ދަނގެތީ ސިއްހީ މަރުކަޒުގައި ޑޮޮކްޓަރެއް ނެތި ހަފްތާއެއް

އދ. ދަނގެތި ---

އދ. ދަނގެތި ސިއްހީ މަރުކަޒުގައި ޑޮކްޓަރެއްގެ ހިދުމަތް ނުލިބޭތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އެ މަރުކަޒުގައި ޑޮކްޓަރެއްގެ ހިދުމަތް ހުއްޓިފައި ވަނީ ކުރިން އެ މަރުކަޒުގައި މަސައްކަތް ކުރި ޕާކިސްތާނުގެ ޑޮކްޓަރު ކުއްލިއަކަށް ފުރައިގެން ދިއުމާ ގުޅިގެންނެވެ.

ދަނގެތީ ސިއްހީމަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އައިޝަތު ހުސެއިން ވިދާޅުވީ ޑޮކްޓަރެއްގެ ހިދުމަތް އެ މަރުކަޒުގައި ހުއްޓިފައި އޮތީ، އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ހަމަ އެކަނި ޑޮޮކްޓަރު ފުރައިގެން ދިއުމާ ގުޅިގެން ކަމަށެވެ.

"ޑޮކްޓަރު ދަތަށް ތަދުވާތީ ފަރުވާއަށް މާލެ ފޮނުވައި ދިނުމަށް އެދުމުން ފޮނުވީ. ނަމަވެސް އޭގެ އެއް ދުވަސްފަހުން އޮފީސް މެއިލަށް މެއިލް އެއް ކޮށްފަ އިނީ ފުރައިގެންދާ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރައިގެން ދިއުމުގެ ކުރިން އެ ވާހަކަ އީމެއިލްގެ ޒަރިއްޔާއިން އަންގާފައިވީ ނަމަވެސް ފުރައިގެންދަނީ ކޮން ސަބަބަކާ ހުރެ ކަމެއް ޑޮކްޓަރު ހާމަކޮށްފައި ނުވާ ކަމަށެވެ.

އައިޝަތު ހުސެއިން ވިދާޅުވީ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ހިދުމަތްތައް ހުއްޓިފައި ނުވާނެ ކަމަށާއި، ބަލިވެގެން އަންނަ ކޮންމެ މީހަކަށްވެސް ފަރުވާ ދީފައިވާނެ ކަމަށެވެ.

"ބަލިވެގެން އަންނަ މީހުންނަށް ފަރުވާ ނުދީއެއް ނޯންނާނެ. ޑޮކްޓަރެއް ނެތި މިވީ ދުވަސްތަކުގައި އަޅުގަނޑުމެން ހެލްތު ވޯކަރުން ލައިގެން މަސައްކަތް ކުރަމުން ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ދަނގެތީ ސިއްހީމަރުކަޒުގެ ޑޮކްޓަރު ފުރައިގެން ދިޔައީ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ދަނގެތީ ސިއްހީ މަރުކަޒަށް ޑޮކްޓަރަކު ހަމަޖައްސާފައިވާ ކަމަށާއި ހަފްތާއެއްހާ ދުވަސް ތެރޭގައި ޑޮކްޓަރުގެ ހިދުމަތް އެމަރުކަޒުން ލިބޭނެ ކަމަށެވެ.

ހާހަކަށްވުރެ ބޮޑު އާބާދީއެއް އޮންނަ ދަނގެތީގައި ސިއްހީ މަރުކަޒުގެ ޑޮކްޓަރުގެ ހިދުމަތް ހުއްޓިފައި އޮތް އިރު، އެ ރަށު ކައުންސިލުން ބުނީ އެ ރަށު ސިއްހީ މަރުކަޒުގެ އެމްބިއުލާންސްގެ ޑްރައިވަރެއް ނެތުމުގެ ސަބަބުން އެ ހިދުމަތްވެސް ހުއްޓިފައިވާ ކަމަށެވެ.

comment ކޮމެންޓް