އެމްއައިބީގެ ފަސް ފުލް ސްކޮލަޝިޕަކަށް ކުރިމަތިލާން އައިޔޫއެމް އިން އިއުލާންކޮށްފި

އައިޔޫއެމްއަށް އެކި ގޮތްގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއައިބީއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ މުހައްމަދު އަފްރާހް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފަރާތުން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އަށް ދީފައިވާ ފަސް ފުލް ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށް ޓަކައި އެމްއައިބީގެ ފަރާތުން އައިޔޫއެމްއަށް ދިން ފަސް ސްކޮލަޝިޕް ފުރުސަތަކީ ވެސް ބެޗްލާސް އޮފް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ދިން ފުރުސަތުތަކެކެވެ.

އެގޮތުން އައިޔޫއެމް އިން ޖަނަވަރީ 2017ގައި ފެށުމަށް ހަމަޖެހިފައިވާ އެ ދާއިރާގެ ކޯހުން ފުރުސަތު ހޯދައިދޭ އެ ސްކޮލަޝިޕް ފުރުސަތުތަކަށް ހޮވޭ ދަރިވަރުންގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނީ އިސްލާމިކް ބޭންކުގެ ފަރާތުންނެވެ.

ކޯސް ފުރިހަމަ ކުރުމަށް ފަހު އެމްއައިބީއަށް ދެ އަހަރު ދުވަހަށް ހިދުމަތް ކޮށްދިނުމަށް ބޮންޑްކުރެވޭ އެ ފުރުސަތުތަކަށް ކޯސް ފީ ދައްކަން ހަމަޖެހިފައި ވަނީ ސީދާ ބޭންކުން ޔުނިވާސިޓީއަށް ކަމަށް އައިޔޫއެމް އިން ބުނެ އެވެ.

އިސްލާމިކް ބޭންކުގެ ސްކޮލަޝިޕް ފުރުސަތުގައި ހިމެނޭ އެލަވެންސްތައް

  • ކޯހުގައި ކިޔެވުމަށް ޓަކައި މާލެ ބަދަލުވާ ނަމަ، އެސްޓެބްލިޝްމަންޓް އެލަވަންސްގެ ގޮތުގައި 2000 ރުފިޔާ
  • ކޯހުގައި ކިޔެވުމަށް ޓަކައި މާލެ ބަދަލުވާ ނަމަ، ކޮންމެ މަހަކު އެކޮމޮޑޭޝަން އެންޑް ފުޑް 2500 ރުފިޔާ
  • ކޯހުގައި ކިޔެވުމަށް ޓަކައި މާލެ ބަދަލުވާ ނަމަ، އަހަރަކު އެއްފަހަރު ރަށަށް ގޮސް އައުމަށް ޓަކައި އެއާ ޓިކެޓް (އެންމެ ގިނަވެގެން 3500 ރުފިޔާ)
  • ކޯހުގައި ކިޔެވުމަށްޓަކައި މާލެ ބަދަލުވާނަމަ، އެރައިވަލް އެލަވަންސް 1750 ރުފިޔާ
  • ކޮންމެ ސެމެސްޓާ އަކު ބުކް އެލަވަންސް 1000 ރުފިޔާ
  • ކޮންމެ މަހަކު ޕޮކެޓްމަނީ 1000 ރުފިޔާ.
  • ލެޕްޓޮޕް އެލަވަންސް 7000 ރުފިޔާ

އައިޔޫއެމް އިން ބުނީ، ސްކޮލާޝިޕަށް މީހުން ހޮވުމުގައި އެމީހެއް ނުވަތަ އެމީހަކަށް މާލީ ގޮތުން އެހީވެދޭނެ ފަރާތެއްގެ މާލީ ތަނަވަސްކަމުގެ ހާލަތަށް ބަލައި، މާލީ ގޮތުން ތަނަވަސްކަމެއް ނެތް ފަރާތަކަށް އިސްކަން ދެވޭނެ ކަމަށެވެ.

އޭގެ އިތުރުން އެމްއައިބީގައި ވަޒީފާ އަދާކުރާ މީހަކަށް ނުވަތަ އެ ބޭންކުގައި ވަޒީފާ އަދާކުރާ މީހެއްގެ އާއިލާ މީހަކަށް އެ ސްކޮލަޝިޕް ފުރުސަތަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

އައިޔޫއެމް އިން ބުނީ، އެމްއައިބީން ދީފައިވާ އެ ސްކޮލަޝިޕްތަކަށް މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން އައިޔޫއެމް އަށް ދިން އެ ސްކޮލަޝިޕް ފުރުސަތުތަކަކީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެމްއައިބީ އާއި އައިޔޫއެމް ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފަހިކޮށްދޭން އެއްބަސްވެފައިވާ ފުރުސަތުތަކެކެވެ.

އައިޔޫއެމްއަށް އެކި ގޮތްގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއައިބީއާ އެކު ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން އިސްލާމިކް ފައިނޭންސާ ގުޅޭ ކަރިކިއުލަމްތައް ފަރުމާކުރުމަށާއި އިސްލާމިކް ފައިނޭންސަށް ހާއްސަ ކުއްލިއްޔާއެއް ގާއިމްކުރުމަށް ޓަކައި އިސްލާމިކް ބޭންކުގެ ފަރާތުން އިސްލާމީ ޔުނިވާސިޓީއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އޭގެ އިތުރުން އިސްލާމިކް ފައިނޭންސާ ގުޅުން ހުރި ފޮތްތައް ތައްޔާރުކޮށް ނެރުމަށް ޓަކައި އިސްލާމިކް ބޭންކުގެ ފަރާތުން އިސްލާމީ ޔުނިވާސިޓީއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އިސްލާމިކް ބޭންކުގެ އިންޓާންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ދިނުމަށް ވެސް އެއްބަސްވެފައިވެ އެވެ.

comment ކޮމެންޓް