ދެކުނު ކޮރެއާގެ ރައީސާގެ އިތުރުބާރު ނެތިގެން މަގާމުން ދުރުކޮށްފި

ދެކުނު ކޮރެއާގެ ރައީސާ ޕާކް ގެއުން ހައި: އެކަމަނާގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މިއަދު ވަނީ މަގާމުން ދުުރުކޮށްފައި -- ފޮޓޯ// ރޮއިޓާސް

ސޯލް (ޑިސެމްބަރު 9): ދެކުނު ކޮރެއާގެ ރައީސާ ޕާކް ގެއުން ހައިގެ މައްޗަށް އެގައުމުގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފި އެވެ.

މަގާމުން އިސްތިއުފާ ދެއްވާނެ ގޮތެއް ހޯދައިދިނުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ފަރާތުން ޕާކް ވަނީ މީގެ ހަފްތާއެއް ކުރިން އެދިވަޑައިގެންފަ އެވެ.

ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގައި މިއަދު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ރައީސާ ޕާކް މަގާމުން ދުރުކޮށްފައިވަނީ 234 މެމްބަރުންގެ ސާފު އަޣުލަބިއްޔަތުންނެވެ. އެކަމަނާއާ އެއްކޮޅަށް 56 މެމްބަރަކު ވޯޓު ދީފައިވެ އެވެ.

ޕާކް މަގާމުން ދުރުކުރުމާ ގުޅިގެން މިހާރު ވެރިކަމުގެ ހުރިހާ ބާރުތަކެއް ހަވާލުކުރައްވާފައިވަނީ އެގައުމުގެ ބޮޑުވަޒީރު ވަން ކިޔޯ އާން އާއެވެ.

އުމުރުން 64 އަހަރުގެ ޕާކް މަގާމުން ދުރުކުރި މިދަނޑިވަޅަކީ އެކަމަނާގެ އަންހެން ރަހްމަތްތެރިއަކު އެރަހްމަތްތެރިކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، އަމިއްލަ ފައިދާއަށް ގައުމުގެ ސިޔާސީ ނިންމުންތަކަށް ނުފޫޒު ފޯރުވިތޯ ބެލުމަށް އެގައުމުގައި ކުރިއަށްދާ ތަހުގީގާ ގުޅިގެން ރައީސާގެ އިސްތިއުފާއަށް އެތައް ބަޔަކު ގޮވަމުންދާ ދަނޑިވަޅެކެވެ.

ގާނޫނު ހަދާ މަޖިލީހުގައި މިއަދު ވޯޓު ނެގި ވަގުތުވެސް އެތައް ހާސް ބަޔަކު ޕާކްގެ އިސްތިއުފާއަށް ގޮވައި މުޒާހަރާކޮށްފައިވެ އެވެ.

ރައީސާ ޕާކްގެ އެކުވެރިޔާ ޗޮއި ސޫންސިލް މިހާރު ވަނީ އެގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފަ އެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ދެކުނު ކޮރެއާގެ ކުންފުނިތަކުން ފައިސާ ފޭރުމާއި، ރައީސާ ޕާކްގެ ރަހުމަތްތެރިކަމުގެ ނާޖާއިޒް ބޭނުން ހިފައިގެން އޭނާގެ ބާރުގެ ދަށުގައިވާ ނޮން ޕްރޮފިޓް ފަންޑަކަށް ޑޮނޭޝަންތަކެއްގެ ފައިސާ ޖަމާކުރުން ހިމެނެ އެވެ.

comment ކޮމެންޓް