ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ވެބްސައިޓް ލޯންޗުކޮށްފި

އެންއައިސީގެ ވެބްސައިޓް

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ނަމުގައި ހަތަރު މުއައްސަސާއެއް ހިމެނޭ ގޮތަށް ދާދިފަހުން އުފައްދާފައިވާ ކޮމިޝަނުގެ ވެބްސައިޓް މިއަދު ލޯންޗުކޮށްފި އެވެ.

އެ ކޮމިޝަނުގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވެބްސައިޓް ލޯންޗްކޮށްދެއްވީ އެންއައިސީގެ ނާއިބު ރައީސް ޔޫސުފް މާނިއު މުހައްމަދު އެވެ.

އެންއައިސީ އަކީ ދިވެހި ރާއްޖޭގައި ހިންގަމުންދާ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލާނެ އެންމެހާ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ފިޔަވަޅުއެޅުމާ ބެހޭ ކަންކަން ތަންޒީމުކުރުމަށް ޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ.

މިއަދު ލޯންޗްކުރި ވެބްސައިޓުގައި އެ ކޮމިޝަނާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމެނެ އެވެ. އެގޮތުން ކޮމިޝަނުގެ މަސައްކަތްތަކާއި އިސްވެރިންގެ ތަފްސީލާއި ހަބަރާއި އިއުލާން އަދި ފޯމުތަކުގެ އިތުރުން ރިޕޯޓްތައް ހިމެނެ އެވެ. އޭގެ އިތުރުން އާންމު ސުވާލުތަކަށް ވެސް ހާއްސަ ބައެއް ވަނީ އެ ވެބްސައިޓުގައި ހިމަނައިފަ އެވެ.

ވެބްސައިޓް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި އެ ކޮމިޝަނުގެ ނާއިބު ރައީސް މާނިއު ވިދާޅުވީ، ކޮމިޝަނުން މަސައްކަތް ކުރާނީ ވީހާ ވެސް އިންސާފުވެރިކޮށް އެ ކޮމިޝަނަށް ހުށަހަޅާ ތަފާތު މައްސަލަތައް ބެލުމަށް ކަމަށެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

comment ކޮމެންޓް