ހުވަދު އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި

ގެމަނަފުށީ ބަޑިޔާގޭ އަލްމަރްހުމް އިބްރާހީމް އަޙްމަދުގެ ހަނދާނުގައި ޝީޝާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގެމަނަފުށީގައި ބިނާކުރި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ގއ. އަތޮޅުގެ ދެ ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު މާލެ ވަޑައިގެންފި އެވެ.

އެމަނިކުފާނު އިއްޔެ ކުރެއްވި އެ ދަތުރުފުޅުގައި ޝީޝާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގެމަނަފުށީގައި އިމާރާތް ކުރި މިސްކިތާއި މިފްކޯ އިން އެ ރަށުގައި ގާއިމްކުރި އައިސް ޕްލާންޓް ހުޅުއްވައިދެއްވި އެވެ.

އިއްޔެ ހަވީރު ގެމަނަފުށީގައި އެމަނިކުފާނު ހުޅުއްވައިދެއްވި މިސްކިތުގެ ނަމަކީ މަސްޖިދުލް އިބްރާހީމް އެވެ. މި މިސްކިތަކީ ގެމަނަފުށީ ބަޑިޔާގޭ އަލްމަރްހުމް އިބްރާހީމް އަޙްމަދުގެ ހަނދާނުގައި ޝީޝާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގެމަނަފުށީގައި ބިނާކުރި 720 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝީޝާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަޙްމަދު ޙަސަން މަނިކުވަނީ މަސްޖިދުލް އިބްރާހީމްގެ މިހުރާބެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

ގެމެނަފުށީގައި އިއްޔެ ހުޅުވި އައިސް ޕްލާންޓަކީ ސަރުކާރުގެ ލޯން ސްކީމްގެ ދަށުން 3.75 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މިފްކޯގެ ފަރާތުން ގެމަނަފުށީގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓެކެވެ. އެ އައިސް ޕްލާންޓުން ދުވާލަކު 25 ޓަންގެ އައިސް އުފެއްދޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގެމެނަފުށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން އަލަށް ތަޢާރަފްކުރި ސްޓޭމްޕް ސެޓް ނެރެދެއްވާފައެވެ. އަދި ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި އެކި ފަރާތްތަކުން ކުރައްވާ ޚިދުމަތްތައް ފާހަގަކޮށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން ދެއްވި ހަނދާނީ ފިލާ އެބޭފުޅުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ކޮށްދެއްވާ ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުން އެމަނިކުފާނަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ ޚާއްސަ ހަދިޔާއެއް ވެދުމަށް އެރުވިއެވެ.

ރައީސް ޔާމީން އިއްޔެ ވަނީ ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ ޕީޕީއެމް މައި ޖަގަހަ ހުޅުއްވައިދެއްވައިފަ އެވެ.

comment ކޮމެންޓް