އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ ހަސަން ލަތީފު އެކަނި

ޙަސަން ލަތީފު: ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ ހަސަން އެކަނި-- ސަން ފައިލް ފޮޓޯ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ހުވާލި މުއްދަތު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފު އެކަނި ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ކުތިމަތިލުމަށް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލި ފުރުސަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެ އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މުއްދަތު ހަމަވިއިރު އެ މަގާމަށް ކުތިމަތި ލެއްވީ ހ. ސީވިޑް، ހަސަން ލަތީފު އެކަނި ކަމަށެވެ. ހަސަނަކީ އެ މަގާމަށް ޝައުގުވެރިކަންފާޅު ކުރައްވައި، މީޑިއާގައި ވާހަކަ ދެއްކެވި ހަމައެކަނި ބޭފުޅާ އެވެ.

ހަސަން ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޔޫތު މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. އޭނާއަކީ އިދިކޮޅު އިއްތިހާދުން އެކުލަވާލާފައިވާ ޝެޑޯ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ސިވިލް ރައިޓްސް މިނިސްޓަރު ވެސްމެވެ.

ހަސަން ސިޔާސީ ދާއިރާއަށް ނުކުންނެވީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް އުފެއްދެވި ޝޯޝަލް ލިބަރަލް ޕާޓީންނެވެ. ވަތަން އެދޭ ގޮތަށް އުފެއްދި ކޯލިޝަނަކުން 2008ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، އުފެދުނު ސަރުކާރާއެކު ހަސަން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

comment ކޮމެންޓް