ބޭނުމަކީ ބަޔަކު މަރާލުމެއް ނޫން، ބަޔަކު ސަލާމަތް ކުރުން: އަޒްލީން

ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އަޒްލީން ވާހަކަފުޅު ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި، އެކަމުގެ ބޭނުމަކީ ނުހައްގުން ބަޔަކު ރާއްޖޭގައި މަރާލުން ނޫން ކަމަށާއި، އެކަން ކުރުމުގެ ބޭނުމަކީ ބަޔަކު ސަލާމަތް ކުރުން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެ އެވެ.

އިންސާނީ ހައްގުތަކުގެ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ، ކީރިތި ގުރުއާނުގައި ބާރު އަޅުއްވާފައިވާ ގޮތަށް މަރަށް މަރު ހިފުމުގެ މުހިއްމު އަސާސް ރާއްޖޭގައި ގާއިމް ކުރެވެން ޖެހޭ ކަމަށެވެ.

"މަރަށް މަރުހިފުމުގެ މި ގާނޫނު އިޖުރާތުތައް ހުރިހާކަމެއް ގާއިމް ކުރެވިގެން ދާ މި ދަނޑިވަޅުގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިކަމުގެ މަގްސަދަކީ ރާއްޖޭގެ އެއްވެސް މީހަކު ނުހައްގުން މަރާލުމަށްވުރެ ބޮޑަށް އެންމެންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރެވޭ ކަމަކަށް ވާތީ ދިވެހިރާއްޖޭގެ ރައްޔިތުން މިފަދަ ކަންތައްތަކާ ދޭތެރޭގައި ހޭލާ ތިބެން ޖެހެޔޭ،" އަޒްލީން ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ، ވޭތުވެ ދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ގަތުލު ކުރުމުގެ އަނިޔާވެރި ހަރަކާތްތަކެއް ރާއްޖޭގެ ތާރީހުގައި ހިނގާފައިވާކަމީ ހިތާމައާ އެކު ފާހަގަ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެ އަނިޔާވެރި ހަރަކާތްތަކުގެ ސަބަބުން ގާނޫނު ހަދާ މަޖިލީހުގެ ވަރަށް އިލްމުވެރި ބޭފުޅަކު ދުނިޔެ ދޫކުރައްވާފައިވާ ކަމަށާއި، އަދި އޭގެ އިތުރުން އެއްވެސް ކުށެއް ނެތް މައުސޫމް އެތައް ބަޔަކު ދުނިޔެއާ އަލްވަދާއު ކިޔަން ޖެހިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ދިރިހުރުމުގެ ހައްގަކީ އެންމެ އަސާސީ ހައްގުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އިންސާނި ހައްގުތަކުގެ ތެރެއިން އެންމެ ފަންޑަމެންޓަލް އެންމެ ބޭސިކް ހައްގަކީ ދުނިޔޭގައި ދިރިހުރުމުގެ ހައްގު، ރައިޓް ޓު ލިވް. 'ރައިޓް ޓު ލިވް' މިހައްގު ނެތި ދެން އެހެން އެއްވެސް އިންސާނީ ހައްގެއް އަޅުގަނޑުމެންގެ ތެރޭގައި ގެންގުޅެވިދާނެ ކަމަށް ކޮން ސިކުނޑިއަކަށްތޯ ގަބޫލު ކުރެވެނީ،" މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މީހުން މަރާފަ ތިބި މީހުން ޖަލަށް ލުމުން އެމީހުންގެ ހައްގުތަކާ ބެހޭގޮތުން އެކި ދިމަ ދިމާލުން ވަފުދުތައް ހަދައިގެން ރާއްޖޭގެ ޖަލުތަކަށް އައިސް މީހުންނާ ބައްދަލުކުރާއިރު، އަނިޔާވެރިކަމުގެ ތެރެއިން ދުނިޔެ ދޫކޮށް ދިޔަ މީހުންގެ ހައްގުތަކާ ބެހޭގޮތުން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. އަދި ތަހުޒީބު މުޖުތަމައުއެއްގެ ތެރޭގައި ދިރިހުރުމުގެ ހައްގު ނަގާލުމުގެ ހައްގެއް އެއްވެސް އިންސާނަކަށް ލިބިގެން ނުވާނެ ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.

"ރާއްޖޭގައި ތަހުޒީބު މުޖުތަމައުއެއްގެ ތެރޭގައި، ޑިމޮކްޓިކް ވެލިއުސްތަކުގެ ތެރޭގައި އުޅެމުން ދާއިރުގައި ރައިޓް ޓު ލިވް ނަގާލެވެން ޖެހޭ އެއްވެސް ހައްގެއް އެއްވެސް އިންސާނަކަށް ލިބިގެން ނުވޭ. އެހެންވީމަ އެ އިންސާނީ ހައްގު އަޅުގަނޑުމެން ފުރިހަމައަށް އަދާކުރަން އެބަޖެހޭ. އެ ހައްގު ރައްކާތެރިކުރަން އެބަ ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރާއްޖެއަށްވުރެ އިންސާނީ ހައްގުތައް ރައްކާތެރި ކުރެވިފައިވާ އެހެން ގައުމެއް މިއަދު ނެތް ކަމަށް އަޒްލީން ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް