Sun Online
...

ޝިލްޕާ ޝެޓީގެ ދަރިފުޅު ވިވާން އަށް ހަފުތާބަންދުގައި ނޫނީ ޓީވީ ބެލުން މަނާ!

ފަތުހުﷲ ޔާމީން ސައީދު
ލިޔުނީފަތުހުﷲ ޔާމީން ސައީދު

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޝިލްޕާ ޝެޓީ އޭނާގެ ފިރިހެން ދަރިފުޅު، ވިވާން އަށް ހަފްތާ ބަންދުގައި ނޫނީ ޓީވީ ބެލުން މަނާ ކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފި އެވެ.

އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ ޒީ ނިއުސްގައި ބުނެފައި ވަނީ ޝިލްޕާ އޭނާގެ ދަރިފުޅު ޓީވީ ބެލުން މަނާކޮށްފައި ވަނީ، ހެދިބޮޑުވަމުން އަންނަ އިރު، މުޖުތަމައުގައި ހުންނަ ނޭދެވޭ ކަންތައްތައް ޓީވީގެ ޒަރިއްޔާ އިން ވިވާން ދަސްކޮށްފާނެތީ އެވެ.

"ހަފްތާ ބަންދު ދުވަސްތަކުގައި ފިޔަވައި ވިވާން އަށް ޓީވީ ބެލުން މަނާވާނެ. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ކުޑަކުދިންނަށް ކޮންމެ ކޮންމެ މަންޒަރެއް ދެއްކުމަކީ އެންމެ ރަނގަޅުކަމެއް ނޫން. މި ޒަމާނުގެ ކުޑަކުދިންނަށް ކަންތައްތައް ވިސްނޭލެއް އަވަސް. އަދި ދަނެގަނެވޭ ގޮތްވެސް އަވަސް. ޓެކްނޮލޮޖީގެ ސަބަބުން މިހެން މިކަން މި ދިމާވަނީ. އެއީ މިއަދުގެ ދުނިޔެ، އެކަމަކު އެފަދަ ކަންކަމުން ކުޑަކުދިން ރައްކާތެރި ކުރަން ޖެހޭ،" ޝިލްޕާ ބުނެފައިވެ އެވެ.

އޭނާ ދެކޭ ގޮތުގައި ފަހުގެ ކާޓޫނުތަކަކީ ވެސް ކުޑަކުދިންނަށް ދައްކަން ރަނގަޅު މަންޒަރުތަކެއް އެކުލެވިގެންވާ ފަދަ ކާޓުނުތަކެއް ނޫނެވެ. އޭގައި ވެސް ނޭދެވޭ މަންޒަރު އެކުލެވިގެންވެ އެވެ. އެގޮތުން ޝިލްޕާ ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ކާޓޫނުތަކުގައި ތަޅާފޮޅާ މަންޒަރާއި، ހަމަނުޖެހުން ހިންގާ މަންޒަރު ފަދަ މަންޒަރުތައް މިހާރުގެ ކާޓޫނުތަކުގައި ހިމަނާފައިވުން ހިމެނެ އެވެ.

"އަޅުގަނޑު ޝަކުވާއެއް ކުރަނީކީ ނޫން. އަޅުގަނޑު މި ދަންނަވާ އެއްޗަކީ ދަރިން ބެލުމުގައި އަޅުގަނޑުމެން ވެސް މިހާރު ތަންކޮޅެއް ސަމާލުވާން ވެއްޖެއޭ. އަޅުގަނޑާއި އަޅުގަނޑުގެ ފިރިމީހާ ބޭނުން ވަނީ ވިވާން އަށް ހުރިހާ ކަމެއް އެއްފަހަރާ ދަސްކޮށްދިނުމުގެ ބަދަލުގައި ކަންތައްތައް މަޑުމަޑުން ދަސްކޮށްދޭން. އަދި ދުނިޔެއަށް ވެސް މަޑު މަޑުން ހޭލުންތެރިކުރަން،" ޝިޕްލާ ބުންޏެވެ.

ޝިލްޕާ އަކީ 2000ގެ ކުރީ ކޮޅުގެ ބޮލީވުޑް ފިލްމުތަކުގައި ވިދާލި ތަރިއެކެވެ. އެންމެ ފަހުން ސިނަމާއިން ޝިލްޕާ ފެނިފައިވަނީ 2014 ވަނަ އަހަރު ނެރުނު "ޑިސްކިޔާއުން" ފިލްމުންނެވެ.

×
DB released.