ފުވައްމުލަކު ހޮސްޕިޓަލުގައި ތައިރޮއިޑް ޓެސްޓް ހަދަން ފަށައިފި

ޏ. އަތޮޅު ހޮސްޕިޓަލުގައި ތައިރޮއިޑަށް ސްކްރީން ކުރާ މެޝިނެެއް އިންސްޓޯލްކޮށް ޓެސްޓް ހަދަން ފަށައިފިއެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު، މުހައްމަދު ފަރުޒާދު "ސަން" އަށް ވިދާޅުވީ، އެ ރަށުގައި ތައިރޮއިޑް ބައްޔަށް ފަރުވާ ހޯދަމުންދާ 200 އަށްވުރެ ގިނަ މީހުން ތިބޭ އިރު، އެ ބައްޔަށް ސްކްރީން ކުރުމަށް ކުރިން މީހުން ދާން ޖެހެނީ ރަށުން ބޭރަށް ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި ގެނައި އެ މެޝިން އިންސްޓޯލް ކުރުމަށްފަހު މިހާރު އެ ހޮސްޕިޓަލުން ތައިރޮއިޑް ޓެސްޓު ހެދުމުގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަރުޒާދު ވިދާޅުވީ، އެ މެޝިން ބޭނުން ކުރުމާ ގުޅޭ ގޮތުން މި މަހުގެ އެއް ވަނަ ދުވަހު، ހޮސްޕިޓަލުގެ ލެބޯޓަރީގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީން ކުރުމަށް ޕްރޮގްރާމެއް ބާއްވާފައިވާ ކަމަށެވެ. އަދި މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ތައިރޮއިޑް ޓެސްޓް ކުރުމުގެ ޚިދުމަތް ހޮސްޕިޓަލުން ދޭން ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ތައިރޮއިޑް ޓެސްޓު ކުރުމުގެ ޚިދުމަތް ފަށާފައިވާއިރު، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ތެލެސީމިއާ ޓެސްޓު ކުރުމުގެ ޚިދުމަތްވެސް އެހޮސްޕިޓަލުގައިވަނީ ދޭން ފަށާފައެވެ.

comment ކޮމެންޓް