ކޮމިއުނިސްޓް ޕާޓީއާ ގުޅުން ބަދަހިކުރުމަށް ޕީޕީއެމް ޗައިނާއަށް

ޗައިނާއަށް ދިއުމަށް ފުރި ޕީޕީއެމްގެ ވަފުދު -- ފޮޓޯ/ ޕީޕީއެމް

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ދައުވަތަކަށް، ވެރިކަން ކުރާ ޕީޕީއެމްގެ 14 މެމްބަރުންގެ ވަފުދެއް ޗައިނާއަށް ފުރައިފި އެވެ.

މި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ޗައިނާއަށް ވަޑައިގަތީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲއެވެ.

އަބްދުލްރަހީމްގެ އިތުރުން، ވަފުދުގައި ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް، އެ ޕާޓީގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން އަދި ޕީޕީއެމްގެ އަންހެނުންގެ ގޮފީގެ ނައިބު ރައީސް އާއިޝަތު އިނާޔާ ހިމެނެއެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް "ސަން" އަށް ވިދާޅުވި ގޮތުގައި، ޗައިނާއަށް މިރޭ ފުރި 14 މެމްބަރުންގެ ވަފުދު، މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ތިއްބަވާނެއެވެ.

އިގްބާލް ވިދާޅުވީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަށް ޕީޕީއެމްގެ ވަފުދެއް ޗައިނާއަށް ދިއުމަށް ފުރާފައިވާ އިރު އެ ދަތުރުގައި، އެ ޕާޓީގެ ދެމެދުގައި ތަޖުރިބާ އާއި މައުލޫމާތު ބަދަލުކުރުމުގެ މަޝްވަރާތައް ކުރާނެ ކަމަށެވެ. އަދި އެކި ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ކަންކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިގްބާލް ވިދާޅުވި އެވެ.

"މި ދަތުރުގެ ބޭނުމަކީ، ސީޕީސީ އާއި ޕީޕީއެމްއާ ދެމެދު ތަޖުރިބާ ބަދަލުކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި، ދެ ޕާޓީގެ ދެމެދުގައި އކެި ދާއިރާތަކުން މީހުން ތަމްރީނު ކުރުމާ، މިފަދަ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުން،" އިގްބާލް ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ވަނީ ޗައިނާއާ ވަރަށް ގާތް ގުޅުމެއް އުފައްދައިފައެވެ. ޗައިނާގެ ރައީސް ޝީ ޖިން ޕިންގް 2014 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރެއްވި އިރު، ރައީސް ޔާމީންވެސް ވަނީ ޗައިނާއަށް ދަތުރުތަކެއް ކުރައްވައިފަ އެވެ.

ޗައިނާގެ ގާނޫނު އަސާސީގައި ބުނާ ގޮތުން، އެގައުމުގެ ވެރިކަން ކުރަން ޖެހެނީ ރައްޔިތުންގެ "ޑިމޮކްރެޓިކް ޑިކްޓޭޓަރޝިޕް" ނިޒާމަކުންނެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގައި 80 މިލިޔަނަށް ވުރެ ގިނަ މެމްބަރުން އުޅޭ އިރު، އެ ގައުމުގައި ހުރިހާ މުއައްސަސާއެއް ކޮންޓްރޯލް ކުރަނީ ކޮމިއުނިސްޓް ޕާޓީންނެވެ. އަދި ޗައިނާގައި ކޮމިއުނިސްޓް ޕާޓީގެ ފިކުރާ ދެކޮޅު ސިޔާސީ ޕާޓީތަކަށް އެ ގައުމުގައި ފުރުސަތެއް ނޯވެ އެވެ. ޗައިނާގެ ގާނޫނު ހަދާ މަޖިލީސް، ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 2،987 ގޮނޑީގެ ތެރެއިން 2،157 ގޮނޑިއަކީ ކޮމިއުނިސްޓް ޕާޓީގެ ގޮނޑިއެވެ. ބާކީ 830 ގޮނޑި ނިސްބަތްވަނީ، ކޮމިއުނިސްޓް ޕާޓީގެ ފިކުރަށް ނިސްބަތްވާ، ކުދި ޕާޓީތަކުގެ އިއްތިހާދަށެވެ.

comment ކޮމެންޓް