ސިޔާސީ އަދި މަދަނީ ހައްގުތައް ދިފާއުކުރުމަށް ދުންޔާ ގޮވާލައްވައިފި

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، ރާއްޖޭގެ ފަރާތުން އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ -- ފޮޓޯ/ އޭޕީ

ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ސިޔާސީ އަދި މަދަނީ ހައްގުތަކުގެ ދިފާޢުގައި މަސައްކަތް ކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރާ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި ދުންޔާ ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2004 ވަނަ އަހަރު ތައާރަފު ކުރެއްވި އިސްލާހީ އެޖެންޑާއަކީ، ރާއްޖޭގައި ވަކިވަކި ފަރުދުންނަށް މިނިވަންކަމާއި ހައްގުތައް ކަށަވަރުކޮށްދިނުމަށް އެޅި ފުރަތަމަ ފިޔަވަޅު ކަމަށެވެ.

ގައުމެއްގެ ހައިސިއްޔަތުން، ހުރިހާ ދިވެހީންގެ ދިފާއުގައި އަހަރެމެން އެންމެން ތެދުވަންޖެހޭ. މިއީ ދިވެހިރާއްޖެ އެ އަސާސުތަކެއްގެ މަތީގައި ދެމިއޮންނަން ޖެހޭ އަސާސުތަކަކީ، ދުންޔާ

އެއަށް ފަހު ރާއްޖެ، އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ނުވަ މުއާހަދާގެ ތެރެއިން ހަތް މުއާހަދާއެއް ތަސްދީގުކޮށް، އދގެ ހިއުމަންރައިޓްސް ކައުންސިލްގައި ދެ ދައުރު ފުރިހަމަކުރިކަން ދުންޔާ ފާހަގަކުރެއްވިއެވެ.

މިއަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ ޝިއާރަކީ، އަނެކާގެ ހައްގުގައި ތެދުވުމެވެ.

ދުންޔާ ވިދާޅުވީ، އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާ ކުރުމަކީ އަދިވެސް އާންމު ކަމެއް ކަމަށާއި، މިކަން ހުއްޓުވައި، އަންހެނުންނާޢި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މުޖުތަމައުގައި ލިބެންޖެހޭ އަޅާލުމއި މަގާމު އަދިވެސް ނުލިބޭކަން ފާހަގަ ކުރައްވަމުން، އެފަދަ ފަރާތްތަކަށް އެ ހައްގު ކަށަވަރު ކޮށްދިނުމަށް ދުންޔާ ގޮވާލެއްވިއެވެ.

އަދި ހަމަ އެއާ އެކު، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ބައެއް އަސާސީ ހައްގުތައް ކަމުގައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން، ގާނޫނު އަސާސީގެ ދަށުން ފޯރުކޮށްދިނުމަށް ދުންޔާ ގޮވާލެއްވިއެވެ.

"މީޑިއާގެ މިނިވަންކަމަކީ ކޮންމެ ޑިމޮކްރެޓިކް މުޖުތަމައެއްގެ އެންމެ އަސާސީ އެއް ތަނބު. އެ މިނިވަންކަން ކަށަވަރުކޮށްދީ، މީޑިއާ ބާރުވެރިކުރުވަން އެބަ ޖެހޭ،" ދުންޔާ ވިދާޅުވިއެވެ.

މީޑިއާގެ މިނިވަންކަމަކީ ކޮންމެ ޑިމޮކްރެޓިކް މުޖުތަމައެއްގެ އެންމެ އަސާސީ އެއް ތަނބު. އެ މިނިވަންކަން ކަށަވަރުކޮށްދީ، މީޑިއާ ބާރުވެރިކުރުވަން އެބަ ޖެހޭ، ދުންޔާ

ދުންޔާ ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރުދޭންޖެހޭ ކަމަށާއި، އަދި ގާނޫނު އަސާސީގައި ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތައް ހޯދުމަށް ތެދުވަންޖެހޭ ކަމަށެވެ.

"ގައުމެއްގެ ހައިސިއްޔަތުން، ހުރިހާ ދިވެހީންގެ ދިފާއުގައި އަހަރެމެން އެންމެން ތެދުވަންޖެހޭ. މިއީ ދިވެހިރާއްޖެ، އެ އަސާސުތަކެއްގެ މަތީގައި ދެމިއޮންނަން ޖެހޭ އަސާސުތަކަކީ،" ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވަނީ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި، ސަރުކާރަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަދަނީ ޖަމިއްޔާތަކަށް ފޮނުއްވައިފައެވެ.

comment ކޮމެންޓް