18 އަހަރަށް ފަހު އާމިރުގެ އަޑުން އިތުރު ލަވައެއް!

އާމިރު ޚާން: 18 އަހަރަށް ފަހު އޭނާގެ އަޑުން ކިޔާފައިވާ ލަވައެއް ރިލީޒް ކުރުމަށް އަންނަނީ ތައްޔާރު ވަމުން

ނަވާރަސަތޭކަ ނުވަދިހަ އަށް ވަނަ އަހަރު ނުކުތް ފިލްމު 'ގުލާމް'ގައި ހިމެނޭ 'އާތީ ކިޔަ ކަންޑާލާ' އަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލުވި ލަވަ އެކެވެ. ނަމަވެސް އެ ލަވަ އަކީ ބޮލީވުޑުގެ ހުނަރުވެރި ބަތަލު އާމިރު ޚާންގެ އަދުން ރެކޯޑު ކޮށްފައިވާ ލަވަ އެއް ކަން ގިނަ ބަޔަކަށް ނޭނގި ދާނެ އެވެ.

'އާތީ ކިޔަ ކަންޑާލާ' އިން އާމިރު ވަނީ ހަމަގައިމު ވެސް އޭނާގެ ކިބައިގައި އެކްޓު ކުރުމުގެ އިތުރުން ލަވަ ކިޔުމުގެ ހުނަރު ހުރިކަން ވެސް ސާބިތުކޮށްދީފަ އެވެ. އާމިރުގެ ލަވަ ކިޔުން ކަމުދިޔަ މީހުން އޭނާގެ އިތުރު ލަވަ އަކަށް އިންތިޒާރު ކުރާތާ ވެސް ގިނަ އަހަރުތަކެއް ވެއްޖެ އެވެ.

އެ ލަވަ ރިލީޒްވިތާ 18 އަހަރު ފަހުން އާމިރު އަނެއްކާ ވެސް މިވަނީ ލަވައެއް ރެކޯޑު ކޮށްފަ އެވެ. ދިގު އިންތިޒާރެއްގެ ނިމުން އައީ އެވެ. އާމިރު ރެކޯދު ކޮށްފައި ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ޑަންގާލް'ގެ ލަވައެއް ކަމުގައިވާ 'ދާކަޑް' އެވެ.

'ދާކަޑް' އަކީ އެ ފިލްމަށް ރެޕް އާޓިސްޓް ރަފްތާރް ކިޔައިދީފައިވާ ލަވަ އެކެވެ. އެ ލަވަ ރިލީޒް ކޮށްފައި ވާއިރު، ލަވަޔަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެ ފިލްމުގައި ހިމެނޭ 'ހާނީކާރަކް ބާޕޫ' އަކީ ވެސް ރަފްތާރް ކިޔައިދީފައިވާ ލަވަ އެކެވެ.

އާމިރުގެ ވާޝަން ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 18 ވަނަ ދުވަހު ޒީޓީވީ އިން ދެއްކުމަށް ހަމަޖެހިފައިވާ ލަކްސް ގޯލްޑަން ރޯޒް އެވޯޑްސްގައި އެވެ. އާމިރު ވަނީ ލަވަ އާއެކު ޚާއްސަ ވީޑިއޯއެއް ވެސް ތައްޔާރުކޮށްފަ އެވެ.

ވީޑިއޯ ލަވަ ރިލީޒް ކޮށްދޭނީ ބޮލީވުޑްގެ ބަތަލު އަދި އެވޯޑް ޝޯވްގެ ހޯސްޓް އަރްޖުން ކަޕޫރު އާއި ބޮލީވުޑްގެ ރަސްގެފާނު ޝާހު ރުކް ޚާން އާއި ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު އެވެ.

އެ ލަވައިގައި އަންހެނުން ބާރުވެރި ކުރުމާ ގުޅޭ ގޮތުން އާމިރު ވާހަކަ ދައްކާނެ އެވެ. އަދި 'ޑަންގާލް'ގައި އާމިރުގެ ދަރިންގެ ރޯލުން ފެނިގެންދާ ފާތިމާ ސަނާ ޝެއިޚް އާއި ސާނިޔާ މަލޯތުރާ ވެސް ތައާރަފު ކޮށްދޭނެ އެވެ.

ނިތޭޝް ތިވާރީ ޑައިރެކްޓު ކޮށްފައިވާ ޑަންގާލް ރިލީޒް ކުރާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.

comment ކޮމެންޓް