ފަސް މަސް ފަހުން ރާއްޖެއަށް ޕޮކެމޯން ގޯ ރިލީޒް ކޮށްފި!

ޕޮކެމޯން ގޯ: އިއްޔެއިން ފެށިގެން ރާއްޖެއާއި ދެކުނު އޭޝިއާއަށް ޕޮކެމޯން ގޯ ވަނީ ރިލީޒް ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފަސް މަސް ދުވަސް ވަންދެން ދެކުނު އޭޝިއާ ސަރަހައްދަށް "ރީޖަނަލް ބްލޮކް"އެއް ތަންފީޒުކޮށްފައި އޮތް، ނިއަންޓެކްގެ ލޮކޭޝަން ބޭސްޑް ގޭމް "ޕޮކެމޯން ގޯ"، ރާއްޖެއަށާއި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގައި ކުޅެވޭ ގޮތް ހަދައިފިއެވެ.

ނިއަންޓެކް ލެބްސްއިން އިއްޔެ ބުނި ގޮތުގައި، ދެކުނު އޭޝިއާ ސަރަހައްދަށް ޕޮކެމޯން ގޯގެ ރަސްމީ ރީޖަނަލް ލޯންޗު ވަނީ ކޮށްފައެވެ. އަދި އިއްޔެއިން ފެށިގެން އިންޑިއާ، ޕާކިސްތާން، ނޭޕާލް، ބޫޓާން، ބަންގްލަދޭޝް، ސްރީލަންކާ އަދި ދިވެހިރާއްޖޭގައި މި ގޭމް ކުޅެވޭނެއެވެ.

"މި ގޭމުގެ އެންމެ ރަނގަޅު ތަޖުރިބާ ފޯރުކޮށްދިނުމަށް، ނިއަންޓެކްއިން ބައެއް އިދާރީ ގޮންޖެހުންތަކާ ކުރިމަތިލައި، އެކަންކަން ފުރިހަމަކުރަން ޖެހުނު،" ނިއަންޓެކްއިން ބުންޏެވެ.

ނިއަންޓެކްއިން ބުނި ގޮތުގައި، ގޫގްލް ޕްލޭއާއި އެޕަލް އެޕްސްޓޯރުން، ދެކުނު އޭޝިއާ ގައުމުތަކަށް ޕޮކެމޯން ގޯ މިހާރު ޑައުންލޯޑުު ކުރެވޭނެއެވެ.

ޕޮކެމޯން ގޯ އެންމެ ފުރަތަމަ ރިލީޒްކުރީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެއާއި އެކު މުޅި ދުނިޔޭގައިވެސް އެ ގޭމުގެ މަގުބޫލުކަން އުފެދުނެވެ.

ރީޖަނަލް ރިލީޒްތަކެއް ކުރަމުން ދިޔަ މި ގޭމު، ރިލީޒް ނުކުރާ ބައެއް ރީޖަންތަކުން ގިނަ އަދަދެއްގެ ބަޔަކު ކުޅެމުން ދިޔުމުގެ ސަބަބުން ސާވާ ސްޓަކުވުން ފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހުނެވެ. އެއާއި އެކު، ނިއަންޓެކުން ބައެއް ރީޖަންތަކަށް މި ގޭމު އެއްގޮތަކަށް ވެސް ނުކުޅެވޭ ގޮތް ހެދިއެވެ.

ޖުލައި 21 ވަނަ ދުވަހު ޖަޕާނުގައި މި ގޭމް ރިލީޒް ކުރުމާ އެކު، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުން އެ ގޭމުގެ ސާވަރ ޑައުން ކޮށްލިއެވެ. އެދުވަހުން ފެށިގެން އިއްޔެ ނިޔަލަށް، ރާއްޖެއާއި ދެކުނު އޭޝިއާގައި ޕޮކެމޯން ގޯ ނުކުޅެވެއެވެ.

ސަބަބަކީ ޕޮކެމޯން ގޯ އަކީ ލޮކޭޝަން ބޭސްޑް، އޮގްމެންޓެޑް ރިއަލިޓީ ގޭމެކެވެ. މާނައަކީ އެ ކުޅެވެނީ އަސްލު ނުފެންނަ އެއްޗެހިތަކެއް ފޯނުން ފެންނާތީއެވެ. އަސްލު ދުނިޔޭގެ ތެރެ ފޯނުން ފެންނަނީ ޕޮކެމޯންތަކާ އެކުގައެވެ. ޕޮކެމޯން ހޯދައި، އެ ހިފުމަށް މަގުމަތީގައި ޖެހޭނީ ހިނގާށެވެ. ގޭތެރޭގައި ވެސް ޕޮކެމޯންތައް އުޅޭއިރު، ގޭތެރެއިން ވެސް ޕޮކެމޯން ހިފޭނެއެވެ.

comment ކޮމެންޓް