެ އުމުރުން ބާރައަހަރުގައި އެއްދުވަހު އިރާކޮޅު ފެންވަރަން ވަންގޮތަށް ރޮމުން ނުކުމެގެން އައީ ގައިގާ ތުވާލި އޮޅާލައިގެންނެވެ.

"މަންމާ އާރިސް ރުކުގައި އެބައޮތް. ފެންވަރަން ހުރެފައި ބަލައިލިއިރު އާރިސްއޮތީ ބަލަން...." ނަބީލާ ޝަކުވާކުރިއިރު އެބޮޑު ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ރުގައްޔާ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އެދެލޮލަށް ތީރެއްޖަހާ ކަނުކޮށްލަން ބޭނުންވިއެވެ. އައިސްފާ ހުރި ގަދަ ރުޅީގައި ވަގުތުންގޮސް ކަރުފަޅައިގެންދާ ހާ ބާރަށް ހަޅޭއްލަވައިގަތުމުން އާރިސް ބިރުންގޮސް ރުކުން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އާރިސް ރޮއިފާ އާދޭސްކުރީ ލުގުމާން ކައިރީ އޭނަގެ ވާހަކަ ނުބުނުމަށެވެ. އޭނައަށް ހީނުކުރާފަދަ ބޮޑު އަދަބެއް ދީފާނެކަމުގައި ބުނީ ރުގައްޔާގެ ފައިމައްޗަށް ވެއްޓިގެންފައެވެ. އާރިސް ބުނިގޮތުން އޭނަ ރުކުރާއަޅަން ރުކަށް އެރިއިރު ނަބީލާ ފެންވަރަން ހުރިކަމެއް ނުދެނެހުއްޓެވެ. އެދިމާލަށް ބަލައިލެވުނީވެސް އޮޅުމަކުންނެވެ. އެކަމާއި ހިތާމަކޮށް އާރިސް މާފަށް އެދުނެވެ. އެފަހުން އާރިސްއާއި ނަބީލާގެ ދޭތެރޭގައި ރުޅިވެރިކަމުގެ ފަރުދާއެއް ދަމައިލެވިއްޖެއެވެ. އާރިސް ފެނިއްޖެއްޔާ ނަބީލާ ހުންނަނީ މޫނުހަދައިގެންނެވެ.

"ދެން މިއަދަށް ވާހަކަ ނިމުނީ. މާމަ ވަރުބަލިވެއްޖެ. ދަރިފުޅަށް އުދަގޫނުވަންޏާ އިތުރު އައިސްކްރީމެއް ލިބިދާނެތަ؟ " މާމަ ރުގައްޔާ އައިސްކްރީމް ތަށީގެ ފުލުގައި ހުރި އެތިކޮޅު ލޮވެލަމުން އެ ކުޑަ ދެލޮލުން ބަލައިލިއެވެ. އެއުމުރުގައިވެސް މާމަގެ ދެލޮލުގައި ވިދުވަރެއްހުރެއެވެ. ރޫޖެހިފައިވާ މޫނުން އަދިވެސް ފަނޑުގޮތަކަށް ފެންނަން ހުންނަނީ ޒުވާންކަމުގެ ރީތިކަމެވެ. މާމަގެ އަޑު ކުރެހި ކުޑަކޮށް ކެއްސަންވެސް ފަށައިފިއެވެ. މާމައަށް މާ ގިނައިރު ވާހަކަތައް ދެއްކިއްޖެއެވެ. އެވާހަކަ އަޑުއަހާހިތުން ކެތްތެރިކަން ކޮޅުންލާފައި ހުއްޓަސް ރަފައެލް މާމައަށް ބާރު ނާޅާ އެވަގުތުވެސް އައިސްކްރީމް ތަށްޓެއް ގަނެލަދިނެވެ. މާމަގެ އަތުގައި ހިފައިގެން ގެއާއި ދިމާލަށް މިސްރާބުޖެހިއިރު ރަފައެލްއަށް އިހުސާސްވީ މީހަކު ފަހަތުން އައިކަމެވެ. އާލިފް ބާވައެވެ. ބައްޕަ އަމުރުކުރީމަވެސް ހަމަ ހިޔަންޏެއްހެން ފަހަތުން އަންނަންވީ ކީއްވެބާވައެވެ. ގެއަށް މާމަ ވައްދާފައި ރަފައެލް ނުކުތްތަނާހެން ކުއްލިއަކަށް އަންހެންކުއްޖެއްގެ ހުނުމުގެ އަޑު އިވިފާ ކުރިމަތިން ފައުޅުވީ އޭނަގެ ކޮއްކޮ އެލްސާއެވެ. އެލްސާ ރަފައެލްގެ ގައިގާ ބައްދާލާފައި މޫނަށް ދޮނެއް ދިނެވެ. އެލްސާގެ ހުދު އިސްތަށިގަނޑު ދިގުކަމުން ބިންމަތީގައި ކޭއްތި ކޭއްތި އޮތްއިރު އެއަންހެންކުއްޖާގެ ރީތިކަމުން ޕަރީއަކާ ތަފާތެއް ނުހުރެއެވެ. މަންމަގެ ރީތިކަމެވެ. ނަމަވެސް ދެލޯ ހުންނަނީ ލޫސިއާން ފަދައިންނެވެ. ކަޅީގައި ހުންނަ ގޮތަކުން އިންސާނީ ކުއްޖެއް ނޫންކަން އެނގުނަސް އެނޫންގޮތަކަށް އެލްސާ އެހެން މީހުންނާއި ތަފާތެއްނެތެވެ.

"ބައްޕަ ޕަނިޝްމެންޓަކަށް ކާފަގެ މީހުން ކައިރިއަށް ފޮނުވާލީމަ ވަރަށް ދެރަވި. ދޮންބެއަށް އެނގޭތަ؟ އަހަންނަށް އާދެވުނުއިރު އަހަރެންގެ ބެސްޓްފްރެންޑްގެ ކައިވެނި ގަދަކަމުން ކުރުވައިފި. އެފަކީރުގެ ހިތް ހަލާކުވެފައި އެހެރީ. އެވެސް އޮޅުވާލީމަ. މައިކަލް އޭ ކިޔާ ސިހުރުވެރިމީހާ ހުންނަނީ މުޅިގެ ވަށައިގެން ފާޑުފާޑު އެއްޗެހި ވަޅުލާ ކިޔަވާ އަހަރެމެންނަށް ގާތްނުވެވޭނެ ގޮތް ހަދާފައި. އެހެންވެ ހެނާއަކާއި ބައްދަލެއްނުވޭ......." އެލްސާ އެތާއޮތް ރުއްގަނޑެއްގެ މަތީގައި އިށީނުމުން ރަފައެލް ވެސް ކައިރީގައި ޖައްސައިލިއެވެ. ހިތްގައިމު ހިސާބެކެވެ. ދިގު ވިނަތަކުން ބިންގަނޑު ފޮރުވިފާ އޮތްއިރު ކުދިކުދި މާތައް އެކި ދިމާލުގައި ފޮޅިފާ ހުރުމުން ބަހާރުގެ މަންޒަރެއްފަދައެވެ.

"ކޮއްކޮވެސް ހަމަ އެވަރަށް ހެނާއަށް އޮޅުވާފައެއްނު ތިހިރީ. އެހެން މީހުންނަށް ފެންނަންވީމަ އެހެން ސިފައެއް ޖެހިގެން ގޮތިކް މޭކަޕްގައި ތިއުޅެނީ. އެއީ ފެއަރކަމެއްތަ؟ އެހެންމީހުންނަށް ކޮއްކޮއޭ ކިޔަވާތި ދެނީ މަކަރުހަދަން....." ރަފައެލް އެލްސާގެ ކޮލުގައި ހިފާ ދަމައިލިއެވެ.

"ހެނާއަށް އެނގިއްޖެއްޔާ ބިރުގަންނާނެ. އެފެމިލީ މީހުން ހެނާ ދެރަކުރާތީ ހެލްޕްވާންވެގެން ހެނާއާއި ފްރެންޑްވީ. ނަޝީދުއަށް ލަނޑުދޭންވެގެން އެރޫމުން ޓީވީ ނެރުނީމަ އަދި އައިގޮތަށް ހާދަ ވައްތަރެއްޖެއްސިއޭ. ޓީވީ ކޮޓަރިއަށް ވެއްދުމަށްފަހު އޭނަގެ ޓީވީގެ ދުވަސްދިޔައީ. ޓީވީ ހިފައިގެންދަނިކޮށް ފައިގާ ދަތްއެޅީމަ ސިހިފައި ޓީވީ އަތުން ދޫވެ އޭގެ ސްކްރީން ތެޅުނީ. އެއީ ރަގަޅު ސައިކޭޓްރިސްޓެއްނޫން. ދޮންބެއަށް އެނގޭތަ؟ އޭނަ ހުރިހާ ޕޭޝަންޓުންނަށް އެބިއުޒްކުރޭ. ޕޯން މޫވީސް އަށްވެސް އެޑިކްޓްވެފައި ހުންނަ ނުލަފާ މީހާގަނޑެއް. މިހާރު ބައްޕަ މިހިރީ އަލުން އަނބުރާ ރަށަށް ގެނެސްފާ. ދެން ނަޝީދުއަށް ހަމަޖެހިގެން އެންމެ ކަމެއްވެސް ކުރެވުނަކަ ނުދޭނަން...." އެލްސާގެ ދެލޯ ދިއްލައިލިއެވެ. އަނދިރީގެ ތެރެއިން އެދެލޯ ފެނުނު ގޮތަކުން ރަފައެލްވެސް ސިހުނެވެ. ކޮއްކޮމެންނަށްވިޔަސް އެކުދިންގެ ބާރު އެގޮތަށް ދައްކާ ވަގުތުގައި ރަފައެލްއަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވެއެވެ.

"އަމީރާ ފޮނިކަމުން ވަރަށް ފޫހިވެސް ވޭ. ހީކުރީ ލޫސިއާން އޭމޮންއޭ ކިޔައިގެން އުޅުނުކަން އެނގިފައި އަމީރާ ރުޅިއަންނާނެކަމަށް. އެކަމަކު އެނގޭތަ؟ އައި ވިލް ޓެލް ޔޫ ވަން ބިގް ސިކްރެޓް. ލޫސިއާންބެ ކުރިކަމެއް އެނގޭތަ؟ އަމީރާ އޮޅުވައިލަންވެގެން އަމީރާ ގެންގޮސް ބައްދަލުކުރުވީ ރާއްޖޭގެ މަޝްހޫރު އިލްމުވެރިޔަކާ. އޭނަ ބުނެދިނީ ފުރިހަމަ އިންސާނަކަށް ނުވިޔަސް ލޫސިއާންގެ މަންމަ އިންސާނަކަށް ވެއްޖެއްޔާ ކައިވެނި ހުއްދަވާނެކަމުގައި. އަދި ލޫސިއާން އޭމޮންގެ ގޮތުގައި ހުރެ ކިތަންމެ ނުބައިކަމެއް ކުރިޔަސް ތައުބާވުމުން އަމީރާ މާފުދޭން ޖެހޭނެކަމަށްވެސް ބުނި. ޝީޒް ސޯ ހެޑްސްޓްރޯންގް އެކަމަކު އިލްމުވެރިޔާ މޮޅުކަމުން އަމީރާ ކޮންވިންސް ވެއްޖެ. އިތުރު މީހެއްގެ ކައިރިން ލަފާ ހޯދުންވެސް ބޭނުންކަމަކަށް ނުވި. ކުރީގެ ހުރިހާ ކަންތައްތަކަށްވެސް މާފުދިން. ފޮގިވިން ގާލްއެއް. އެހެން އަންހެންކުއްޖެއްނަމަ އެހާ ފަސޭހައިން މާފު ނުދޭނެ. ވަރަށް ތުއިދައްކާ ގޮތްދައްކާނެ. ލޫސިއާންބެ ލައްވާ ފައި މައްޗަށް ތިރިކުރަން ހުންނާނީ. ބަޓް ޝީޒް ޑިފެރެންޓް. އަމީރާދެކެ ވަރަށް ރުޅިވެސް އާދޭކުރިން ރީތިކަމުން ފޮނިވެފާ. އެކަމަކު މާފުދޭން އެނގޭކުއްޖަކަށްވީމަ ލޯބިވެސް ވެވިއްޖެ. ހެނާ ގެ ހިތް މާ ރީތި. އެ އިލްމުވެރިޔާގެ ސިފަ ޖެހިގެން އައީ ކާކުކަން އެނގޭތަ؟ އާލިފް.......ޔޯ ބޮޑީގާޑް......" އެލްސާ ހިނިގަނޑެއް ޖަހައިލިއެވެ. ރަފައެލް އެކަމާއި އުފަލެއްނުވިއެވެ. ހިތަށް އަސަރުތަކެއްކުރިއެވެ. އަމީރާއަށް އެގޮތަށް އޮޅުވާލައިގެން ހުއްދަނޫންކަމެއް އެކުރުވަނީ ކީއްވެހެއްޔެވެ؟ލިބޭ ދަރިން އިންސާނުންނަކަށް ނުވާނެއެވެ. އެކުދިންވާނީ ހަމަ އެލްސާމެންނަށެވެ. ނަމަވެސް ރަފައެލް ޚިޔާރުކުރީ ހިމޭންކަމެވެ. ޖިންނިންނާއި އިންސާނުންގެ ދޭތެރޭގައި އޭނަމިވަނީ ފާޑަކަށް ފިތިފައެވެ. އަމީރާ މާފު ނުދިންނަމައެވެ. ލޫސިއާންއާއި ވަކިވިނަމައެވެ. ނަމަވެސް ތަގުދީރަކާއި އޭނައަށްވެސް ނުކުޅެވޭނެއެވެ.

އަމީރާއާއި ލޫސިއާންގެ ކައިވެނީގެ ކުޑަ ހަފްލާއެއް ބޭއްވުނެވެ. ރަސްމީކޮށް އެންމެނަށް އެނގިގެން އެކައިވެނިވެސް ކުރެވިއްޖެއެވެ. އެހަފްލާގައި ބައިވެރިވާނެ ވަރެއް ހެނާގެ ގަޔަކު ނެތެވެ. ހޮޑުލައިލައި ވަރުދެރަވެ އޮންނަ ތަނުން ނުތެދުވާއިރުވެސް ރޮޒާލިއާވެސް އެދަރިފުޅުގެ މަތިން ހަދާނެއް ނުހުރެއެވެ. އޭނަ އުޅުނީ އަމީރާގެ ކައިވެނީގެ ކަންތައްތަކުގައި އަވަދިނެތިއެވެ. ލޫސިއާންގެ ރީތިކަމާއި ފުރިހަމަކަމުން ރޮޒާލިއާ އުފާވިއެވެ. އަތުކުރީގައި އަޅާފައިވާ އަގުބޮޑު ގަޑިއާއި ބޭނުންކުރާ އަގު ބޮޑު ސެންޓުގެ ސަބަބުން އެއީ މުއްސަންޖެއްކަން ޔަގީންވިއެވެ. އަމީރާ މަސައްކަތްކުރާ އޮފީހަކީ ލޫސިއާންއާއި ރަފައެލްގެ ބައްޕަގެ ތަނެއްކަން އެނގުނީވެސް ކައިވެނި ކުރެވުނު ދުވަހުއެވެ. އޭގެ ކުރިންވެސް ރޮޒާލިއާ އަމީރާއަށް އެންގީ ވީހާވެސް އަގުބޮޑުކޮށް ކައިވެނީގެ ރަން ކިޔުމަށެވެ. މިޒަމާނުގައި ކިތަންމެ ލޯބިން އިނދެފައިވެސް ވަރިކޮށްލާނެ ކަމަށާއި ކައިވެނީގެ ރަން އެމީހާގެ ޒިންމާގައި ހަރުލާފައިވާނެތީ ވީހާވެސް އަގުބޮޑުކޮށް ކިޔަން އެންގީއެވެ. އެއްލައްކަ ރުފިޔާ ލޫސިއާން އެންމެންގެ ހާޒިރުގައި އަމީރާއަށް ދިންތަން ފެނުމުން ރޮޒާލިއާގެ ހުރިހާ ދަތްތައް ފެނިލިއެވެ. ރަފައެލް އަށް އެކަން ފާހަގަވިއެވެ. އާއިލާގެ ފަރާތުން ކައިވެނީގެ ހަފްލާގައި ބައިވެރިވާން އައީ އޭނައާއި މަންމަ އެކަނިއެވެ. ކޮޓެޖްގައި ކިތަންމެ ސިއްރެއް އެކުލެވުނަސް އެއީ ސިހުރު ހަދާމީހުން އުޅުނުތަނަކަށްވިޔަސް އޭނަގެ މައްސަލައެއް ނެތެވެ. ބޭނުމީ ފައިސާއާއި ތަނަވަސްކަމެވެ. ނަޝީދު ރުޅިއައިސްގެން ދަތްތައް ވިކައިގެން ހުރިއިރު އެ ދަހިވެތި ނަޒަރު ކިތަންމެ ފަހަރަކު ނަބީލާއާއި އަމީރާގެ މައްޗަށް ހުއްޓުނެވެ. އަމީރާ އެންމެ އުފާވީ އެނުލަފާ ދޮންބައްޕަގެ ނުފޫޒުން ސަލާމަތް ވެ އެހެން ހިޔާވަހިކަމެއް ލިބުނުކަމަށްޓަކައެވެ.

އެރޭ ލޫސިއާން އަމީރާއަށް ދިން ރަންތަކާއި ގަހަނާތައް ފެނުމުން ރޮޒާލިއާ މޮޔަނުވީ ކިރިޔާއެވެ. އެހެން މީހަކަށް ފެނިދާނެތީ ބިރުން އަމީރާ ކައިރީގައި ބުނީ އަވަހަށް ފޮރުވުމަށެވެ.

ފަހުން ނަބީލާއާއި ދެމީހުން އެކަހެރިވެ ދެއްކި ވާހަކައެއްގައި ނަބީލާ މާޒީގެ ދުވަހެއް ހަދާންކޮށްލަދިނެވެ. ރޮޒާލިއާ އޭނަގެ ކައިރީގައި ވީ ވައުދު އެންމެ ފަހުން ފުދުނީކަމުގައި ބުނުމުން ރޮޒާލިއާއަށް އަނަގަމަތީގައި އަތްއެޅުނެވެ. ތެދެކެވެ. އޭނަ ނަބީލާއާއި ކުރިން ވަރަށް އެކުވެރިވާނެއެވެ. އެއްދުވަހު އޭނަ އަމީރާ ގޮވައިގެން ހިގާލަންދަނިކޮށް ނަބީލާއަށް ފެނުނެވެ. ދަރިފުޅުގެ ރީތިކަމަށް އެތައްފަހަރު ތައުރީފުކުރިއެވެ. އޭނަގެ ފިރިހެންދަރިފުޅާއި ކައިވެނިކުރުވަން ވައުދުކުރުވިއެވެ. ނަބީލާ އަމީރާގެ ކަރުގައި ރަންފަށެއް އެޅުވިއެވެ. ދެކުދިން ދެ ތާ ތިއްބަސް ކައިވެނިކުރުވުނީ ކަމުގައި ބުނެލިއެވެ.

ނަބީލާގެ ފިރިމީހާ ނާޒިމްއަކީ ސިހުރުހަދާމީހެއް ކަމުގައި އަޑު ފެތުރި ނަބީލާ މޮޔަވުމަށްފަހު ރޮޒާލިއާ އެހިސާބުން ގުޅުން ކަނޑައިލިއެވެ. އެގެ ފެނުނަސް އޭނަ ބިރުގަންނަން ފެށިއެވެ. ރަށް ދޫކޮށް ދާންޖެހުނުކަމީ އޭނަގެ ނަސީބެވެ. ނަމަވެސް އެންމެފަހުން އެނބުރި އަންނަން ޖެހުނީ ކޮޓެޖަށެވެ. މިފަހަރު ސިހުރަށްވިޔަސް އެހެން ކަމަކަށްވިޔަސް ރޮޒާލިއާ ލޮލާއި ބޮލުން ގަބޫލެވެ.

އަމީރާ އެރޭ ކޮޓެޖަށް ދިރިއުޅުން ބަދަލުކުރިއެވެ. ލޫސިއާންގެ ހަލާލު އަންބެއްގެ ގޮތުގައި ހުރެ އެގެއަށް އެޅި ފުރަތަމަ ފިޔަވަޅުންވެސް އަމީރާއަށް ތަފާތު އުފަލެއް ހާސިލުކުރެވުނެވެ. ކައިވެނީގެ އުފާތައް މިރޭ އޭނަ ހޯދާނީ ހިތްހަމަޖެހުމާއި އެކުގައެވެ. މިރޭ އެކަމަށް ކުޑަވެސް ހުރަހެއްނެތެވެ. އެހެން ހިތަށް އަރާފައިވެސް ލޫސިއާންގެ އަތުގެ ތެރޭގައި އޮތް އޭނަގެ މަޑު އަތްތިލައިގާ އޭރު ކުޑަ ތުރުތުރުލުމެއް ހުއްޓެވެ. ހިތް އަވަސްވިއެވެ. ގެއަށް ވަންއިރު އާއިލާގެ އެންމެން އޭނައަށް މަރުހަބާކިޔަން ތިއްބެވެ. މުޅި އެގެވެސް އޮތީ ބައްތިތަކުން ދިއްލާ ޒީނަތްތެރިކޮށްލާފައެވެ. މުޅިގެވެސް މާމެލާމެލިން ޒީނަތްތެރިކޮށް މީރުވަސް ދުއްވާލާފައެވެ. އެތައް ބަޔަކު އުޅޭކަން އިހުސާސްކުރެވުނަސް ފެނުނީ މަދު ބަޔެކެވެ. ތައާރަފުކޮށްދިންއިރު މިހުރީޒުގެ މަންމަމެންނާއި ލޫސިއާންގެ ބޭބެމެންވެސް އެތާ އުޅުނުކަން އެނގުނެވެ. ލޫސިއާން ސަމާސާއަކަށް ހަދާފައި ބުނީ އިންސާނުންގެ ލޯތަކަށް އެމީހުން ފެނުމުގެ ބާރެއް ނެތްކަމުގައެވެ. ފުރަތަމަ ފަހަރަށް ލޫސިއާންގެ ކޮއްކޮ އެލްސާއާއި ބައްދަލުވުމުން އެ އަޑުގައި ދަންނަގޮތެއް ހުރިކަން ފާހަގަކުރެވުނެވެ. އަމީރާ ވިސްނުންތެރި ނަޒަރަކުން ބަލަންފެށުމުން އެލްސާ ހީގަތެވެ. އެ "ހިނިގަނޑު" ހަމަ ވަރަށް ދަންނަ ވައްތަރެވެ. އެލްސާ ކައިރިން އެހުމުންވެސް އޭނަ ބުނާކަށް ނޫޅުނެވެ. ނޫކުލައިގެ ސަރުބަތަކާއި މޭވާ ކައިގެން އެންމެންވެސް ކޮޓަރިތަކަށް ނިދަންވަނެވެ.

ލޫސިއާންގެ ކޮޓަރިވެސް ހުރީ ވަރަކަށް ޒީނަތްތެރިކޮށް ބޮޑު އެނދުވެސް މަލުން ބަރާކޮށްލާފައެވެ. މާމެލާމެލީގެ މީރުވަހުން ހިތްތައް ދިރުވާނެއެވެ. ދުވާލު ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެރޭ އޮތީ ފިނިފައިބާފައެވެ. ކޮޓަރީގެ އޭސީ އެންމެ ފިނިކޮށްފައިވާތީ އެތަނަށް ފިނި މޫސުމް އައިސްފައިވާހެން ހީވިއެވެ. ވަގުތުން ރޫރޫ އަޅައިގަތެވެ. ކުޑަދޮރުން ބޭރަށް ބަލައިލިއިރު ހަނދު ފުރިހަމަކަމާއިއެކު ފަލަކުގައި ވިދަ ވިދާހުއްޓެވެ. ގައިގާ ފިރުމާދެމުން ދިޔައީ ގަނޑުފެނުގެ ފިނިކަން އެކުލެވޭ ރޯޅިތަކެވެ. އޭސީ ނިވާލަން ރިމޯޓާއި ކުޅެލާފައިވެސް އޭނަ އެކަމެއް ބޭނުމެއްނުވިއެވެ. އޭނަ ބޭނުމީ ލޫސިއާންގެ ހޫނުކަމުން ހީ ފިލުވައިލާށެވެ. އެއަތުގެ ހިމާޔަތުގައި މުޅިރޭ ހޭދަކޮށްލުމެވެ. މިހާ އިޝްގީ މާހައުލެއްވާނެ ހެއްޔެވެ؟ އަމީރާގެ މޫނަށް ލަދުވެތިކަމުގެ ރަތްކުލަ ވެރިވީ އަލަތު ކައިވެންޏަށް ތައްޔާރުވެފައިވާ އަންހެންކުއްޖެއް ފަދައިންނެވެ. ލޫސިއާން އައިސް ކައިރީގައި ހުއްޓުމުން ލަދުންގޮސް ލޫސިއާންގެ މޫނަށް ބަލައިލާކަށްވެސް ނުކެރުނެވެ. ލޫސިއާން އަމީރާގެ ދަތްދޮޅީގައި ހިފާލާފައި އިސްއުފުލުވާލިއެވެ. އެއާއިއެކު ކުރިން އިސްނެގުނީ ކާކަށް ކަމެއްވެސް ނޭގުނެވެ. އެކަކު އަނެކަކުގެ އަތުގެ ތެރެއަށް ވަދެވުނީ ހުރިހާކަމެއް ހަނދާން ނައްތާލާފައެވެ.

ހެނާ އެހާ ބަލިވެއުޅޭކަން އެނގޭއިރުވެސް ރޮޒާލިއާ އެކަމާއި އެހާ އަޅައެއްނުލައެވެ. ދޭތެރެއަކުން އާޒް ގޮވައިގެން ވަދެލާފައިވެސް މޫމިނާއާއި އަނގަތަޅަން އިނދެލާފައި ދަނީއެވެ. މޫމިނާ މައިކަލް ގާތު ބުނެގެން ހުތް އަނބު ޖަންބުފަދަ ތަކެތި ހެނާއަށް ގެނުވައެވެ. ވަރުދެރަކަމުން ފެންވަރަން ތެދުވާނެ ހިތްވަރެއްވެސް ހެނާގެ ގަޔަކު ނުހުރެއެވެ. މައިކަލް ސެންޓު ޖެހިޔަސް ހެނާ އުދަގޫވެގެން އުޅެއެވެ. އެކަނިވެރިކަމާއި ހިތްދަތިކަމުގެ ސާލެއް އޮޅާލައިގެން ހެނާ ކޮޓަރިން ނުނިކުމެ އޮންނައިރު ޒޯހަންގެ ޚިޔާލުތައް ކިތަންމެހާވެސް އުދަގޫކުރެއެވެ. މިދަރިފުޅުގެ ބައްޕަ ޒޯހަންއަށް ވެދާނެއޭ ހިތްބުނަނީ އޭނަ އޮވިއުލޭޝަން ކެލެންޑަރުން ބެލިއިރު އެރެއާއި ދިމާވީ ޒޯހަންކަމަށް ވާތީއެވެ. އެކަމާއިހުރެ ވިސްނަ ވިސްނާ ހަދާނެގޮތެއް ނޭގުނެވެ. މައިކަލްގެ ކައިރީ ބުނަން ބޭނުންވިޔަސް ވާހަކަދައްކާލާނެ ހިތްވަރެއްނެތްއިރު އެހާ ބޮޑު ޚަބަރެއް ދެވޭނެހެއްޔެވެ؟ ހެއްދެވި ފަރާތާއި ވަކީލުކޮށްގެން ރަގަޅުގޮތެއް ވުމަށް އޭނަ ދުޢާކުރެއެވެ. ކިރިޔާ ލޯ ހުޅުވައިލެވޭ ވަރުވިޔަސް އޭނަ ނަމާދުކުރަން ތެދުވެއެވެ. އެހެން އޮންނައިރު ޒިކުރުކުރެއެވެ.

މައިކަލްއާއި ޒޯހަން ސިޓިންރޫމްގައި ކޮފީ ބޯން ތިއްބާ ކޮޓަރިތެރެއިން އެއްޗެއް ވެއްޓުނުއަޑާއިއެކު ބަލިއަޑަކުން އައްދިއްޔޯތް ކިޔާލިއަޑަށް ދެމީހުންނަށްވެސް އެދިމާލަށް ދުއްވައިގަނެވުނެވެ. ހެނާ ފެންވަރަންވެގެން އުޅުނުކަން އެނގޭތީ މައިކަލް ކަންބޮޑުވިއެވެ. ފެންވަރަންހުއްޓާ ހެނާ ވަރުބަލިވެގެން އަނބުރައިގަތީކަމަށް ވެދާނެއެވެ. އެހެންވެ ކޮޓަރީގެ ދޮރު ހުޅުވާފައި މައިކަލް ޒޯހަން ކައިރީ ބުނީ ހެނާގެ ހާލު ބަލައިލަން ވަނުމަށެވެ. ޒޯހަން ހުރީ ޖެހިލުންވެފައެވެ. ނަމަވެސް ހަގީގަތަކީ އަދިވެސް ހެނާއަކީ އޭނަގެ އަންހެނުންނެވެ. ހެނާ ވިހަންދެން ޒޯހަން ފިރިމީހާގެ ގޮތުގައި ހުރެދޭން އެދުނީވެސް މިފަދަ ދުވަހެއް އައިސްދާނެކަމަށް މައިކަލްއަށް ވިސްނިފައެވެ. ހެނާ އުޅެނީވެސް އެހާ ބަލިކޮށެވެ. ޒޯހަން އެތެރެއަށް ވަދެފާ ބަލައިލިއިރު ހެނާ ހުރީ ތުވާލި ނައްޓާލައިގެން ހެދުމެއް ލާންވެގެންނެވެ. ޒޯހަން ވަންތަން ފެނިފާ ހާސްކަމާއިއެކު ހަޅޭއްލަވައިގެންފާ އޭނަ ފާޚާނާތެރެއަށް ދެމިގަތެވެ.

"ހެނާ. ހުޅުވަބަލަ....." ޒޯހަން ދޮރުގައި ބޯ ޖައްސައިލަމުން ހުއްޓުނުއިރު ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ. ޑްރެސިންޓޭބަލްގެ ކައިރީގައި ވެއްޓިފައި އޮތް ކުޑަ ސްޓޫލް ފެނުމުން ކޮޓަރިތެރެއިން އިވުނު އަޑަކީ އެއީކަން އެނގުނެވެ. ނަސީބަކުން ހެނާއަށް އެއްވެސް އަނިޔާއެއްނުވިއެވެ. ހެނާގެ ފަރާތުން އެއްވެސް ޖަވާބެއްނުލިބުނެވެ.

"ހެނާ އެއްވެސް އަނިޔާއެއްވިތަ؟ "ޒޯހަން ސުވާލުކޮށްލިއެވެ.

"ނުވޭ. ޕްލީޒް މިތަނުން ދޭ...." ހެނާގެ އަޑުގައި ވަރުބަލިކަން ހުއްޓެވެ. އެހާ ކުޑަ ބަހެއް ބުނުންވެސް މަސައްކަތަކަށްވި ކަހަލައެވެ.

"އޯކޭ....." ޒޯހަން ހިނިތުންވެލިއެވެ.

ހެނާ އަނިޔާއެއް ނުވާކަމަށް އެވަގުތު ހީކުރެވުނަސް ފައި ދުޅަވެގެން ޑޮކްޓަރަށް ދައްކަންޖެހުނެވެ. ހެނާ ބުނިގޮތުން އޭނަ މާބާރަށް ހިނގާފައި ދަނިކޮށް ފައި ފުރޮޅާލާފައި ވެއްޓުނުވަގުތު އެތާހުރި ގޮނޑިވެސް ވެއްޓި ފަޔަށް ތަދުވީއެވެ. ޑޮކްޓަރ ބުނީ ލިގަމެންޓަށް އަނިޔާވީކަމުގައެވެ. ފައިގާ ގަނޑުފެން އަޅާފައި ކްރެޕްބެންޑޭޖް އަޅައިގެން އަރާމުކުރަން އެންގިއެވެ. އެދުވަހު ހަވީރު އަމީރާވެސް އޮފީސް ނިންމާލާފައި އަންނަމުން ހެނާގެ ހާލުދެކެލަން ވަނެވެ. ހެނާ ސިޓިންރޫމްގެ ސޯފާއެއްގައި އޮށޯވެލައިގެން އޮތްތަން ފެނުމުން އަމީރާ ކުރިމަތީގައި ހުރި ސޯފާގައި އިށީދެލިއެވެ. ހެނާއޮތީ ފޯނާއި ކުޅެލަ ކުޅެލައެވެ.

"ކޮބާ ޒޯހަން..ނުވެސް ފެނޭ......" އަމީރާ ފާޑަކަށް ހީލައިފިއެވެ.

"ކީއްވެ ޒޯހަންގެ ވާހަކަ އެހީ......" ހެނާ ލަދުގަންނަގޮތްވިއެވެ. ނުރުހުންވެސް ވިއެވެ. އަމީރާއަށް އޭނަގެ ހިތުގެ ސިއްރު ކިޔާދީފައިވާތީ އަދިވެސް މަލާމާތްކުރަން ޒޯހަންއޭ ކިޔައިގެން ދިމާކުރަނީތާއެވެ.

"ހެނާ ހީކުރަނީ އަހަންނަށް އެއްވެސް އެއްޗެއް ނޭގޭކަމަށްތަ؟ އޭމޮންގެ ފަރާތުން އަހަންނަށް ހުރިހާކަމެއް އޮޅުން ފިލައިފި. އަހަންނަށް އެނގޭ ހެނާމެން އިންޑިއާއަށް ކައިވެނި ކުރަން ދިޔައީ ކީއްވެކަން. އެހެން މީހުންގެ ލޮލުގައި އަނދުން އަޅުވާފައި ކިތައް ދުވަހަށް ހަގީގަތް ފޮރުވޭނެކަމަށް ހީކުރީ. އަދި ހެނާ އެބައުޅެއެއްނު އަހަންނަށް ދޮގު ހަދަން. އެނގޭތަ؟ ދޮގު ހެދިޔަސް ކޮންމެވެސް ދުވަހަކުން ހަގީގަތް ފަޅާއަރާނެ. ބުނެބަލަ ހެނާ. ހެނާ.............." އަމީރާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު