ފުވައްމުލަކު ގޮނޑުދޮށަށް ލައްވެފައިވާ ހިލަތައް ނަގައި ސާފުކުރަނީ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް ---

ފުވައްމުލަކު ފަރަށް އެރި ވިއެޓްނާމްގެ "އެމްވީ އެންޖީއޯސީ ސަން" ފުންކުރުމަށް ފަރުމައްޗަށް އުކާލި ހިލަތައް ފުވައްމުލަކު ގޮނޑުދޮށަށް ލައްވެފައިވާތީ، އެ ހިލަތަށް ނަގައި ގޮނޑުދޮށް ސާފުކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިދިޔަ އޮގަސްޓް މަހު ފުވައްމުލަކު ފަރަށް އެރި ބޯޓުގެ ކަންކަމާ، ރާއްޖޭން ހަވާލުވި ސެންޗޫރިއަން ޓްރާންސްޕޯޓް ސޮލިއުޝަންގެ ޗެއާމަން އަހުމަދު މައުމޫން ވިދާޅުވީ، ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ސާފުކުރުމަށް އެ ސިޓީގެ ކުންފުންޏެއް ކަމަށްވާ ފަހި ބިޒްއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

އެގޮތުން އަންނަ ހަފްތާގެ ހޯމަ ދުވަހު އެ މަސައްކަތް ފަށާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ، ފުއްވަމުލަކު ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތް ކުރާނީ ދުނިޔޭގެ ބޮޑެތި ފަރުތަކާ ގޮނޑުދޮށްތަކަށް ލިބޭ ގެއްލުންތަކާ ބެހޭ އައިޓޮޕްފްއާއި ދިވެހި ކޮންސަލްޓުންގެ ބެލުމުގެ ދަށުންކަމަށެވެ.

އޭގެ އިތުރުން އެކަމުގައި ރަށުގެ ކައުންސިލުގެ ލަފަޔާއި އީޕީއޭގެ ލަފާވެސް ހޯއްދަވަމުން ގެންދަވާނޭ ކަމަށް ވިދާޅުވިއެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމު އެޅުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހިފައިގެން ފުވައްމުލަކަށް ދިޔަ އެ ބޯޓު އެރަށުގެ ދެކުނު ފަރާތު ފަރަށް އެރުމާ ގުޅިގެން ބޯޓު ފުންކުރުމަށްޓަކާ އެ ބޯޓުގައި ހުރި 5700 ޓަނުގެ ހިލަ އާއި 5000 ޓަނުގެ ހިލަވެލި ފަރުމައްޗަށް އުކާލިއެވެ.

ސެންޗޫރިއަން އިން ބުނީ، ބޯޓު ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފައްޓައި، ފަރަށް ލިބިފައިވާ ގެއްލުން ސަރުކާރާ އެކު އައިޓޮޕްފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާނެ ކަމަށެވެ.

އެ ދިރާސާތައް ކޮށް އެއަށްވާ ޖޫރިމަނާ ދެއްކުން ކުރިއަށް އޮތް ހަފްތާގައި ހަމަޖެހިގެންދާނޭ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ސެންޗޫރިއަންގެ ޗެއާމަން މައުމޫން ވިދާޅުވީ، ފަރަށް ލިބުނު ގެއްލުން ބެލުމަށް އެކުންފުނީގެ ފަރާތުން ދިރާސާތަކެއް ހަދާފައިވާއިރު، ހެދި ދިރާސާތަކުން ފަރަށް މާބޮޑު ގެއްލުމެއް ލިބިފައިވާކަން ފާހަގަވެފައިނުވާ ކަމަށެވެ.

އެގޮތުން ގެއްލުމުގެ ޖޫރިމަނާއެއްގެ ގޮތުގައި ތިން މިލިއަން ޑޮލަރު ސަރުކާރަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެކަމުގެ އެއްބަސްވުމަކަށް އަދި ނާދެވިފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް މީގެ ކުރިން ސަން އަށް ވިދާޅުވީ، ބޯޓު ފަރަށް އެރުމާ ގުޅިގެން ފަރަށް ލިބުނު ގެއްލުމުގެ ސީދާ އަގު އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ.

ނަމަވެސް ގެއްލުމުގެ ބަދަލަށް އަރާނެ އެންމެ ބޮޑު އަގަކީ 633،733،500 ރުފިޔާ ކަމަށް ނާފިޒް ވިދާޅުވި އެވެ. އަދި އެ އަގާމެދު ދިވެހި ސަރުކާރާ ވިއެޓްނާމްގެ ސަރުކާރާ ދެމެދު މަޝްވަރާ ކުރެވި ސީދާ އަގު ކަނޑައެޅިގެންދާނެ ކަމަށް ނާފިޒް ވިދާޅުވި އެވެ.

comment ކޮމެންޓް