ރާއްޖޭގެ ޖަލުތަކުގައި ގައިދީން ތިބެނީ އެކަހެރިވެފައި، އަނިޔާއެއް ނުކުރޭ: މިނިސްޓަރު

ޑިސެމްބަރ 8، 2016: ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޖަލުތަކުގައި ތިބޭ ގައިދީންނަށް މިހާރު އެއްވެސް އަނިޔާއެއް ނުކުރާކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށްވުރެ އިންސާނީ ހައްގުތައް ރައްކާތެރި ކުރެވިފައިވާ އެހެން ގައުމެއް މިއަދު ދުނިޔޭގައި ނެތް ކަމަށާއި، ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންނަށްވެސް އެކަހެރިވުން ނޫން އެހެން އަނިޔާއެއް ނުލިބޭ ކަމަށެވެ.

"ރާއްޖޭގެ ޖަލުތަކާ ބެހޭގޮތުން ސުވާލުކޮށް ރާއްޖޭގެ ޖަލުތަކާ ބެހޭ ގޮތުން ކަންތައްތަކާ މައުލޫމާތު ބޭރު ދުނިޔޭގަ ފަތުރާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން އޮތީ ރާއްޖެ އާ ބެހޭ ގޮތުން އެކަށީގެންވާ ސާބިތު ނުހިފޭ ވާހަކަ ދައްކައި ރާއްޖެ ބަދުނާމު ކުރުމަށްޓަކައި ތިޔަ ދައްކަވާ ވާހަކަތައް ހުއްޓަވާލައްވާށޭ، ރާއްޖެއަށްވުރެ އިންސާނީ ހައްގުތައް ރައްކާތެރި ކުރެވިފައިވާ އެހެން ގައުމެއް މިއަދަކު ނެތޭ،" މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގައި ކުށްވެރިންތިބެނީ ހިތްހަމަ ޖެހިގެން ކަމަށާއި، މާލޭގައި ހުންނަ އެންމެ ފެންވަރު ރަނގަޅު ކޮލެޖުތަކާއި ސްކޫލުތަކާއި އެއްފެންވަރަށް ކްލާސް ރޫމްތައް ތައްޔާރު ކޮށްގެން ކޯސްތަކާއި ތަމްރީން ޕްރޮގްރާމް ތައް ހިންގަމުން ދާ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ޖަލުގައި ތިބޭ މީހުންނަށް ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް، އެކިއެކި މެނޫތަކަށް ކާންދިނުމާއި، އެމީހުންގެ ކެއުމުގެ ފެންވަރު ދުވަސް ދުވަހުން ޗެކު ކުރަމުންދާ ކަމަށާއި، ނަމަވެސް އެކަން ރަނގަޅަށް ހިނގާ ކަމަށް ގަބޫލުކުރެވިގެން އޭގެ ރަނގަޅު ވާހަކަ ދައްކަނީ ކިތައް ބޭފުޅުންތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޖަލުގައި ހުންނަ މީހަކާ ދޭތެރޭ ލާއިންސާނީ އަމަލެއް ނުހިނގާ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.

"އެއްވެސް ކުށެއްގަ ބަންދުކުރެވޭ ޖަލުގަ ހުންނަ މީހަކާ ދޭތެރޭގައި ލާ އިންސާނީ އަމަލެއް ނުހިނގާކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް މިއަދުގެ މި މުހިއްމު ހަފްލާގައި އަރުވަން. ދިވެހިރާއްޖޭގައި އަނިޔާ ކުރުމުގެ އެއްވެސް ވެއްޓެއް މިހާރު ގާއިމް ކުރެވިފައެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކެނޑިނޭޅި ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރާނީ އިންސާނީ ވަގުފާރި ރާއްޖޭގައި އެއްވެސް މިންވަރަކަށް ނުހިނގާކަން ކަށަވަރު ކުރުމަށް ކަމަށެވެ.

comment ކޮމެންޓް