އެހެނިހެން އޮފީސްތަކުން "ގައުމީ އިނާމު" ނުދިނުމަށް އަންގައިފި

ރައީސް އޮފީސް ---

ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ގައުމީ އިނާމުގެ ގަދަރާއި އިހްތިރާމް ކުޑަވާތީ އެ ނަމުގައި އެހެނިހެން މުއައްސަސާތަކުން އިނާމު ނުދިނުމަށް ރައީސް އޮފީހުން އަންގައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރެފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ، ޝަރަފުވެރިކަމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ފިޔަވައި އެހެނިހެން މުއައްސަސާތަކުން ދެއްވާ އެކިއެކި އިނާމު ގައުމީ އިނާމުގެ ނަމުގައި ދެއްވަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެގޮތަށް އެ އިނާމުތައް ދަރަޖަ ކުރުމުން ސަރުކާރުން ކޮންމެ އަހަރަކު ދެއްވާ ގައުމީ އިނާމަށް ދެވޭ ގަދަރާއި އިހްތިރާމު ކުޑަވެ، ކަމުގެ ހައިބަތަށް އުނިކަން އަންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ފެނިވަޑައިގަންނަވާ ކަމަށް އެ ދެންނެވުމުގައި ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުނީ ދައުލަތުގެ އެކިއެކި މުއައްސަސާތަކުން އިނާމު ދެއްވުމުގައި ގައުމީ އިނާމަށް ނިސްބަތް ނުވާ ގޮތަށް އިނާމު ދެއްވުމަށް ހުރިހާ މުއައްސަސާތަކަށް އަންގާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ސަރުކާރުން ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމަކީ، ގައުމާއި މުޖުތަމައުގެ ލާބަ އާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި ވަކިވަކި މުއައްސަސާތަކުންނާއި މަދަނީ ޖަމިއްޔާތަކުންނާއި، ވިޔަފާރި އިދާރާތަކުން ކުރާ މަސައްކަތްތަކާއި ދޭ ހިދުމަތްތަކާއި، ހޯދާ ކާމިޔާބީ ތަކުގެ އަގު، ގައުމީ ފެންވަރުގައި ވަޒަން ކުރެއްވުމުގެ ގޮތުން ހާއްސަ ގޮތެއްގައި ދެއްވަމުން ގެންދާ އިނާމެއް ކަމަަށެވެ.

comment ކޮމެންޓް