'ބަދްރިނާތުކީ ދުލްހަނިޔާ'ގެ ޝޫޓިންގް ނިންމާލައިފި

ވަރުން ދަވާން އަދި އާލިއާ ބަޓްގެ ކުރިއަށް އޮތް ފިލްމު 'ބަދްރީނާތު ކީ ދުލްހަނިޔާ'ގެ ޝޫޓިންގް ނިންމާލައިފި އެވެ.

'ބަދްރީނާތު ކީ ދުލްހަނިޔާ' އަކީ ވަރުން އަދި އާލިއާ އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމެވެ. ދެ ތަރިން ބޮލީވުޑަށް ނުކުތީ 2012 ވަނަ އަހަރު ނުކުތް ކަރަން ޖޯހަރުގެ 'ސްޓުޑެންޓް އޮފް ދަ އިޔާ' އިންނެވެ. އެއަށް ފަހު ދެމީހުން ވަނީ އެކުގައި 'ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ' އިން ވެސް ފެނިގެން ގޮސްފަ އެވެ.

ފިލްމުގެ ޝޫޓިންގް ނިމުމާ ގުޅިގެން އާލިއާ އަދި ވަރުން ވެސް ވަނީ އެކަމާ އުފާވާ ކަމަށާއި އަދި ދެރަވާ ކަމަށް ވެސް ބުނެފަ އެވެ. ވަރުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އޭނާ އަކީ ކޮންމެ ފިލްމެއް ނިމުމަށް ފަހު ވެސް އެ ފިލްމެއްގެ ކެރެކްޓަރު ދޫކޮށްލާ މީހެއް ކަމަށާއި ނަމަވެސް 'ބަދްރީނާންތުކީ ދުލްހަނިޔާ' ގައި އޭނާ ކުޅެފައިވާ 'ބަދްރީ' ގެ ރޯލު ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ.

އަދި ފިލްމު ކާމިޔާބު ވާނެ ކަމެއް ނުވަތަ ނޫން ކަމެއް ބުނަން ނޭނގޭ ކަމަށާއި ނަމަވެސް، ފިލްމަށް ވަރުން އަދި މުޅި ޓީމުގެ ފަރާތުން ވެސް ވަރަށް ބުރަ މަސައްކަތް ކޮށްފައި ވާނެ ކަން ވަރުން ފާހަގަ ކުރި އެވެ.

ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ އިންޑިއާގެ ޖެއިޕޫރު އަދި މުމްބާއީގެ އިތުރުން ސިންގަޕޫރުގަ އެވެ.

ޝެޝާންކް ޚައިތަން ޑައިރެކްޓުކޮށް، ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހު އެވެ.

comment ކޮމެންޓް