އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

... ޢުމަރު ބުން ޢަބްދުލް ޢަޒީޒު ގަވަރނަރކަމުގެ މަޤާމު ފުރުއްވަމުން ގެންދެވީ ނުހަނު ޤާބިލްކަމާއެކުގައެވެ. އެހެންކަމުން ޢުމަރުގެ އެބޭބޭފުޅު ޢަބްދުލްމަލިކު ހުންނެވީ ޢުމަރުގެ މަސައްކަތްޕުޅާމެދު ވަރަށް ފިކުރާވެވަޑައިގެންފައެވެ.

މަދީނާގެ ގަވަރނަރކަން

ޢުމަރު ބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲގެ ބޮޑުބޭބޭފުޅު އަދި އެބޭބޭފުޅު ޢަބްދުލްމަލިކު ބުނު މަރްވާން އަވަހާރަވުމުން ޚަލީފާކަން ލިބިވަޑައިގެންނެވީ ވަލީދު ބުނު ޢަބްދުލްމަލިކަށެވެ.

އެދުވަސްވަރު އުމަވީ ދައުލަތުން މަދީނާއަށް (ޙިޖާޒުކަރަޔަށް) ފޮނުއްވާ ގަވަރުނަރުންނަކީ މާކާމިޔާބު ބަޔަކަށް ނުވެއެވެ. ގަވަރުނަރުންގެ ފަރާތްޕުޅުން ޙިޖާޒުގެ އަޝްރާފުންނަށް ލިބިވަޑައިގަންނަވާ އަނިޔާގެ ސަބަބުންނެވެ. އެކަމުގެ ޝަކުވާތައް މެދުކެނޑުމެއްނެތި ދިމިޝްޤުގެ ދަރުބާރަށް ދިޔައީ ހުށަހެޅެމުންނެވެ. އެހެންކަމުން ވަލީދު ބުނު ޢަބްދުލްމަލިކު ކަނޑައެޅުއްވީ ޢުމަރު ބުނު ޢަބްދުލްޢަޒީޒު ޙިޖާޒުގެ ގަވަރނަރަކަން ބަދަލުކުރެއްވުމަށެވެ. ބައްޕާފުޅު ޢަބްދުލްމަލިކުގެ ޚަލީފާކަމުގައި ގަވަރުނަރެއްގެ ޙައިޘިއްޔަތުން އުމަރު ޚަނާޞިރާގައި ހޯއްދަވައިފައިވާ ކާމިޔާބީ އާއި ޙިޖާޒުކަރައިގައި ޢުމަރަށް އޮންނަ ތަރްޙީބް ވަލީދަށް އެނގިވަޑައިގަންނަވާތީއެވެ. ޢުމަރުގެ ރީތި ސީރަތާއި ޢިލްމުވެރިކަމާހުރެ ޙިޖާޒުގެ އަޙްލުވެރީން ޢުމަރަށް ވަރަށް ކަމޭހިތައެވެ.

އިބުނުލް ޖައުޒީ ރަޙިމަހުﷲ "ސީރަތު ޢުމަރު ބުނު ޢަބްދުލްޢަޒީޒު" ގައި ލިޔުއްވައިފައިވެއެވެ. ވަލީދު ބުނު ޢަބްދުލްމަލިކު ޙިޖާޒުގެ ގަވަރނަރކަމުގެ މަޤާމު ޢުމަރަށް ހުށަހެޅުއްވުމުން ޢުމަރު އެމަޤާމު ޤަބޫލު ކުރައްވާނީ ޝަރްޠެއްގެ މަތީންކަމުގައި ވިދާޅުވިއެވެ. އެޝަރުޠަކީ އެހެނިހެން ގަވަރނަރުންނަށް މަޖްބޫރުކުރެވޭގޮތަށް ރައްޔިތުންނަށް އަނިޔާކުރައްވަން ޢުމަރަށް މަޖްބޫރުނުކުރެއްވުމެވެ. ބައިތުލްމާލަށް ޙިޖާޒުކަރައިން ލޯލާރިޔެއް ނުލިބުނުކަމުގައި ވިޔަސްވެހެވެ. ޚަލީފާ ވަލީދު އެޝަރްޠު ޤަބޫލުކުރައްވައި ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ޙިޖާޒުގެ ގަވަރނަރކަމަށް ބަދަލުކުރެއްވިއެވެ. ހިޖްރައިން އައްޑިހަ ހަތްވަނައަހަރުގެ ރަބީޢުލްއައްވަލުމަހުގައެވެ.

ޙިޖާޒުގެ އަހްލުވެރީންނަށް އެޚަބަރުލިބުމުން ވަރަށް އުފާކުރިއެވެ. އެބައިމީހުން ޢުމަރާ ގުޅުވައިފައިވާ އުންމީދަކީ ޢަދުލުވެރިކަމެވެ. ޢިލްމުވެރީންނަށް ޤަދަރުކުރެއްވުމާއި އަހްލުބައިތުންނަށް ކަމޭހިތްތެވެމުވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު މަދީނާއަށް ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ތުއްޕުޅުއިރުގެ ބައެއް އެކުވެރީންނާއި އެކުގައި ކިޔަވައި ވިދާޅުވި ބައެއް ބޭކަލުން އިސްތިޤްބާލުގައި ތިއްބެވިއެވެ. އެބޭކަލުން ހީފުޅު ކުރައްވައިގެން ތިއްބެވީ ޢަބްދުﷲ ބުނު ޢުމަރު ރަޟިޔަﷲ ޢަންހު އާއި، ޞާލިޙު ބުނު ކައިސާނު ރަޙިމަހުﷲގެ ތަރްބިޔަތު، ލިބިވަޑައިގެން ހުންނެވި އުމަރު ބުނު ޢަބްދުލްޢަޒީޒު ވެވަޑައިގަންނަވާނީ ތަވާޟުޢުވެރިކަމާއި ޒާހިދުކަމުގައި އަބޫހުރައިރާ އާއި މުޞްޢަބު ބުނު ޢުމައިރު (ރަޟިޔަﷲ ޢަންހުމާ) ގެ ނަމޫނައަކަށް ކަމުގައެވެ. ޢަދްލުވެރިކަމުގައި މުނިމާމާފުޅު އުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ނަންފުޅު ދިރުއްވާނެ ބޭކަލަކަށް ކަމުގައެވެ. ނަމަވެސް ހަމައެކަނި ޢުމަރު ޒާތީ އެއްޗެހިކޮޅު ތިރީސްޖަމަލުގައި ގެނެވުނު ތަން ފެނިވަޑައިގެންނެވުމުން އެބޭކަލުން ޙައިރާންފުޅުވެ އަންތަރީސްވެވަޑައިގެންނެވިއެވެ. އެބޭކަލުންނަށް ވިދާޅުވެވުނު " ވެރިކަމުގެ އާރާއިބާރާއި ޖާހުގެ ދަށުގައި ޢިލްމު ވަޅުލެވިއްޖެއެވެ."

ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އެކަލޭގެފާނުގެ އެއްޗެހިކޮޅު ބޭލުއްވީ ކާފާފުޅު މަރްވާނު ބުނުލް ޙަކަމުގެ ގަނޑުވަރަށެވެ. މެންދުރު ނަމާދު ކުރައްވައި ނިމިވަޑައިގެން މަދީނާގެ އެންމެ ކުރިޔަށް ތިއްބެވި އިލްމުވެރީންނާއި ފިގުހުވެރީންގެ ދިހަބޭކަލުން އަރިހަށްގެންނެވިއެވެ. އެބޭކަލުންގެ ކުރިފުޅުމަތީގައި ވަރަށް އަސަރުގަދަ ތަޤްރީރެއް ކުރެއްވިއެވެ. އެތަޤްރީރުގައި މާތްﷲގެ ރަސްކަންފުޅު ވާސިޠާއަކަށް ހައްދަވައި ވިދާޅުވިއެވެ. " އެއްވެސް މީހަކަށް އަނިޔާއެއް ލިބޭތަން ފެނިވަޑައިގެންފިނަމަ އަޅުގަނޑަށް އަންގަވައިދެއްވާށެވެ. ޚާއްޞަކޮށް އަޅުގަނޑުގެ އެއްވެސް އޮފިސަރަކު މީހަކަށް އަނިޔާއެއް ކުރިކަން އެނގިވަޑައިގެންފިނަމަ މާތްﷲއަށްޓަކައި އަޅުގަނޑަށް މަޢުލޫމާތު ދެއްވާށެވެ. އަނިޔާވެރިކަން ހުއްޓުވައި ޢަދުލުވެރިކަން ޤާއިމުކުރުމުގައި އަޅުގަނޑަށް އަތްބާރު އަޅުއްވައި ދެއްވާށެވެ. އަރަހުށި މާތްﷲ ތިޔަބޭކަލުންނަށް އެކަމުގެ ދަރުމަ ދެއްވާނެއެވެ. ތިޔަބޭކަލުންނަކީ ޙައްޤަށް ނަޞުރު ދެއްވާ ބޭކަލުންކަމުގައި ވެވަޑައިގަންނަވާނެއެވެ. އިރާދަކުރެއްވިއްޔާ ތިޔަބޭކަލުންގެ ލަފާފުޅާއި މަޝްވަރާ ނުހޯދައެއް އަޅުގަނޑު އެއްވެސްކަމެއް ނުނިންމާނަމެވެ."

ފިޤުހުވެރީންނާއި ޢާލިމުން އެނބުރިވަޑައިގެންނެވީ ޢުމަރަށް ހެޔޮދުޢާކުރައްވަމުންނެވެ. މަދީނާގެ އަހްލުވެރީންނަށް އެޚަބަރު ލިބުމުން އެންމެންވެސް ޢުމަރަށް ހެޔޮ ދުޢާކުރިއެވެ. ތުއްޕުޅުއިރުގެ އެކުވެރީންނާއި އެކުގައި ކިޔަވއި ވިދާޅުވި ރަޙްމަތްތެރީން އެޚަބަރު ލިބިވަޑައިގަތުމުން ވިދާޅުވިއެވެ. "ޚިލާފަތުގެ ޚާންދާނުގެ ބޭފުޅަކަށްވާތީ ބޭރުފުށުގެ އަބުއިކަމާއި ފުރަމާނަކަން ވަނީ ޝައްކެއްނެތްގޮތުގައި އުފެދިފައެވެ. ނަމަވެސް މަދީނާގެ އިލްމުވެރީންގެ އަރިހުން ފުރާނަފުޅަށް ލިބިވަޑައިގެންނެވި މާތްކަމާއި އާރޯކަމާއި ތާޒާކަން އަދިވެސް ދެމި އެބަހުއްޓެވެ."

ޢުމަރު ބުނު އަބްދުލްޢަޒީޒު ވެވަޑައިގެންނެވީ ޙިޖާޒުގެ ވަރަށް ކާމިޔާބު ގަވަރުނަރެއްކަމުގައެވެ. ޙިޖާޒުގެ އަހްލުވެރީންނަށް އުމަވީންގެ ފަރާތުން ލިބެމުންދިޔަ އަނިޔާތައް ގާތްގަނޑަކަސް ނިމުމަކަށްގެންނެވިއެވެ. ހަމައެއާއެކު ޙިޖާޒުން ދައުލަތަށް ލިބޭ ވާރުވެސް އެތައްތަނެއް އިތުރުކުރެއްވިއެވެ. އެއްވެސް އަނިޔާއަކާ ނުލައެވެ. ހިންގެވުންތެރިކަމާއި ރޭއްވެވުންތެރިކަމުގެ ޒަރީޢާއިންނެވެ. ޚަޒާނާއާމެދު އަމާނާތްތެރިވެވަޑައިގަތުމާއި ބެލެހެއްޓުންތެރި ވެވަޑައިގަތުމުގެ ޒަރީޢާއިންނެވެ. އެހެންކަމުން ޚަލީފާ ވަލީދަށް ޢުމަރާމެދު ޝަކުވާ ކުރައްވާނެ ޖާގައެއް ލިބިވަޑައެއް ނުގަންނަވައެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު މަދީނާ ގަވަރުނަރކަމުގެ މަޤާމުގައި ހުންނެވި އިރު މަދީނާގެ ތަރައްޤީއަށާއި، އިސްލާމްދީނަށް ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވިއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ދެޚިދުމަތަކީ އަލްމަސްޖިދުއްނަބަވީ އަލުން ޢިމާރާތް ކުރެއްވުމާއި ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރައުޟާ މަރާމާތުކުރެއްވުމެވެ.

މަސްޖިދުއްނަބަވީ ބިނާކުރެއްވުން

އަމީރުލް މުއުމިނީން ޢަލީ ކައްރަމަﷲ ވަޖްހަހޫއަށްފަހު ވެރިކަންކުރެއްވި އެއްވެސް ވެރިޔެއް މަސްޖިދުއްނަބަވީ އަކާ އަޅުއްވައެއް ނުލައްވައެވެ. ނަމަވެސް ހިޖްރައިން އައްޑިހައަށްވަނަ އަހަރު ޚަލީފާ ވަލީދު ބުނު އަބްދުލްމަލިކު އަލްމަސްޖިދުއްނަބަވީ އަލުން ޢިމާރާތްކުރައްވަން ހަމަޖެއްސެވިއެވެ. ޚަލީފާ ވަލީދަކީ އިސްލާމީ ރީތި ޢިމާރާތްތަކެއް ބިނާކުރެއްވުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ބެހެއްޓެވި ބޭކަލެކެވެ. އެކަލޭގެފާނު ބިނާކުރެއްވި އިސްލާމީ އިމާރާތްތަކުގެ ތެރޭގައި އަލްޤުދުސުގައި ހުންނަ އަލްމަސްޖިދުލް އަޤްޞާ އާއި، ޤުއްބަތުއް ޞަޚްރާ އާއި، ދިމިޝްޤުގެ މަސްޖިދު އަލްޖާމިޢުލް ޢުމަވީ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ.

ވަލީދު ބުނު އަބްދުލްމަލިކު މަދީނާގެ ގަވަރނަރ ޢުމަރު ބުނު ޢަބްދުލްޢަޒީޒަށް ފަތްކޮޅެއް ފޮނުއްވިއެވެ. އެފަތްކޮޅުގައި އަންގަވައިފައިވަނީ މަސްޖިދުއްނަބަވީ އެކަން ރޫޅާލައްވައިފައި އަލުން ޢިމާރާތް ކުރެއްވުމަށެވެ. އެފަތްކޮޅުގައިވެއެވެ.

"މަސްޖިދުއްނަބަވީގެ މުސްކުޅި ޢިމާރާތް ރޫޅައިލައްވައި އަލުން ޢިމާރާތް ކުރައްވާށެވެ. ޢިމާރާތްކުރައްވާއިރު އުންމަހާތުލް މުއުމިނީންގެ ކޮޓަރިކޮޅުތައްވެސް މިސްކިތާ އެއްކޮށްލައްވާށެވެ. ވަށައިގެން ކައިރި ކައިރީގައ ހުރި ގޭގެ އާއި ފިހާރަތައްވެސް ބައްލަވައިގެންފައި އެތަންތާނގެ ބިން މިސްކިތަށް ލައްވާށެވެ. ގެއެއް ނުވަތަ ފިހާރައެއް ވިއްކަން އެއްވެސް ފަރާތަކުން އިޢުތިރާޟުކޮށްފިނަމަ އަގުދެއްވައިފައި އެތަނެއް ސަރުކާރަށް ނަންގަވާށެވެ. އެގޮތުން ސަރުކާރަށް ނަންގަވާ އިމާރާތެއްގެ ވެރިފަރާތުން އަގާ ޙަވާލު ނުވެއްޖެނަމަ އެފައިސާއެއް ފަޤީރުންނަށް ޚައިރާތް ކޮށްލައްވާށެވެ."

ޢުމަރު ބުނު ޢަބްދުލް ޢަޒީޒު އެއަމުރުފުޅު ފުރިހަމަޔަށް ތަންފީޒުކުރެއްވިއެވެ. އައްޠަބަރީ ބަޔާންކުރައްވާ ގޮތުގައި މިހެޔޮކަމުގައި އެއްވެސް ފަރާތަކުން އެފަރާތެއްގެ ޢިމާރާތެއް ސަރުކާރާ ޙަވާލުކުރާކަށެއް ފަހެއް ނުޖެހެއެވެ. އެންމެންވެސް އަގު ޤަބޫލުކޮށް އިމާރަތްތައް ސަރުކާރާ ޙަވާލުކުރިއެވެ. ނަމަވެސް ބައެއް އެހެނިހެން ރިވާޔަތްތަކުގައި ވާގޮތުން ބައެއް ޢިމާރާތްތައް ސަރުކާރަށް ނެންގެވުމުގައި ބާރުގެ ބޭނުން ކުރައްވަން ޖެހިވަޑައިގެންނެވިއެވެ.

އެދުވަސްވަރު ރޯމުގެ ޤައިޞަރާއި އިސްލާމީ ދައުލަތާ ދެމެދު ރަޙްމަތްތެރިކަމުގެ ގުޅުން އޮތެވެ. އެހެންކަމުން ޚަލީފާ ވަލީދު ޤައިޞަރަށް ސިޓީފުޅެއް ލިޔުއްވިއެވެ.

"އަޅުގަނޑު މިއުޅެނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިސްކިތްކޮޅު އަލުން ޢިމާރާތްކުރަންވެގެންނެވެ. އެހެންކަމުން ޢިމާރާތްކުރަން ބޭނުންވަ ތަކެތީގެ ތެރެއިން މަނިކުފާނަށް ފޮނުއްވެވޭން ހުރި އެއްޗެއް ފޮނުއްވުން އެދެމެވެ."

ވަލީދުގެ ސިޓީފުޅާ ވިދިގެން ޤައިސަރު އެއްލައްކަ މިޘްޤާލުގެ ރަނާއި، ހިލައާއި ލަކުޑީގައި ކުރެހުން އަޅާ ބާވަތްތަކުގެ ސާޅީސް ގަޓަރި ފޮނުއްވިއެވެ. އިމާރާތްކުރުމުގެ މާހިރުންގެވެސް އެތައް ބަޔަކު ފޮނުއްވިއެވެ. މަސައްކަތަށް ބޭނުންވާ ބައެއް ތަކެތި މަދާއިނުންވެސް ގެނެވުނެވެ.

މަސައްކަތްތެރީންނާއި، މަސައްކަތަށް ބޭނުންވާ ތަކެތި ލިބިވަޑައިގެންނެވުމުން، އުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ މަދީނާގެ ޢިލްމުވެރީންނާއި ފިޤުހުވެރިން ކުރެ ޤާސިމް ބުނު މުޙައްމަދު ބުނު އަބީބަކުރު އާއި، ސާލިމު ބުނު ޢަބްދުﷲ ބުނު އުމަރު އާއި، އަބޫބަކުރު ބުނު ޢަބްދުއްރަޙްމާން ބުނު އަބީބަކުރު އާއި، ޢުބައިދުﷲ ބުނު އަބްދުﷲ ބުނު ޢުތުބާ އާއި، ޢަބްދުﷲ ބުނު ޚާރިޖާ ބުނު ޔަޒީދު އާއި، ޢަބްދުﷲ ބުނު ޢަބްދުﷲ ބުނު ޢުމަރު އާއި އަދި މިނޫންވެސް ބައެއް ބޭކަލުން (ރަޙިމަހުމުﷲ) ގޮވައިގެން ވަޑައިގެން އެބޭކަލުންގެ ޙާޒިރުގައި މިސްކިތްކޮޅު ރޫޅައިލައްވައި، އެބޭކަލުން ލައްވައި އައު އިމާރާތުގެ ބިންގާ އެޅުއްވިއެވެ.

ޢުމަރު ބުނު ޢަބްދުލްޢަޒީޒު، އަލްމަސްޖިދުއްނަބަވީ ބިނާކުރެއްވިއިރު މިސްކިތުގެ ހުޅަނގުފަރާތުން ވިހި މުށް، އިރުމަތީ ފަރާތުން ތިރީސް މުށް އިތުރު ކުރެއްވިއެވެ. އުތުރުފަރާތުންވެސް މިސްކިތް ބޮޑުކުރެއްވިއެވެ. ޢިމާރާތް ކުރެއްވީ ކުރެހުން އެޅި މޮޅު ހިލައިންނެވެ. މިސްކިތްކޮޅުގެ ހަތަރު ކަނުގައި ހަތަރު މުންނާރު ބިނާކުރެއްވިއެވެ. އޭގެކުރިން މަސްޖިދުއްނަބަވީގައި މުންނާރެއް ނުހުރެއެވެ. މިސްކިތްކޮޅުގައި ވިހި ދޮރުކޮޅު ބެހެއްޓެވިއެވެ. މިހުރާބުތައް ހައްދަވައި ފާރުތަކުގެ އެތެރޭގައި ސަންގުމަރުމަރު ހިލައާއި އެކިކުލަކުލައިގެ މުށި ޖެއްސެވިއެވެ. ތަނބުތައް ޖެއްސެވިއިރު އެތެރެއަށް ދަގަނޑާއި ތިމަރަ އެޅުއްވިއެވެ. ފުރާޅުގެ ދަށުން ހައިވަކަރު "ފުރާޅެއް" ލެއްވިއެވެ. ބުނެވޭ ގޮތުގައި ހައިވަކަރު ފުރާޅު ލެއްވީ ފިނިހޫނުމިން އެއްވަރު ކުރެއްވުމުގެ އެހީއެއްގެ ގޮތުންނެވެ. ތަނބުތަކުގެ މަތީކޮޅުގައްޔާއި، ދޮރުތަކުގެ މަތީއޮޅީގައްޔާއި ހައިވަކަރު ފުރާޅުގައި ރަން ގިރިޓީ ކުރެއްވިއެވެ. ކުރެހުންތަކާއި ވެޔޮގަނޑު ގަނޑު އެޅުއްވިއެވެ. މަސައްކަތްތެރިޔަކު އަޅާ ކޮންމެ ކުރެހުންގަނޑެއް ނުވަތަ ވެޔަގަނޑެއް ނިންމައިލުމުން އެމީހަކަށް މަޖޫރީގެ އިތުރުން ތިރީސް ދިރުހަމްގެ އިނާމެއް ދެއްވައެވެ.

ޢުމަރު ބުނު ޢަބްދުލް އަޒީޒު ރަޙިމަހުﷲ، އަލްމަސްޖިދުއް ނަބަވީ ޢިމާރާތްކުރައްވަމުން ގެންދެވީ އަމިއްލަފުޅު އިސްނެންގެވުމަކަށް ކުރެއްވި އަމިއްލަ މަސައްކަތްޕުޅެއް ފަދައިންނެވެ. އަނެއްކޮޅުން ޚަލީފާ ވަލީދު ހުންނެވީ އެމަސައްކަތްޕުޅަށް ޚަޒާނާ އަނގަމަތިކޮށް ލައްވައިގެންނެވެ. އެހެންކަމުން ޢުމަރު އެމަސައްކަތް ކުރެއްވީ ވަރަށް ފުރިހަމަޔަށެވެ. ތާރީޚު ފޮތްތަކުގައިވާ ގޮތުން ހަމައެކަނި ޤިބުލަ ފަރާތުގެ ފަރާނު ރޭނުއްވުމަށާއި، ޒީނަތްތެރިކުރެއްވުމަށް އެކަނިވެސް ޢުމަރުވަނީ ސާޅީސްފަސްހާސް އަސްރަފީ ޚަރަދުކުރައްވައިފައެވެ. މިސްކިތުގެ ބޭރުގައި ފައްވާރެއްވެސް ހެއްދެވިއެވެ.

(ނުނިމޭ)

comment ކޮމެންޓް