ވެލިދޫ އަތުން އެއްވަރުވެ، ކުޑަފަރީއަށް ސެމީގެ ޖާގައަކަށް އިންތިޒާރުކުރަން ޖެހިއްޖެ

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ކުޑަފަރީ އާއި ވެލިދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ---

ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ވެލިދޫ އަތުން އެއްވަރުވެ، އެންމެ ފަހުގެ ރަނަރަޕް ކުޑަފަރީ އެފްސީ އަށް ސެމީގެ ޖާގައެއް ކަށަވަރު ކުރުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގައި މިއަދު ހަވީރު ކުޑަފަރީ އާއި ވެލިދޫ ކުޅުނު 'ގްރޫޕް އޭ'ގެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުގައި ކުޑަފަރީ އާއި ވެލިދުއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކުޑަފަރީގެ ހުސައިން އަނީސް އެވެ.

އެ މެޗާއެކު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޑަފަރީ ކުޅެން ޖެހޭ ހުރިހާ މެޗެއް ވަނީ ކުޅެ ނިމިފައެވެ. ކުޅުނު ހަތަރު މެޗުން ލިބުނު ހަތް ޕޮއިންޓާއެކު 'ގްރޫޕް އޭ'ގެ އެއް ވަނައިގައި ކުޑަފަރީ އޮތް ނަމަވެސް، ސެމީގެ ޖާގައެއް އެ ޓީމަށް ލިބޭކަން ކަށަވަރުވާނީ އެ ގްރޫޕްގައި ދެން ހިމެނޭ ޓީމުތައް ކުޅޭ ފަހު މެޗުތަކަށް ފަހު އެވެ.

'ގްރޫޕް އޭ'ގެ ދެ ވަނައިގައި އޮތް އެފްސީ މާފަރަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް މަގޫދޫ އެފްޓީއަށް ތިން މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕްގައި ދެން ހިމެނޭ ވެލިދުއާއި ލަންދޫ އެފްސީއަށް ވެސް ކުޅުނު ތިން މެޗުން ލިބިފައި ވަނީ ދެ ޕޮއިންޓެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެއެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށް ދަނީ ކެނދިކުޅުދޫގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވައި، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގުސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ 'ގްރޫޕް އޭ'ގެ މެޗުގައި ބައްދަލުކުރާނީ އެފްސީ މާފަރާއި ލަންދޫ އެފްސީ އެވެ.

މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

comment ކޮމެންޓް