ޗުއްޓީ ހޭދަކުރަން އާއިލާއާ އެކު އާލިއާ ބަޓް ރާއްޖެއަށް!

ރާއްޖެ އަންނަކަން ކަށަވަރުކޮށްދެމުން އާލިއާ ބަޓްގެ ބައްޕަ މަހޭޝް ބަޓް ކުރި ދެ ޓްވީޓާއެކު ލާފައިވާ ދެ ފޮޓޯ ---

ބޮލީވުޑްގައި އެންމެ ގަދައަށް ފިޔަޖަހަމުން އަންނަ ބަތަލާ، އާލިއާ ބަޓް އޭނާގެ އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލުމަށް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އާލިއާ ބަޓް ރާއްޖެ އައިސްފައި ވަނީ އޭނާގެ މަންމަ، ސޯނީ ރަޒްދާން އާއި ބައްޕަ މަހޭޝް ބަޓްގެ އިތުރުން ދައްތަ ޝާހީން ބަޓް އާއެކު އެވެ. އަދި އެމީހުން ރާއްޖެ އަންނަކަން އާލިއާގެ ބައްޕަ މިއަދު ކުރި ޓުވީޓެއްގައި ވަނީ ޔަގީންކޮށްދީފައެވެ.

އެގޮތުން ފްލައިޓަށް އަރަންދަމުން މަހޭޝް ވަނީ އާއިލާގެ ހަތަރު މެމްބަރުންގެ ފޮޓޯއެއް ޓުވީޓްކޮށްފައެވެ. އެ ފޮޓޯއާ އެކު އޭނާ ބުނެފައި ވަނީ ހޭދަކުރާ ހާއްސަ ވަގުތަކީ ދިރިއުޅުމުގެ އަގުހުރި އެއްޗެއް ކަމަށެވެ. އަދި އާއިލީ ޗުއްޓީއަކަށް ރާއްޖެއަށް ދާ ކަމަށް ބުނެފައިވެ އެވެ.

އޭގެ ފަހުން ވެސް މަހޭޝް ވަނީ އޭނާގެ ދެ އަންހެން ދަރިންގެ ފޮޮޓޯއެއް ޓުވީޓްކޮށް އާއިލީ ޗުއްޓީއަކަށް ދާ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހު އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށް ބުނެފައެވެ.

ނަމަވެސް އެމީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ ކިތައް ދުވަސް ކަމެއް އަދި ހޭދަކުރާ ތަނެއް ބުނެފައެއް ނުވެ އެވެ.

އާއިލާއާ އެކު އާލިއާ ރާއްޖެ އައިސްފައިވާ އިރު، އޭނާގެ މަންމައަށް 60 އަހަރު ފުރޭ އުފަން ދުވަހު އޭނާގެ ފަރާތުން ދޭ ހަދިޔާއެއްގެ ގޮތުގައި މުޅި އާއިލާ ގޮވައިގެން ރާއްޖެ އައުމަށް ނިންމާފައިވާކަން ބައްޕަ އާ އެކު ބައިވެރިވި ޓީވީ ޝޯއެއްގައި އޭނާ ވަނީ މީގެ ކުރިން ބުނެފައެވެ.

ޗުއްޓީއަކަށް އާލިއާ ރާއްޖެ އައިސްފައި މިވަނީ، މިދިޔަ މަހުގެ ފަހުކޮޅު ރިލީޒްކުރި ފިލްމު، "ޑިއާ ޒިންދަގީ"ގެ ޕްރޮމޯޝަންގެ މަސައްކަތްތަކާއި "ބަދްރިނާތްކީ ދުލްހަނިޔާ"ގެ ޝޫޓިންތަކަށްފަހު އެވެ.

comment ކޮމެންޓް