Sun Online
ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ފަޔާޒު މޫސާ
ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ގިނަ ބަޔަކަށް ނޭނގޭ: އެޗްއާރުސީއެމް ދިރާސާ

  • ދިރާސާގައި 858 މީހުން ބައިވެރިވި
  • އުފަންވަނިވި ސިއްހަތަށް ހާއްސަ ސެންޓަރެއް ހުރުން މުހިއްމުކަން ފާހަގަވި
  • ޖިންސީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބައެއް ޓީޗަރުން ފަސްޖެހޭ
މުހައްމަދު ސިމާއު
ލިޔުނީމުހައްމަދު ސިމާއު

ޖިންސީ ދުޅަހެޔޮކަމާއި އުފަންވަނިވި ސިއްހަތާބެހޭ އެންމެ އަސާސީ މައުލޫމާތުތައްވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހެދި ދިރާސާ ރިޕޯޓަކުން ދައްކައިފިއެވެ.

ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުން މުޖުތަމައުގައި، އުފަންވަނިވި ސިއްހަތާ ޖިންސީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ހުރި މިންވަރު ދެނެގަތުމަށް "ރައިޓް ޓު ސެކްޝުއަލް އެންޑް ރީޕްރޮޑަކްޓިވް ހެލްތު އެޑިއުކޭޝަން"ގެ ނަމުގައި ކުރި އެ ދިރާސާ ރިޕޯޓަކީ އިންސާނީ ހައްގުތަކުގެ ނަޒަރުން އެޗްއާރުސީއެމް އިން ހެދި ފުރަތަމަ ދިރާސާއެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ރިޕޯޓް ނެރެދެއްވީ، އެޗްއާރުސީއެމްގެ ތިން ވަނަ ދައުރުގެ މެމްބަރު އަދި ސިވިލް ސާވިސް ކޮމިޝަންގެ މިހާރުގެ ރައީސް ޑރ. އަލީ ޝަމީމް މުހައްމަދެވެ.

ކޮލިޓޭޓިވް މެތަޑް އެއްގެ ދަށުން ހެދި އެ ދިރާސާގައި ކަމާބެހޭ ފަރާތްތަކާ އިންޓަވިއުކޮށްފައިވާއިރު، ހޮވާލެވުނު ހަ އަތޮޅެއްގެ 11 ރަށެއްގެ މީހުންގެ ފަރާތުން މައުލޫމާތު އެއްކޮށްފައިވެއެވެ. އަދި ސްކޫލްތަކުގައި ބޭނުންކުރާ ފޮތްތަކުގައިވާ މައުލޫމާތު ބަލައި ދިރާސާކޮށްފައިވެއެވެ.

މުޅި ދިރާސާގައި 858 މީހުން ބައިވެރިވެފައިވާއިރު އޭގެ ތެރެއިން އެންމެ ގިނައިން އިންޓަވިއުކޮށް މައުލޫމާތު ހޯދާފައިވަނީ ކިޔަވާކުދިންގެ ފަރާތުންނެވެ. އެގޮތުން 402 ދަރިވަރަކު ދިރާސާގައި ބައިވެރިވެފައިވާއިރު 128 ޒުވާނުންނާއި 137 ބެލެނިވެރިއެއްގެ އިތުރުން، ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ 118 ބޭފުޅުން އިންޓަވިއުގައި ބައިވެރިވެފައިވެއެވެ.

އެޗްއާރުސީއެމް އިން ކުރި އެ ދިރާސާގެ ބައެއް ހޯދުންތައް ފާހަގަކުރައްވައި އެ ކޮމިޝަނުގެ ރިސާޗް އެންޑް މޮނީޓަރިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު އަމީން ވިދާޅުވީ، ގިނަ ޒުވާނުންނަށް ޖިންސީ ދުޅަހެޔޮކަމާއި އުފަންވަނިވި ސިއްހަތާބެހޭ ގޮތުން އެކަށީގެންވާ މައުލޫމާތައް ވާސިލްވެވޭނެ ގޮތްތައް ނެތްއިރު، ގިނަ ބަޔަކަށް އެކަމާ ގުޅޭ އެންމެ އަސާސީ މައުލޫމާތުތައް ވެސް އެނގިފައެއްނުވެއެވެ.

އޭގެ އިތުރުން، ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އުފަންވަނިވި ސިއްހަތާ ޖިންސީ ދުޅަހެޔޮކަމާ ގުޅޭގޮތުން މައުލޫމާތު ލިބެންހުރި ތަންތަނާ ދެވެމުންދާ ހިދުމަތްތަވެސް ގިނަ ބައިވެރިންނަކަށް އެނގިފައިނުވާއިރު، ހިދުމަތް ލިބެމުންދާ ތަންތަނުން ހިދުމަތް ހޯދާފައިވާ ފަރާތްތަކުން ލިބުނު ހިދުމަތާމެދު ހިތްހަމަނުޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން އެފަދަ މައުލޫމާތާއި ހިދުމަތްދެވޭނެ ވަކި ސެންޓަރެއް ހުުރުން މުހިއްމު ކަމުގައި ދިރާސާގައި ބައިވެރިވި ގިނަ ބައިވެރިން ފާހަގަކޮށްފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

ސްކޫލް މާހައުލުން ލިބުނު މައުލޫމާތުތަކުން ހޯދުންތައް ފާހަގަކުރައްވައި އަމީން ވިދާޅުވީ، މިއަހަރު ތައާރަފްކުރި އާ ތައުލީމީ މަންހަޖަށް ކިޔަވައިދޭން ފެށުމުގެ ކުރިން ޖިންސީ ދުޅަހެޔޮކަމާއި އުފަންވަނިވި ސިއްހަތާ ބެހޭގޮތުން ހުރި މައުލޫމާތާއި ދަރިވަރުންނަށް މައުލޫމާތު ހޯދެންހުރި ވަސީލަތްތައް މަދުކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން، ގިނަ ކުދިން ސޯޝަލް މީޑިއާ އަދި އިންޓަނެޓް މެދުވެރިކޮށް މައުލޫމާތު ހޯދަން މަސައްކަތްކުރާ ކަމަށާއި އެހެންވުމުން އެންމެ އެކަށީގެންވާ ތެދު މައުލޫމާތު ކުދިންނަށް ނުލިބިދާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އޭގެ އިތުރުން، ޖިންސީ ދުޅަހެޔޮކަމާ އުފަންވަނިވި ސިއްހަތާ ގުޅޭ މައުލޫމާތު ދިނުމަށް ބައެއް ޓީޗަރުން ފަސްޖެހި، ކުދިންނާއެކު މަޝްވަރާކުރި ނަމަވެސް ކުދިންގެ ސުވާލުތަކަށް ޖަވާބު ނުދީ އަޅާނުލައި ނުވަތަ ހިތްހަމަނުޖެހޭކަން ފާހަގަކުރާ ކަމަށް ދިރާސާ އަށް ވަނީ އެނގިގެންގޮސްފައެވެ.

ހާއްސަކޮށް އެފަދަ މައުލޫމާތު ލިބެންޖެހޭ، އިސްލާމް މާއްދާ ކިޔަވައިދޭ ކުލާހުގައި އެފަދަ މައްސަލަ ގިނަކަން ދިރާސާއިން ވަނީ ފާހަގަވެފައެވެ.

infinity loading...
×
DB released 01.