ގެމްބިއާގެ ރައީސް، ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެއްޖެ

ގެމްބިއާގެ ރައީސް ޔަހުޔާ ޖަމޭހް ވަނީ އެޑަމާ ބަރޯ ކާމިޔާބު ކުރެއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ: އޭއެފްޕީ

ބަންޖުލް (ޑިސެމްބަރު 10): ގެމްބިއާގައި މި މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޔަހުޔާ ޖަމޭހް ވިދާޅުވެއްޖެ އެވެ.

ވޯޓުތަކުގައި މައްސަލައެއް އުޅޭ ކަމަށް ވިދާޅުވެ އަލުން އިންތިހާބު ބާއްވަން ޖަމޭހް ގޮވާލެއްވީ އިންތިހާބުން ބަލި ގަބޫލު ކުރެއްވިތާ ހަފްތާއެއް ފަހުންނެވެ.

"އިންތިހާބު ރަނގަޅަށް ތަހުގީގު ކުރުމަށް ފަހު އަޅުގަނޑު ވަނީ ނަތީޖާ ގަބޫލު ނުކުރަން ނިންމާފައި. ވޯޓުލުމުގެ މަރުހަލާތަކުގައި ހަމަނުޖެހޭ ކަންތައްތަކެއް ހުރުމުން މިނިވަން އިލެކްޓޯރަލް ކޮމިޝަނަކުން، ދެފުށް ފެންނަ އާ އިންތިހާބެއް ބާއްވަން އަޅުގަނޑު ގޮވާލަން،" ޖަމޭހް ވިދާޅުވި އެވެ.

ޖަމޭހްގެ އެގޮވާލެއްވުމާ ގުޅިގެން ގެމްބިއާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެޑަމާ ބަރޯ ވަނީ ޖަމޭހް އަމަލު ކުރައްވަނީ ޑިމޮކްރަސީއަށް ގެއްލުންވާ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން މި މަހުގެ ފަސް ވަނަ ދުވަހު ގެމްބިއާގެ އިލެކްޓޯރަލް ކޮމިޝަނުން ވަނީ އެގައުމުގެ އެއް ސަރަހައްދުގެ ވޯޓުތައް ގުނާފައި ވަނީ ނުބައިކޮށް ކަމަށް ބުނެ ވޯޓުތައް އަލުން ގުނައިފަ އެވެ. އޭގެ ސަބަބުން އިންތިހާބުގެ ނަތީޖާ ބަދަލު ނުވި ނަމަވެސް ޖަމޭހްގެ މައްޗަށް ބަރޯ ހޯއްދެވި ލީޑު ނުވަ ޕަސެންޓުން ހަތަރު ޕަސެންޓަށް ދަށްވި އެވެ.

މީގެ 22 އަހަރު ކުރިން ބަޣާވާތަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޖަމޭހު ރިޔާސީ އިންތިހާބުން ބަލި ކުރެއްވި ބަރޯ އަކީ މީގެ ކުރިން އިނގިރޭސިވިލާތުގެ ފިހާރައެއްގައި ސެކިއުރިޓީ ގާޑެއްގެ ވަޒީފާ އަދާ ކުރެއްވާފައިވާ އަދި ސިޔާސީ އެއްވެސް މަގާމެއް މީގެ ކުރިން ފުރުއްވާފައި ނުވާ ބޭފުޅެކެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް