މިއަހަރުގެ ފަހު އެޑިޝަންއާއެކު މިސްކުގެ އަމާޒު ފަތުރުވެރިންނަށް!

މިސްކުގެ މެގަޒިންގެ މިއަހަރުގެ އެންމެ ފަހު ޕްރިންޓް އިޝޫ ރިލީޒިން ކުރުމަށް ޝެރަޓަން ފުލްމޫން ރިސޯޓްގައި މިރޭ ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި މިއުޒިކީ އިންޑަސްޓްރީގެ އަޑުތަކާ ރާގުތައް ދިވެހިންނަށާއި ބޭރު ދުނިޔެއަށް އިއްވައިދިނުމަކީ، މިއުޒިކަށް ހާއްސަކޮށްގެން ރާއްޖޭގައި ނެރެންފެށި އެންމެ ފުރަތަމަ މެގަޒިން، މިއުޒިކް އިން ސޯޝަލް ކޮމިއުނިޓީ (މިސްކު)ގެ މަގްސަދެކެވެ. މިއުޒިކީ އިންޑަސްޓްރީއަށް އަލަށް ނުކުންނަ ފަރާތަކަށް ހިތްވަރުދީ ކުރިއަށް ދެވޭނޭ މަގު ތަނަވަސްކޮށްދޭ މިތުރަކީ ވެސް އެއީއެވެ.

މީގެ ހަ އަހަރު ކުރިން، 2010 ވަނަ އަހަރު ވުޖޫދަށް އައި މިސްކަކީ މިއަދު ރާއްޖޭގައި ކްރިއޭޓިވް އިންޑަސްޓްރީއަކަށް ހާއްސަ ކޮށްގެން ނެރޭ އެންމެ ގިނަ ދުވަސްވީ މެގަޒިންއެވެ.

އެތައް ބައެއްގެ ފާޑުކިޔުންތަކާ އެކުވެސް ވޭތުވެދިޔަ ހަ އަހަރު، އަހަރަކު ހަތަރު ފަހަރު މިސްކު މެގަޒިން ވަނީ ކާމިޔާބު ކަމާއެކު ނެރެފައެވެ. ރާއްޖޭގެ މިއުޒިކީ އިންޑަސްޓްރީއަށް ހިދުމަތްކުރުމުގައި މިސްކު ދެމިއޮންނާނޭކަން އެ މެގަޒިންގެ ފަހަތުގައި އޮތް ޒުވާން ގާބިލް ޓީމުން ވަނީ ސާބިތުކޮށްދީފައެވެ.

މިސްކުގެ މެގަޒިންގެ މިއަހަރުގެ އެންމެ ފަހު ޕްރިންޓް އިޝޫ ރިލީޒިން ކުރުމަށް ޝެރަޓަން ފުލްމޫން ރިސޯޓްގައި މިރޭ ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިސްކުގެ މެގަޒިންގެ އުމުރުން ހަ އަހަރު ނިމުމަކަށް އަންނައިރު، އެ މެގަޒިންގެ މިއަހަރުގެ ފަހު އަދަދުގެ ޕްރިންޓް މިރޭ މިވަނީ ނެރެފައެވެ. މިއަދަދުގެ އޮންލައިން ވާރޝަން މިދިޔަ މަހު ނެރެފައިވާއިރު، ޝެރަޓަން ފުލްމޫން ރިސޯޓުގެ ހިތްގައިމު މާހައުލުގައި ކުރިއަށްދާ އެރިސޯޓުގެ "މޯލްޑިވިއަން ނައިޓް" ހަފްލާގައި މިސްކްގެ 24 ވަނަ އަދަދުގެ ޕްރިންޓް ނެރެދެއްވީ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖީން ލޫއީ ރިޕޯޗް އެވެ.

މެގަޒިން ނެރެދެއްވުމުގެ ކުރިން ޖެނެރަލް މެނޭޖަރު ވިދާޅުވީ، ބިދަބިން ބޮޑުބެރު ގްރޫޕަކީ އެއްވަނައިގެ ގްރޫޕެއް ކަމަށާއި މިފަދަ މެގަޒިން އަކުން އެ ބޮޑުބެރު ގްރޫޕަށް ފުރުސަތު ލިބުން ހައްގު ކަމަށެވެ. އަދި އެ ގްރޫޕުގެ ހުރިހާ މެމްބަރުންނަށް އޭނާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ކޮންމެ އަހަރެއްގެ ވެސް މިސްކު މެގަޒިންގެ އެންމެ ފަހު އިޝޫ ހާއްސަކުރަނީ ރާއްޖޭގެ ކަލްޗަރަލް ނުވަތަ ބޮޑުބެރު ގްރޫޕަކަށެވެ. އެގޮތުން މިއަހަރުގެ އެންމެ ފަހު އިޝޫގައި ރާއްޖޭގައި ކުރިއަރަމުން އަންނަ ޒުވާން ބޮޑުބެރު ގްރޫޕް، ބިދަބިން ބޮޑުބެރު ގްރޫޕުގެ ހާއްސަ އިންޓަވިއެއް ވަނީ ހިމަނާފައެވެ.

މިއަހަރުގެ އެންމެ ފަހު ޕްރިންޓް އިޝޫ ރިލީޒިން ޝެރަޓަން ފުލްމޫން ރިސޯޓްގައި ކުރިއަށް ގެންދާ އެއް ސަބަބަކީ ވެސް އެއީއެވެ. ޒުވާން އެތައް ހުނަރުވެރިންނަކާއެކު އުފެދުނު ބިދަބިން ގްރޫޕް ކޮންމެ ހުކުރު ދުވަހު ހުށަހަޅައިދޭ ތަނަކީ މި ރިސޯޓް ކަމަށްވާތީ އެވެ.

މިސްކުގެ މިއަހަރުގެ ފަހު އިޝޫގައި ބިދަބިން ބޮޑުބެރު ގްރޫޕް ހިމެނުމުން އެ ގްރޫޕުގެ މެނޭޖަރު މުހައްމަދު އާސިމް (އާއްކޮ) ބުނީ، ޒުވާން ބިދަބިންގެ ހުނަރު ބަލައިގަނެ މިސްކު ކަހަލަ މެގަޒިންއަކުން އެ ގްރޫޕަށް ފުރުސަތު ދިނުމަކީ މިސްކުގެ ޓީމަށް ނުހަނު ޝުކުރުއަދާ ކުރާ ކަމެއް ކަމަށެވެ.

އޭގެ އިތުރުން ޒުވާން ބޮޑުބެރު ގްރޫޕަކަށް ޝެރަޓަން ކަހަލަ މަގްބޫލް ރިސޯޓެއްގައި ހުށަހަޅައިދޭން ފުރުސަތު ދިނުމުން އާއްކޮ ވަނީ އެ ރިސޯޓްގެ މެނޭޖްމަންޓަށް ވެސް ޝުކުރުއަދާ ކޮށްފައެވެ.

މިސްކުގެ މެގަޒިންގެ މިއަހަރުގެ އެންމެ ފަހު ޕްރިންޓް އިޝޫ ރިލީޒިން ކުރުމަށް ޝެރަޓަން ފުލްމޫން ރިސޯޓްގައި މިރޭ ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ބިދަބިން އަކީ އަދި އުފެދުނު ފަހުން އެހާ ގިނަ ދުވަސްވީ ބޮޑުބެރު ގްރޫޕެއް ނޫން. އެހެންކަމުން މިސްކު ކަހަލަ މެގަޒިން އެއްގައި އަހަރެމެންގެ ގްރޫޕް ހިމެނުމަކީ ބިދަބިން އަށް ލިބުނު ވަރަށް ބޮޑު އެކްސްޕޯޝާއެއް. ހާއްސަކޮށް މިސްކަކީ ރިސޯޓްތަކާ އާއްމުންނަށް ވެސް ބަހާ މެގަޒިންއެއް. ރިސޯޓްތަކުގެ ޖީއެމްތަކުގެ އަތައް ވެސް އެ މެގަޒިން އަރާނެ. ކިޔާނެ. އެހެންކަމުން މިސްކުގެ މެގަޒިން އެއްގެ ސަބަބުން އިންޓަނޭޝަނަލީ ވެސް އަހަރެމެންގެ ގްރޫޕަށް ކުރިއެރުންތަކެއް އަންނާނެ ކަމަށް ގަބޫލުކުރަން،" އާއްކޮ ބުންޏެވެ.

މިސްކުގެ މިއަހަރުގެ އެންމެ ފަހު މެގަޒިން އިޝޫގައި "ޒީރޯ ޑިގްރީ އެޓޯލް"އިން މަގުބޫލުކަން ހޯދި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލްމަރްހޫމް އަހުމަދު ނާޝިދު (ފްލޫ ނާޝިދު) އަށް މިސްކްއިން އިސް ނަގައިގެން ދިވެހި ފަންނާނުންގެ ފަރާތުން ދިން ހާއްސަ ޓްރިބިއުޓް ޝޯގެ ހަނދާންތައް ވަނީ އާކޮށްފައެވެ.

މިއީ މިސްކުން އިސްނަގައިގެން ގިނަ ފަރާތްތަކާ ގުޅިގެން ބޭއްވި މިފަދަ ފުރަތަމަ ޝޯއެވެ. ކާމިޔާބުކަމާއެކު އެތައް ހަނދާންތަކެއް އާކޮށްދިން އެ ޝޯއަކީ ނާޝިދު ނިޔާވުމުގެ ކުރިން އޭނާގެ އަގުވަޒަންކޮށް، ނޭޝަންވައިޑް ކަވަރޭޖްއަކާއެކު، ގިނަ ފަރާތްތަކެއް އެކުވެގެން ދިން އެންމެ ފަހު ޝޯވެސް މެއެވެ.

އޭގެ އިތުރުން، ފަންނުގެ ދަރިން އިސްނަގައިގެން ނާޝިދަށް ބޭއްވި ހާއްސަ ޝޯގެ ވާހަކަތަކުގެ އިތުރުން ރާއްޖޭގެ މަޝްހޫރު "ހަރުބީ" ބޮޑުބެރު ގްރޫޕް ބައިނަލްއަގްވާމީ ބައިދާނުގައި ރާއްޖެ ތަމްސީލްކުރި ކުރުންތަކުގެ މައްޗަށް ވެސް ހާއްސަ އާޓިކަލްއެއް ހިމަނާފައިވެއެވެ.

ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިކްއޭޓިވް ވައިބްގެ އަލްބަމް "ކުލަތައް"ގެ ހާއްސަ ކަވަރޭޖަކާއި އޭޝިއާގެ ގައުމުތަކުގެ ޒުވާނުން ބާރުވެރިކުރުވަން ހިންގާ ބައިނަލްއަގްވާމީ ދިވެހި ޖަމިއްޔާ ރީޖަނަލް އެލަޔަންސް ފޮ ފޮސްޓަރިން ޔޫތް (ރަފީ) އިން ތައްޔާރުކުރި އަށް ބަހަކުން ކިޔާފައިވާ އަލްބަމް "މިތުރު"ގެ ހާއްސަ ލިޔުމެއްވެސް މިސްކުގެ މިއަހަރުގެ ފަހު މެގަޒިންގައި ހިމެނޭނެ އެވެ.

މިސްކު މެގަޒިންގެ މިއަހަރުގެ ފަހު އިޝޫގެ މައްޗަށް އެ މެގަޒިންގެ ޒުވާން ފައުންޑަރު އަދި އެޑިޓަރު ރިއާޔަތު އަބްދުލް މަޖީދު ވިދާޅުވީ، ރާއްޖެ ޕްރޮމޯޓް ކުރުމުގެ ގޮތުން މިސްކުގެ ކަލްޗަރަލް އެޑިޝަން ބޭރުގެ މީހުންގެ ސަމާލުކަމަށް ގެނައުމަށް ބޭނުންވާ ކަމަށެވެ.

މިސްކުގެ މެގަޒިންގެ މިއަހަރުގެ އެންމެ ފަހު ޕްރިންޓް އިޝޫ ރިލީޒިން ކުރުމަށް ޝެރަޓަން ފުލްމޫން ރިސޯޓްގައި މިރޭ ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެގޮތުން، މިއަހަރު ފާހަގަކުރާ ވިސިޓް މޯލްޑިވްސް އިޔާއާއެކު މިސްކުގެ މިއަހަަރުގެ ފަހު އެޑިޝަންގެ ޕްރިންޓް އިޝޫ ރިލީޒްކުރުން ފަތުރުވެރި މާހައުލެއްގައި ބޭއްވުމަކީ އުފާކުރާ ކަމެއް ކަމަށާއި މިއަދަދުގެ ޕްރިންޓް ކޮޕީތައް އެހެން ފަހަރުތަކަށްވުރެ ގިނައިން ރިސޯޓުތަކުގައި ޑިސްޕްލޭކުރުމަށް މަސައްކަތްކުރާނޭ ކަމަށްވެސް ރިއާޔަރު ވިދާޅުވިއެވެ.

"މި އަދަދުގެ ޕްރިންޓަށް އަޅުގަނޑުމެން މި ކިޔަނީވެސް ކަލްޗަރަލް އެޑިޝަން. އެހެން އަދަދުތަކާ ހިލާފަށް މިއަދަދު ވަރަށް ހާއްސަ ވެގެން އެބަދޭ. މިފަހަރު އޮންލައިން ކޮށް މިއަދަދު ނެރުމަށްފަހު އެހެން ފަހަރުތަކާ ހިލާފަށް އޮންލައިން ރީޑަރޝިޕް ބޮޑުކުރުމުގެ މަގްސަދުގައި ޕްރިންޓް ނެރުން ލަސްކޮށްލިން. ނެރޭ ތާރީހަކަށް މިރޭ މިހެދި ސަބަބަކީ، ހާއްސަ ހަފްލާއެއްގައި، ބިދަބިން އަށް ވެސް މުހިންމުވާނެ ފަދަ ތަނެއްގަ އި މިކަން ކުރުން." އެހެނިހެން ދާއިރާތަކުން ސަރުކާރުން ދެއްވާ ހާއްސަ އިނާމައި ޒުވާނުންގެ އެވޯޑްވެސް ލިބިފައިވާ ރިއާޔަތު ވިދާޅުވިއެވެ.

އޭގެ އިތުރުން ރިއާޔަތު ވަނީ ރާއްޖޭގެ ރިސޯޓްތަކުގައި ދިވެހި ސަގާފީ ރޭތައް ގިނައިން ފާހަގަކޮށް ރާއްޖޭގެ ހުނަރުވެރި ސަގާފީ ބޭންޑުތަކާއި މުނިފޫހިފިލުވުމުގެ ގްރޫޕްތަކަށް ހުށަހަޅައިދިނުމުގެ ފުރުސަތު ދިނުމަކީ މިސްކުން ދެކެން ބޭނުންވާ މަންޒަރެއް ކަމަށް ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް