ކަސްޓަމްސްއަށް ނޮވެމްބަރު މަހު 223 މިލިޔަން ރުފިޔާގެ އާމްދަނީއެއް

ވިޔަފާރި ބަނދަރުގައި ބަހައްޓާފައި ހުރި ކޮންޓައިނަރުތަކެއް -- ސަން ފައިލް ފޮޓޯ

ނިމިދިޔަ ނޮވެމްބަރު މަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ޑިއުޓީގެ ގޮތުގައި 223 މިލިޔަން ރުފިޔާގެ އާމްދަނީ ލިބިފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކަސްޓަމްސްއަށް ޑިއުޓީގެ ގޮތުގައި 367 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް ނޮވެމްބަރު މަހު އެ އަދަދު ވަނީ 208 މިލިޔަން ރުފިޔާއަށް ދަށްވެފައެވެ.

އޮކްޓޫބަރު މަހު ރާއްޖެއަށް 2.4 ބިލިޔަން ރުފިޔާގެ މުދާ އެތެރެކުރި ނަމަވެސް ނޮވެމްބަރު މަހު މި އަދަދު ވަނީ 3.1 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. އެހެން ނަމަވެސް، ކަސްޓަމްސްއިން ބުނާ ގޮތުގައި، އޭގެ ތެރޭގައި ސުން ރޭޓުން ޑިއުޓީ ނެގޭ 1.1 ބިލިޔަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މިދިޔަ މަހުގެ އިމްޕޯޓްސްއަށް ބަލާއިރު، އެންމެ ގިނައިން ރާއްޖެއަށް ބޭރުން އެތެރެކޮށްފައިވަނީ މެޝިނާއި އިލެކްޓްރޯނިކް ސާމާނެވެ. އެތަކެއްޗަށް 548 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ އިރު، އެއީ ނޮވެމްބަރުގެ ޖުމްލަ އެކްސްޕޯޓުގެ 19 ޕަސަންޓެވެ.

ނޮވްމެބަރު މަހު 527 މިލިޔަން ރުފިޔާގެ ކާނާ ރާއްޖެ އެތެރެކޮށްފައިވާ އިރު، 314 މިލިޔަން ރުފިޔާގެ ތެޔޮ ވެސް ރާއްޖެ އެތެރެކޮށްފައިވެއެވެ.

އޮކްޓޫބަރު މަހު އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީއިންނެވެ. އެއީ 628 މިލިޔަން ރުފިޔާގެ މުދަލެވެ. ދެން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާ، ސިންގަޕޫރު، ޗައިނާ އަދި ސްރީލަންކާއިންނެވެ.

ފަސް ގައުމުން ވެސް ރާއްޖެ އެތެރެކުރި މުދަލުގެ ޖުމްލަ އަގަކީ 1.7 ބިލިޔަން ރުފިޔާއެވެ.

comment ކޮމެންޓް