ދިލިޕް ކުމާރުގެ 94 ވަނަ އުފަން ދުވަސް ހޮސްޕިޓަލުގައި

ދިލޕް ކުމާރު އަދި އަންހެނުން ސައިރާ ބާނޫ ފިލްމެއްގައި -- ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ހިތާމަވެރި ރޯލްތައް އެންމެ މޮޅަށް ގެނެސްދިން، ބޮލީވުޑްގެ "ޓްރެޑެޖީ ކިންގް"ގެ ގޮތުގައި މަޝްހޫރު ދިލިޕް ކުމާރުގެ 94 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ޖެހިފައި ވަނީ ހޮސްޕިޓަލުގައި ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ދިލިޕް ކުމާރުގެ އަންހެނުން އަދި ކުރީގެ އެކްޓްރެސް ސާއިރާ ބާނޫ ބުނި ގޮތުގައި ދިލިޕްގެ ކަނާތު ފައި ދުޅަ ވުމުގެ ސަބަބުން މުމްބާއީގައި ހުންނަ ލިލަވަތީ ހޮސްޕިޓަލަށް ގެންދިޔަ އޭނާ ވަނީ އެޑްމިޓްކޮށްފައެވެ.

ނަމަވެސް ދިލިޕްގެ ހާލު ރަނގަޅު ކަމަށާއި ކުޑަ ގޮތަކަށް ނަމަވެސް އޭނާގެ އުފަން ދުވަސް ފާހަގަ ކުރާނެ ކަމަށް ބާނޫ ބުންޏެވެ.

"އޭނާ މިހާރު އަރާމު ކުރަނީ. މިހާރު އޮތީ އައިސީޔޫގަ، ނަމަވެސް ހާލު ރަނގަޅު. އޭނާ ހޭލުމުން ކޭކެއް ފަޅާނެ. މިފަހަރު ކުޑަ ގޮތަކަށް އުފަން ދުވަސް ފާހަގަ ކުރާނީ،" ބާނޫ ބުންޏެވެ.

ޕާކިސްތާނުގެ ޕިޝާވަރަށް އުފަން ދިލިޕް ކުމާރުގެ އަސްލު ނަމަކީ ޔޫސުފް ޚާން އެވެ. ފިލްމީ ދާއިރާއަށް 1944ގައި ތައާރަފް ވުމަށް ފަހު އޭނާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި އަންދާޒް، ދޭވްދާސް އަދި ޝަހީދު ހިމެނެ އެވެ.

އަދި 60 އަހަަރަށް ދެމިގެންދިޔަ ފިލްމީ ހަޔާތުގައި ކުމާރު ވަނީ ނުވަ ފިލްމްފެއާ އެވޯޑު ހާސިލްކޮށްފައެވެ. އޭނާއަކީ މިހާރުވެސް ފިލްމްފެއާ ބެސްޓް އެކްޓާ އެވޯޑު އެންމެ ގިނައިން ހާސިލުކޮށްފައިވާ ބޮލީވުޑުގެ ފަންނާނެވެ.

ކުމާރަށް ވުރެ 22 އަހަރު ހަގު ސާއިރާ ބާނޫއާ އޭނާ ކައިވެނި ކުރީ 1966ގައެވެ.

comment ކޮމެންޓް