ގެމްބިއާގެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން ރައީސް ޖަމޭހް ކޯޓަށް

ގެމްބިއާގެ ރައީސް ޔަހުޔާ ޖަމޭހް ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އޭއެފްޕީ

ބަންޖުލް (ޑިސެމްބަރު 12): ގެމްބިއާގައި މިމަހުގެ އެއް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެ އެގައުމުގެ ރައީސް ޔަހުޔާ ޖަމޭހް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމަވައިފި އެވެ.

ރައީސް ޖަމޭހުގެ އެލައަންސް ފޯ ޕެޓްރިއޯޓިކް ރީއޮރިއެންޓޭޝަން އެންޑް ކޮންސްޓްރަކްޝަން ޕާޓީން އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން އުޅޭކަން އިއުލާންކޮށްފައި ވަނީ ހޮނިހިރު ދުވަހު އެވެ.

ގެމްބިއާގެ ގާނޫނު އަސާސީގައިވާ ގޮތުން ވޯޓުލިތާ 10 ދުވަސް ތެރޭގައި އިންތިހާބާ ބެހޭ މައްސަލަތައް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ.

ވޯޓުތަކުގައި މައްސަލަތަކެއް އުޅޭ ކަމަށް ވިދާޅުވެ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ރައީސް ޖަމޭހް ވިދާޅުވީ އިންތިހާބުން ބަލި ގަބޫލު ކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވި އެޑަމާ ބަރޯއަށް މަރުހަބާ ވިދާޅުވިތާ ހަފްތާއެއް ފަހުންނެވެ.

ވެރިކަން ކުރައްވާތާ 22 އަހަރުވެފައިވާ ރައީސް ޖަމޭހް އިންތިހާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް އދގެ ސެކިއުރިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ. (ބީބީސީ)

comment ކޮމެންޓް