"ރައީސް"އަކީ ޚިޔާލީ ވާހަކަ އެއް، އެއްވެސް މީހަކާ ގުޅުމެއް ނެތް!

ބޮލީވުޑްގެ ރަސްގެފާނު ޝާހު ރުކް ޚާންގެ ކުރިއަށް އޮތް ފިލްމު 'ރައީސް' އަކީ އެތައް ބަޔަކު ބޮޑެތި އުންމީދުތަކެއް ކުރަމުން އަންނަ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާ އަށް ދިގު އިންތިޒާރެއް ކުރެވުނު އިރު، ފިލްމުގެ ޓްރެއިލާ ވަރަށް ފުރިހަމަ އެވެ. އަދި ޝާހުގެ މުޅިން ތަފާތު ރޯލެއް ވަނީ ފެނިފަ އެވެ. އެއާ އެކު ފިލްމާ މެދު ކުރެވޭ އުންމީދު މިވަނީ އެތައް ގުނައެއް އިތުރު ވެފަ އެވެ.

ޓްރެއިލާއާ އެކު އެ ފިލްމަކީ ގުޖްރާތުގެ އަންޑަރވޯލްޑް ފިގާ، އަބްދުލް ލަތީފްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ކަމަށް ބުނެ ވާހަކަތައް މިވަނީ ދެކެވެން ފަށައިފަ އެވެ. ލަތީފް އަކީ ގުޖުރާތުގައި ގާނޫނާ ޚިލާފަށް ބަނގުރަލުގެ ބޮޑު ވިޔަފާރި ކުރި މީހެކެވެ.

ނަވާރަސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރު ފުލުހުން ވަނީ ދިއްލީ އިން ލަތީފް ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ދެ އަހަރު ފަހުން، 1997 ވަނަ އަހަރު ޖަލުން ފިލަން މަސައްކަތް ކުރަނިކޮށް ފުލުހުން ވަނީ ލަތީފްގެ ގަޔަށް ބަޑި ޖަހައި މަރާލައިފަ އެވެ.

ނަމަވެސް ޝާހު މިވަނީ އެވާހަކަތައް ދޮގު ކޮށްފަ އެވެ. ޝާހު ބުނީ 'ރައީސް' އަކީ ޚިޔާލީ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ކަމަށާއި، ފިލްމަކީ އެއްވެސް މީހެއްގެ ހަޔާތާ ގުޅުވައިގެން އުފައްދާފައިވާ ފިލްމެއް ނޫން ކަމަށެވެ.

ޝާހުގެ އިތުރުން 'ރައީސް'ގެ ޑައިރެކްޓަރު ރާހުލް ޑޯލަކިއާ އާއި ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ އަދި ފަރްހާން އަޚްތަރު ވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"ފިލްމު ބެލުމަށް ފަހު އެންމެން ވެސް ގަބޫލު ކުރާނެ ފިލްމަކީ މިހާރު ދުނިޔޭގައި ހުރި ނުވަތަ ދުނިޔެ ދޫކޮށްފައިވާ މީހެއްގެ ވެސް ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެއް ނޫން ކަން. ރައީސް އަކީ ޚިޔާލީ ވާހަކަ އެއްގެ މައްޗަށް އުފައްދާފައިވާ ކްރައިމް ތުރިލަރ އެއް،" ފިލްމު އުފެއްދި ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

ިމި އަހަރުގެ އޭޕްރީލް މަހު، ލަތީފްގެ ދަރިފުޅު ވެސް ވަނީ 'ރައީސް' އަކީ އޭނާގެ ބައްޕަގެ އަބުރަށް އަރައިގަނެ އުފައްދާ ފިލްމެއް ކަމަށް ބުނެ ފިލްމު އުފައްދާ ފަރާތްތަކާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

ޝާހު، ޕާކިސްތާު އެކްޓްރެސް މާހިރާ ޚާން އަދި ނަވާޒުއްދީން ސިއްދީގު މުހިންމު ރޯލުތަކުން ފެނިގެންދާ 'ރައީސް' ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.

comment ކޮމެންޓް