އެލައިޑުގެ ފޭސްބުކް ކުއިޒަކާ އެކު 100 މީހަކަށް ހިލޭ ސްޓާ ވޯސް ބަލާލުމުގެ ފުރުސަތު!

މި މަހުގެ 17 ވަނަ ދުވަހު ޝްވެކް ސިނަމާގައި އެޅުވުމަށް ތައްޔާރުވަމުންދާ "ރޯގް ވަން - އަ ސްޓާ ވޯސް ސްޓޯރީ"ގެ ޓިކެޓް ހިލޭ ހޯދުމުގެ ފުރުސަތު އެލައިޑް އިންޝުއަރަންސް ކުންފުނިން ހުޅުވާލައިފި އެވެ.

ރާއްޖޭގައި ވެސް މުހިންމު މަންޒަރުތަކެއް ނަގާފައިވާ އެ ފިލްމުގެ ޓިކެޓް ހިލޭ ހޯދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އެ ކުންފުނީގެ ފޭސްބުކް ޕޭޖް ގައި އިއްޔެ ފެށި ހާއްސަ ކުއިޒެއް މެދުވެރިކޮށެވެ.

ކުއިޒް މެދުވެރިކޮށް އެފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ 16:00 އާ ހަމައަށެވެ.

މިހާރު ވެސް އެ ކުއިޒަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، އެލައިޑުން ބުނީ އެ ކޮންޓެސްޓްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ކުއިޒް ފުރިހަމަ ކުރުމަށް ފަހު ޕޭޖަށް ލައިކް ކޮށް، ޝެއާ ކުރުމުން އޮޓަމެޓިކުން ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށެވެ.

އެގޮތުން ކުއިޒްގެ ޖަވާބު ރަނގަޅު ކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ 50 ނަސީބުވެރިޔަކަށް "ރޯގް ވަން - އަ ސްޓާ ވޯސް ސްޓޯރީ"ގެ ދެ ޓިކެޓާ އެކު ރިފްރެޝްމެންޓްސް ވެސް އެލައިޑުން ފޯރުކޮށްދޭނެ އެވެ.

އެލައިޑުން ވަނީ ފިލްމު ރިލީޒް ކުރާ ދުވަހަށް ޝްވެކް ސިނަމާ އެކުގައި ބުކް ކޮށްފަ އެވެ.

އެކްޝަން އަދި ސައިންސް ފިކްޝަން ފިލްމް ސީރީސް ސްޓަރ ވޯސްގެ ކޮންމެ ފިލްމަކަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ލ. ބަރެސްދޫގެ އިތުރުން ލ. އަތޮޅުގެ ބައެއް ފަޅު ރަށްރަށުގައި ރޯގް ވަން ގެ މަންޒަރުތައް ނަގާފައިވާ އިރު، އެ ފިލްމުގައި ދިވެހި ސިފައިން ހަރަކާތްތެރިވުމަކީ މިފަހަރު ދިވެހިންނަށް މި ފިލްމު އިތުރަށް ޚާއްސަ ވެގެން ދާނެ ކަމެކެވެ.

މިހާތަނަށް ސްޓާ ވޯސްގެ 7 ބައެއް އާންމުންނާއި ހަމައަށް އައިސްފައިވެ އެވެ.

comment ކޮމެންޓް