ގިނައީ ސަލާމަތީ ނިޒާމު ގާއިމުކޮށްފައި ނެތް ގުދަންތައް: އެމްއެންޑީއެފް

އޮޕަރޭޝަންގެ ދަށުން ފަޔަރ އެންޑް ރެސްކިއު ސާވިސް އިން މާލޭގެ ގުދަނެއް ބަލައި ފާސްކުރަނީ. ގިނަ ގުދަން ތަކުގައި އަލިފާނުން ރައްކާތެރި ވާނެ އެއްވެސް ނިޒާމެއް ގާއިމު ކޮށްފައި ނުވޭ ---- ފޮޓޯ: އެމްއެންޑީއެފް

މާލޭގައި ހުރި ގުދަންތައް ބަލާ ފާސް ކުރުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 229 ތަނެއް ފާސްކޮށްފައިވާ ކަމަށާއި، ގިނަ ތަންތަނުގައި އަލިފާނުން ރައްކާތެރި ވާނެ އެއްވެސް ނިޒާމެއް ގާއިމުކޮށްފައި ނެތް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ފެށި އޮޕަރޭޝަނާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިއަދު ކަޅުތުއްކަލާ ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޮޕަރޭޝަންގެ ދަށުން އެއްކުރެވުނު މައުލޫމާތު ވަނީ ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓާފް ސާޖަންޓު އިސްތިޔާރު ހުސައިން ވިދާޅުވީ އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ ހަތަރު ޒޯނަކަށް ބަހާލައިގެން ކަމަށެވެ.

އެގޮތުން އޮޕަރޭޝަން ފަށާފައި ވަނީ މާފަންނުންނެވެ. މިހާރު މާފަންނު އަދި މައްޗަންގޮޅި ހިމެނޭ ގޮތުން 24 ޒޯނަކަށް ބަހާލައިގެން އޮޕަރޭޝަން ކުރިއަށް ގެންދާއިރު ޖުމްލަ 229 ގުދަނެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.

ބަލައި ފާސްކުރެވުނު ތަންތަނުގެ ތެރެއިން 133 ތަނެއްގެ މައުލޫމާތު މިހާރު ޑޭޓާ ބޭސް އަށް އެންޓާ ކުރެވިފައި ވާއިރު، 54 ޕަސެންޓު ތަންތަނުގައި އަލިފާނުން ރައްކާތެރިވާނެ އެއްވެސް ނިޒާމެއް ގާއިމުކޮށްފައި ނުވާކަން ފަޔާ އެންޑް ރެސްކިއު އިން ވަނީ ފާހަގަ ކޮށްފަ އެވެ. 45 ޕަސެންޓު ތަންތަނުގައި އަލިފާން ނިއްވާ ފުޅި ހަރު ކުރެވިފައި ހުރި އިރު، އަލިފާން ނިވި އަދި ޑްރައި ރައިޒަ ސިސްޓަމް ހަރުކުރެވިފައި ހުރީ އެއް ޕަސެންޓު ތަންތަނުގަ އެވެ.

އޮޕަރޭޝަން "ހިރާސް ފާސް" ގެ ދަށުން ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން މާލޭގެ ގުދަނެއް ބަލައި ފާސްކުރަނީ. 54 ޕަސެންޓު ތަންތަނުގައި އަލިފާނުން ރައްކާތެރިވާނެ އެއްވެސް ނިޒާމެއް ގާއިމުކޮށްފައި ނުވޭ ---- ފޮޓޯ: އެމްއެންޑީއެފް

އަލިފާން ނިވި ހަރުކޮށްފައި ހުރި ނަމަވެސް، ދުވަސް ހަމަވެ، ބޭނުން ނުކުރެވޭ ވަރުވެފައި ހުރި ތަކެތި ގިނަ ކަން ފަޔަރ އެންޑް ރެސްކިއު އިން ވަނީ ފާހަގަ ކޮށްފަ އެވެ.

"45 ޕަސެންތު ތަންތަނުގައި ފަޔަރ އެކްސްޓިންގުއިޝަރ ގާއިމު ކޮށްފައި އެބަ ހުރި. އެހެން ނަމަވެސް އެ ހަމަ ހުރީ. މިސާލަކަށް ބައެއް ތަންތަނުގައި ހުރި އަލިފާން ނިއްވާ ފުޅިއަކީ އެކްސްޕަޔާ ވެފަ ހުރި އެއްޗެހި. 2011 ވަނަ އަހަރު އެކްސްޕަޔާ ވެފަ ހުރި އެއްޗެހި ވެސް އެބަހުރި،" މާލެ ފަޔާ ސްޓޭޝަންގެ ކޮމާންޑަރު ވޮރަންޓު އޮފިސާ ނަޝީދު ވިދާޅުވި އެވެ.

ފަޔާ އެންޑް ރެސްކިއު އިން މިއަދު އާންމު ކުރި މައުލޫމާތަށް ބަލާއިރު އިންޝުއާނުކޮށް ހުރި ތަންތަން ގިނަ ކަން ފާހަގަ ކުރެވެ އެވެ. އެގޮތުން މައުލޫމާތު އެއްކުރެވުނު 133 ތަނުގެ ތެރެއިން 72 ޕަސެންޓު ތަންތަނަކީ އިންޝުއަރ ކޮށްފައި ނުވާ ތަންތަނެވެ. އިންޝުއަރ ކޮށްފައި ވަނީ 28 ޕަސެންޓު ތަންތަނެވެ.

ނަޝީދު ވިދާޅުވީ ގުދަންތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށާއި، ެއެ ސާވޭގެ ދަށުން ސަލާމަތީ ފިޔަވަޅު ގާއިމު ކޮށްފައި ހުރި މިންވަރާއި، ރަނގަޅު ކުރަންވީ ކަންކަން ދެނެގަނެވޭނެ ކަމަށެވެ. އަދި ސާވޭގެ މަގުސަދަކީ ފިޔަވަޅު އަޅައި، ތަންތަން ބަންދު ކުރުން ނޫން ކަމަށާއި، އެއީ ހާލަތު ދެނެގަތުމަށް ކުރިއަށް ގެންދާ ސާވޭ އެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި އޮޕަރޭޝަންގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ މި ތަންތަން ހެދިފައި ހުރި ސްޓްރަކްޗަރ އެނގުން. ތަންތަނުގައި ގުދަންކޮށްފައި ހުރީ ކޮން ކަހަލަ މުދަލެއް ކަން އެނގިގެން ދާނެ. ކޮން ކަހަލަ މުދަލެއްގަތޯ އެންމެ ފަސޭހަ އިން އަލިފާން ރޯވާނީ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ޓީމުތައް މިތަންތަނަށް ދާއިރުގައި، އަޅުގަނޑުމެންނަށް އެނގޭނެ ކޮން ކަހަލަ މަސައްކަތަކަށް ކަން، ކިހާ ވަރެއްގެ އަލިފާނަކަށް ކަން އަޅުގަނޑުމެން ތައްޔާރު ވާންވީ،" ނަޝީދު ވިދާޅުވި އެވެ.

އޮޕަރޭޝަންގެ ބަލައި ފާސްކުރަނީ ދަށުން އިމާރާތް ހަދާފައިވާ ގޮތާއި އިމާރާތާއި ގުޅޭ މައުލޫމާތާއި ގުދަނުގައި މުދާ ރައްކާކޮށްފައި ހުރި ގޮތާއި ކަރަންޓް ވަޔަރިން ހުރީ ރައްކާތެރިކޮށްތޯ އާއި އިމާރާތުގެ ވެންޓިލޭޝަން ހުރި ގޮތެވެ.

އޭގެ އިތުރުން ވޯކްޝޮޕް ފަދަ ތަންތަނުގައި ވެލްޑިންގ މަސައްކަތްކުރާނަމަ އެމަސައްކަތްތައް ކުރެވެނީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްފަހުތޯ އާއި ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަންޖެހޭ އާލާތްތައް ބޭނުންކުރޭތޯ އަންނަނީ ބަލަމުންނެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ހިންގާ އެ ޕްރޮގްރާމުގައި ބަލާފާސް ކުރެވޭ އިމާރާތުގައި އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބަލާ އެތަކެތި ހުރި ހާލަތަކާ ގުޅޭ މައުލޫމާތު އެއްކޮށް ޑޭޓާ ބޭސް ވަނީ އެކުލަވާލައިފަ އެވެ. އަދި މާލޭގައި ހުރި ގުދަންތަކުގެ އިތުރުން ރެސްޓޯރަންޓް، ކެފޭ ތަކުގެ ބަދިގެ އާއި ވޯކްޝޮޕް ފަދަ ތަންތަނުގެ ސަލާމަތީ ކަންކަމާ ގުޅޭ މައުލޫމާތު ވެސް އަންނަނީ އެއްކުރަމުންނެވެ.

މާލެ ފަޔަރ ސްޓޭޝަންގެ ކޮމާންޑަރު ވޮރަންޓު އޮފިސަރ ނަޝީދު ވިދާޅުވީ ސިފައިން ޗެކް ކުރަން ދިޔަ އިރު 40 ވަރަކަށް ގުދަން ބަންދު ކޮށްފައި ހުރުމުގެ ސަބަބުން އެތަންތަނަށް އަދި ނުވަދެވޭ ކަމަށެވެ.

ނަޝީދު ވަނީ އޮޕަރޭޝަނަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަން ފާހަގަކޮށްފަ އެވެ.

މިހާރު އޮޕަރޭޝަން އަމާޒުކޮށްފައި ވަނީ މާލެ ސަރަހައްދަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުތަކަށް ވެސް ޕްރޮގްރާމް އަމާޒު ކުރާނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެ އެވެ.

ހަމަ އެއާއެކު، މި އޮޕަރޭޝަނުގެ ނަތީޖާ އަށް ބެލުމަށް ފަހު އިތުރު އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް