ބުރޫނާއީގައި ބެޗްލާސް ޑިގްރީއަށް ކިޔެވުމުގެ ފަސް ސްކޮލާޝިޕެއް އައިޔޫއެމްއިން އިއުލާންކޮށްފި

ބުރުނާއީގެ އެޑިއުކޭޝަން މިނިސްޓަރު އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް ޔުނިވާސިޓީ

ބުރޫނާއީގެ ސުލްތާން ޝަރީފް އިސްލާމިކް ޔުނިވާސިޓީން ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް)އަށް ދީފައިވާ ފަސް ސްކޮލަޝިޕް ފުރުސަތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ އައިޔޫއެމްއަށް ދުނިޔޭގެ އެކި ޔުނިވާސިޓީތަކުން ދެއްވާފައިވާ ސްކޮލަޝިޕް ތަކުގެ ތެރެއިން އިއުލާންކުރި ތިން ވަނަ ސްކޮލަޝިޕް ފުރުސަތެވެ. އެގޮތުން މީގެ ކުރިން ދެ ޔުނިވާސިޓީއަކުން އައިޔޫއެމްއަށް ދެއްވާފައިވާ ނުވަ ސްކޮލަޝިޕަކަށް އެ ޔުނިވާސިޓީން ވަނީ އިއުލާންކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އައިޔޫއެމް އިން ބުނީ، ބުރޫނާއީގެ ސުލްތާން ޝަރީފް އިސްލާމިކް ޔުނިވަރސިޓީން ދީފައިވާ ފަސް ސްކޮލާޝިޕް ފުރުސަތަކީ ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް ދިން ފުރުސަތުތަކެއް ކަމަށެވެ.

އެ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ބެޗްލާސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް/ ބެޗްލާސް އާއި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާ ބެޗްލާސް އޮފް ލޯސް އެންޑް ބެޗްލާ އޮފް ޝަރީއާ ލޯ (ޑަބަލް ޑިގްރީ)އެވެ.

ބުރޫނާއީ ދާރުއްސަލާމްގައި ކިޔެވުމުގެ ފުރުސަތު ދޭ އެ ސްކޮލަޝިޕް ފުރުސަތުތަކުގެ ދަށުން ޓިޔުޝަންފީ އާއި ރެޖިސްޓްރޭޝަން ފީގެ އިތުރުން އޮރިއެންޓޭޝަން ފީ އަދި އެކޮމޮޑޭޝަން ފީ ވަނީ މާފު ކޮށްދެއްވާފައެވެ.

އޭގެ އިތުރުން ބުރޫނާއީއަށް ފުރަތަމަ ދާ ފަހަރު ބުރޫނާއީ އެއާޕޯޓުން ހޮސްޓެލަށް ގެންގޮސް ދިނުމާއި ކޯސް ނިންމާފައި އެނބުރި ގައުމަށް ދާއިރު އެއާޕޯޓަށް ގެންގޮސް ދިނުން ސްކޮލަޝިޕް ފުރުސަތު ތެރޭގައި ހިމެނެއެވެ.

ކޯސް ފުރިހަމަ ކުރުމަށްފަހު އިސްލާމީ ޔުނިވާސިޓީއަށް ނުވަތަ ގައުމަށް އެއްބަސްވެވޭ މުއްދަތަކަށް ހިދުމަތް ކޮށްދިނުމަށް ބޮންޑުކޮށްދޭ އެ ސްކޮލަޝިޕްތަކަށް ދިވެހި ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭއިރު، ދަރިވަރުން ހޮވުމުގައި ޔުނިވާސިޓީގެ ދާއިމީ އަދި ޕާޓްޓައިމް މުވައްޒަފުންނަށް އިސްކަންދެވޭނެ ކަމަށް އައިޔޫއެމުން ބުނެއެވެ.

އިސްލާމިކް ޔުނިވާސިޓީގެ އެ ސްކޮލަޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.

ބުރޫނާއީގައި ހުޅުވި ފުރަތަމަ ގައުމީ އިސްލާމީ ޔުނިވާސިޓީ، ސުލްތާން ޝަރީފް އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން އައިޔޫއެމްއަށް ސްކޮލަޝިޕް ފުރުސަތުތަކެއް ދީފައި މިވަނީ، އެ ޔުނިވާސިޓީގެ ކޮންވޮކޭޝަންގައި ބައިވެރިވެވަޑައިގަތުމަށް އައިޔޫއެމްގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބުރޫނާއީއަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ކުރެއްވި ދަތުރުފުޅެއްގައި ސޮއިކުރި އެއްބަސްވުމުގެ ދަށުންނެވެ.

އެ ދަތުރުފުޅުގައި އައިޔޫއެމްގެ ޗާންސެލަރު ޝަހީމް ވަނީ ބުރުނާއީގެ އެޑިއުކޭޝަން މިނިސްޓަރު އަދި ބުރުނާއީގެ ޔުނިވާސިޓީ އިސްލާމް ސުލްޠާން ޝަރީފް އޮނަނަރީ ޕްރެސިޑެންޓް، ޕެހިން ދަތޯ ސުޔޯއި ހާޖީ އޮސްމާން އާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ޑރ. ޝަހީމް ވަނީ ތައުލީމީ ފުރުސަތުތައް އިތުރުކޮށްދެއްވުމަށް ބުރޫނާއީގެ އެޑިއުކޭޝާން މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ. ހާއްސަ ގޮތެއްގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ އާއި އެޑިއުކޭޝަން ދާއިރާގެ އިތުރުން ޝަރިއްޔާ އެންޑް ލޯގެ ދާއިރާއިން ސްކޮލާޝިޕްގެ ދެއްވުމަށް އެދިލައްވާފައިވެ އެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ސްކޯލާޝިޕްގެ ފުރުސަތު ދެއްވުމަށް ވެސް ޝަހީމް ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް