ޕްރިޔަންކާ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރަކަށް!

'ކުއަންޓިކޯ' އިން މުޅި ދުނިޔޭގެ މަގުބޫލުކަން ހޯދި ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރު ކަމަށް ހަމަޖައްސައިފި އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާ ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރާ ޕްރިޔަންކާ، ޔުނިސެފްގެ އެމްބެސެޑަރު ކަމަށް ހަމަޖައްސާފައި ވާކަން ހާމަކޮށް ޕްރިޔަންކާ އަށް މަރުހަބާ ކިޔާފައި ވަނީ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރު ޑޭވިޑް ބެކަމް އެވެ.

އެމްބެސެޑަރު ކަމަށް ހަމަޖެހުމަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ ޔުނިސެފް އާ އެކު އޭނާ މަސައްކަތް ކުރާތާ މިހާރު 10 ވަރަކަށް އަހަރު ވެފައިވާ ކަމަށެވެ.

އެގޮތުން އިންޑިއާގެ ފަގީރު އަވަށްތަކަށް ގޮސް، އެ ހިސާބުތަކުގައި ދިރިއުޅޭ އަންހެން ކުދިންނާއި އެކުދިންގެ އާއިލާތަކާ ބައްދަލުކޮށް، އަންހެން ކުދިން ބާރުވެރި ކުރުވުމުގެ މުހިންމު ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވާނެ ކަމަށެވެ.

"ވަރަށް ފަހުރުވެރިވަން، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރެވި، އެކުދިންގެ ހައްގުތަކަށް އިހުތިރާމު ކުރާ ދުނިޔެ އެއް ބިނާ ކުރުމަށް ޔުނިސެފްއާ އެކު މަސައްކަތް ކުރެވޭތީ،" ޕްރިޔަންކާ ބުނެފައިވެ އެވެ.

ޔުނިސެފް އިން ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާތާ 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޕްރިޔަންކާގެ އިތުރުން ހޮލީވުޑްގެ އެކްޓަރު އޯލަންޑޯ ބްލޫމް އަދި ޖެކީ ޗަން ވެސް ވަނީ ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސައިފަ އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނެފައި ވަނީ ކުޑަކުދިންނަށް މިނިވަންކަމާ އެކު ވިސްނާއި ފިކުރު ކުރުމާއި، ދިރިއުޅުމުގެ ފުރުސަތު ހޯދައި ދިނުމަކީ އޭނާގެ އުންމީދު ކަމަށެވެ.

comment ކޮމެންޓް