ކޮލެސްޓްރޯލް ދަށްކުރުމުގައި އަޖައިބު ކުރަނިވި ނަތީޖާތަކެއް ދައްކުވައިދޭ 7 ކަމެއް

ލޭގައި، ނުބައި ކޮލެސްޓްރޯލް ނުވަތަ ލޯ ޑެންސިޓީ ލިޕޯ ޕްރޮޓެއިން (އެލްޑީއެލް) ގިނަވުމަކީ މެދު އުމުރަށްދިޔުމުން ގިނަ ބަޔެއްގެ ސިއްހަތަށް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެކެވެ.

އެލްޑީއެލް ލޭގައި ގިނަވުމަކީ ލޭހޮޅިތަކުގައި ސަރުބީ ޖަހައި އެހޮޅިތައް ބެދި ހިތްހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ މައްސަލަތައް ދިމާވާނެ ކަމެއް ކަމަށް ސިއްޙީ ތަޖްރިބާކާރުން ވިދާޅުވެ އެވެ. ތިރީގައި މިވަނީ ނުބައި ކޮލެސްޓްރޯލް ނުވަތަ އެލްޑީއެލްގެ މިންވަރު ލޭގައި ދަށްކުރުމުގައި އަޖައިބު ކުރަނިވި ނަތީޖާތަކެއް ދައްކައިދޭ ކަންތައްތަކެކެވެ.

އެކި ބާވަތުގެ ނަޓްސް: ދުވާލެއްގެ މައްޗަށް ހަތްދިހަ ގްރާމް އާއި ސާޅީސް ގްރާމްއާ ދެމެދުގެ މިންވަރަކަށް ނަޓްސް ކެއުމަކީ އެލްޑީއެލް ދަށްކޮށްދޭ ކަމެކެވެ. ނަޓްސް ކާއިރު ކާބޯތަކެތީގެ ތަޖްރިބާކާރުން ލަފާދެއްވަނީ އެއްބާވަތެއްގެ ބަދަލުގައި އެކި ބާވަތުގެ ނަޓްސް ކެއުމަށެވެ. ނަޓްސްގައި ހިތާއި ނާރުތަކުގެ ސިއްޙަތު ސަލާމަތްކޮށްދޭ އެތައް މާއްދާތަކަކާއި ކޮންޕައުންޑްތައްވެ އެވެ.

ކަސްރަތު ކުރުން : ގަވައިދުން ކަސްރަތު ކުރުމަކީ ނުބައި ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމެކެވެ. ކަސްރަތުގެ ތެރެއިން އެންމެ ރަނގަނޅު ކަސްރަތުތަކުގެ ތެރޭގައި ބާރަށް ހިނގުން ހިމެނެ އެވެ. އާދައިގެ މަތިން ހިނގާވަރަށް ވުރެ ދެގުނަ ބާރަށް ހިނގައިގެން ނޫނީ އެދެވޭ ގޮތެއްގައި ކޮލެސްޓްރޯލް ދަށަށްނުދާނެ ކަމަށް ސިއްޙަތާ ބެހޭ ތަޖްރިބާކާރުން ވިދާޅުވެ އެވެ. ކޮލެސްޓްރޯލް ދަށްކުރުމަށް ޓަކައި ކޮންމެ ދުވަހަކު ނޫނީ ހަފްތާގެ ހަތް ދުވަހުގެ ތެރޭން ފަސް ދުވަހު އަދި މި ފަސް ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކު މަދުވެގެން 30 މިނިއްޓަށް ބާރަށް ހިނގަން ޖެހެ އެވެ.

ކެއުމަށް ފަހު އާފަލެއް ކެއުން : ކެއުމަށް ފަހު ފެހިކުލައިގެ އާފަލެއް ކެއުމަކީ ވެސް ނުބައި ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމެކެވެ. ނަމަވެސް އާފަލު ކެއުން އެންމެ ރަނގަނޅީ ކެއުމުގެ ބައިގަޑީއިރު ފަހުންނެވެ. ކެއުމުގެ ބައިގަޑީއިރު ފަހުން ކޮންމެ ބާވަތެއްގެ އާފަލެއް ކެއުމުން ވެސް ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމަށްވެ އެވެ.

ނަމަވެސް އެންމެ ރަނގަނޅީ ފެހިއާފަލު ކަމަށްވެ އެވެ. އާފަލު ހަފައިގެން ކެއުމަށް ވުރެ މިކްސަރުން އާފަލު ގިރާލައިގެން ހަކުރު ނާޅައި ބުއިން ރަނގަނޅު ކަމަށްވެ އެވެ. މިގޮތަށް އާފަލުކެއުމުން ކޮލެސްޓްރޯލް ދަށަށްދާނީ މަދުވެގެން މަހެއްހާ ދުވަހު މިގޮތަށް އަމަލުކުރުމުންނެވެ. ނުވަތަ އިންތިޒާމްކޮށް ދިގުމުއްދަތަކަށް މިގޮތަށް ކެއުމުންނެވެ.

ފަރުމަސް : ފަރުމަހުގައި ވެސް ކޮލެސްޓްރޯލް ދަށްކޮށްދޭ މާއްދާތައް ގިނަ އެވެ. ފަރުމަސް ކެއުން އެންމެ ރަނގަނޅީ ފެނުގައި ކައްކައިގެން ނުވަތަ ނުވަތަ ތެޔޮނާޅައި ފިހެގެންނެވެ. ފަރުމަސް އާވިން ރޯފިލުވައިގެން ކެއުމަކީ ވެސް ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމެކެވެ. ނަމަވެސް މިކަންވެސް ގައިދުން ކުރުމުންނޫނީ ނަތީޖާއެއް ނުފެންނާނެ އެވެ.

އެކިބާވަތުގެ ބެރީސް: އެކިބާވަތުގެ ބެރީ ކެއުމަކީ ވެސް ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމެކެވެ. ބެރީސްގެ ތެރެއިން ސްޓްރޯ ބެރީ، ބްލޫ ބެރީ، ކްރެއިން ބެރީ، ރާސް ބެރީ އަދި ބްލެކް ބެރީގައި ވެސް ކޮލެސްޓްރޯލް ދަށްކޮށްދޭ މާއްދާތައް ވަރަށް ގިނަ އެވެ. ނަމަވެސް ބެރީސް ގެތެރެއިން ކޮލެސްޓްރޯލަށް އެންމެ ރަނގަނޅީ ކްރެއިން ބެރީ ކަމަށްވެ އެވެ. މިތަކެތި ވެސް ބޭނުންކުރަން އެންމެ ރަނގަނޅީ މިކްސަރުން ގިރާލައިގެން ހަކުރުނާޅާ ފަނީގެ ގޮތުގަ އެވެ.

ލުނބޯތޮށި: ލުނބޯގެ ތޮއްޓަކީ ކޮލެސްޓްރޯލް ދަށްކުރުމުގައި އަޖައިބު ކުރަނިވި ދައުރެއް އަދާކުރަ އެއްޗެކެވެ. ލުނބޯގެ ތޮށީގެ ތެރެއިން ކޮލެސްޓްރޯލް ދަށްކުރުމު ގާބިލްކަން އެންމެ ބޮޑީ ދޮންނުވާ ލުނބޯގެ ތޮށީގަ އެވެ. ނުވަތަ ފެހިކުލައިގެ ތޮށީގަ އެވެ. ލުނބޯގެ ތޮށި ބޭނުންކުރަން އެންމެ ރަނގަނޅި ހައެއްކަ ލުނބޯގެ ތޮށި ނޮޅާލުމަށް ފަހު އެތޮށިތައް ތާފަނާ ފެނުގައި 12 ގަޑިއިރު ބެހެއްޓުމަށް ފަހު އެފެން ބުއިމެވެ. އެފެން ބޯން އެންމެ ރަނގަނޅީ ހެނދުނު ހައިބަނޑާ ހުރެ އެވެ. މިގޮތަށް މަހެއްހާ ދުވަހު ލުނބޯގެ ފެން ބުއިމުން ކޮލެސްޓްރޯލް ދަށްކޮށްދޭނެ އެވެ.

ތަރުކާރީގެ ސްމޫތީ: އެކިބާވަތުގެ ތަރުކާރީ ރޯކޮށް ހުއްޓައި މިކްސަރުން ގިރައިގެން އޭގެ ސްމޫތީ ހައިބަނޑާ ހުރެ ބޭނުން ކުރުމަކީ ވެސް ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމެކެވެ. މިކަމުގެ ވެސް ހެޔޮ އަސަރު ފެންނާނީ މަދުވެގެން މަހެއްހާ ދުވަހު ބޭނުން ކުރުމުންނެވެ.

މީގެ އިތުރުން ކާއިރު އެޕަލް ވެނެގާ ބޭނުންކުރުމާއި ފެހިކުލައިގެ ފަތް ކެއުމާއި ކެއުމަށް ފަހު ބައިތަށީ ގެ ހޫނުފެން ބުއިމަކީ ވެސް ކޮލެސްޓްރޯލް ދަށްކޮށްދިނުމަށް މަގުފަހިވާ ކަންކަމެވެ. އަދި ގިނަ ބާވަތްތަކުގެ މޭވާއަކީ ވެސް ކޮލެސްޓްރޯލް ދަށްކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ މާއްދާތައް ހިމެނޭ ތަކެއްޗެވެ. އެހެންކަމުން ގިނައިން މޭވާ ކެއުމަކީ ވެސް ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމެކެވެ. (އަރަބިއްޔާ ނެޓް)

comment ކޮމެންޓް