ވެލިދޫން 100 އަށް ވުރެ ގިނަ މީހުން އެމްޑީއޭއާ ގުޅިއްޖެ

ވެލިދޫން އަލަށް އެމްޑީއޭ އާ ގުޅުނު މެންބަރުންގެ ފޯމުތައް އެމްޑީއޭގެ ލީޑަރު ސިޔާމް އަށް މިރޭ ހަވާލުކުރައްވަނީ --- ފޮޓޯ އެމްޑިއޭ

ނ. ވެލިދޫން 100 އަށް ވުރެ ގިނަ މީހުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާ ގުޅިއްޖެ އެވެ. އަލަށް އެމްޑީއޭއާ ގުޅުނު މީހުންގެ ފޯމުތައް ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ މިރޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ގެ އޮފީހުގަ އެވެ.

އެ ފޯމުތައް ސިޔާމް އާ ހަވާލުކޮށްދެއްވީ، އެމްޑީއޭ ވެލިދޫ އަންހެނުންގެ ގޮފީގެ ރައީސާ ޒުހުދާ ހަސަން އާއި އެމްޑީއޭ ވެލިދޫ ގޮފީގެ ނައިބު ރައީސް މުހައްމަދު މާލިކް އާއި ވެލިދޫ ކައުންސިލްގެ އެމްޑީއޭގެ މެންބަރެއް ކަމަށްވާ އަލީ މުޖުތަބާ އެވެ.

ފޯމުތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ، ވެލިދޫން ގިނަ އަދަދެއްގެ މެންބަރުން އަނެއްކާވެސް އެމްޑީއޭ އަށް ވަނުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންނަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ. އަދި ޕާޓީ އަށް މެންބަރުން އިތުރު ކޮށްދެއްވުމަށް ޕާޓީގެ ގައުމީ ކައުންސިލްގެ މެންބަރުންނާއި މިހާރު ޕާޓީގައި ތިއްބެވި އާންމު މެންބަރުން ކޮށްދެއްވާ އަގުހުރި މަސައްކަތް ފާހަގަކުރައްވައި އެބޭފުޅުންނަށް ވެސް ސިޔާމް ޝުކުރު އަދާކުރެއްވި އެވެ. ވަކީން ޚާއްސަ ގޮތެއްގައި އެމްޑީއޭ ވެލިދޫ ގޮފި ވިލަރެސްކޮށް ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޕާޓީގެ ގައުމީ ކައުންސިލް މެންބަރު މުހައްމަދު އައްބާސް އަށް ވެސް ސިޔާމް ޝުކުރު އަދާކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފާއި އެމްޑީއޭ ގެ ގައުމީ ކައުންސިލް މެންބަރު މުހައްމަދު އައްބާސް ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް