ރާއްޖޭގައި ކޮމާޝަލް ހެލިކޮޕްޓަރ އޮޕަރޭޝަންތައް ފަށަނީ

ސިވިލް އޭވިއޭޝަން ދުވަހުގެ މުނާސަބަތުގަިއ ބޭއްވި ހަފްލާގައި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖޭގައި ކޮމާޝަލް ބޭނުންތަކަށް ހެލިކޮޕްޓަރު އޮޕަރޭޝަންތައް ހިންގުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު އިއުލާން ކުރައްވައިފި އެވެ.

މިނިސްޓަރ މިކަން އިއުލާން ކުރެއްވީ، މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން ދުވަހުގެ މުނާސަބަތުގައި، މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ދަރުބާރުގޭގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމާއި އެހެނިހެން އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދޭނެ، ވައިގެ ދަތުރުފަތުރުގެ ތަފާތު ވައްތަރުތަކަށް ހުއްދަ ދެވޭނެ ފަދަ ގޮތަކަށް ގަވައިދުތަކަށް އިސްލާހުތައް ގެންނަމުން ދާ ކަމަށެވެ.

ސިވިލް އޭވިއޭޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އެގޮތުން، ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަންތައް ހިންގުމަށް ކުންފުނިތަކަށް ހުއްދަ ދިނުން ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހުރިހާ ކަމެއް ޕްލޭނުގެ ދަށުން ހިނގަމުން ދާ ނަމަ، އަޅުގަނޑުމެން ވަރަށް އަވަހަށް މި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޝަންތައް ހިންގުމަށް އެކި ފަރާތްތަކަށް ފުރުސަތު ހުޅުވާލާނަން. މިހާރު ވެސް ވަރަށް ރަނގަޅު ޕްރޮޕޯޒަލްތައް ސަރުކާރަށް ދަނީ ލިބެމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ހިންގި އެވެ. ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން ހެލިކޮޕްޓަރު ބޭނުން ކުރުން ހުއްޓާލާފައި އޮތުމަށްފަހު، މިހާރު ގައުމީ ދިފާއީ ބާރުގެ އެކި މިޝަންތަކުގައި ހެލިކޮޮޕްޓަރު ބޭނުން ކުރެއެވެ.

މިނިސްޓަރު ޒަމީރު މިރޭ ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރު އޮޕަރޭޝަންތައް ހިންގުމުގެ ހުއްދަ އަލުން ދޭން ނިންމާފައި ވަނީ، މީގެ ކުރިން ހިންގި އޮޕަރޭޝަންތަކުން ލިބެން ހުރި ސަލާމަތީ ކަންކަމާއި ޑޭޓާތައް ބަލައިގެން ކަމަށެވެ.

"އަޅުގަނޑުމެން މިނިވަން ދިރާސާތަކެއް ހަދައިގެން ބަލާނަން އެއާ އޮޕަރޭޝަންް ސެޓްފިކޭޓް ދިނުމުގެ ކުރިން، މިކަމުގައި ހުރި ސަލާމަތީ ކަންކަން. މިކަން ކުރިޔަށް ދާނީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއާއި ސޭފްޓީ މެނޭޖްމެންޓް ސިސްޓަމްތަކުގެ އަސާސުތަކާ އެއްގޮތަށް،" މިނިސްޓަރ ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އެމްއެމްޑީއެފްއިން މިހާރުވެސް ހެލިކޮޕްޓަރު ބޭނުން ކުރަމުން ދާ އިރު، ކޮމާޝަލް އޮޕަރޭޝަންތަކުންވެސް އެމްއެންޑީއެފް ފެންވަރުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެކަން ޔަގީން ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހާލަތް ރަނގަޅު ކުރެޥޭނެ ކޮމާޝަލް އޮޕަރޭޝަންތައް ހިންގުމުގެ ކުރިން، އެކަމުގައި ވެސް އެންމެ މަތީ ފެންވަރުގެ ސޭފްޓީ އެޕްރޫވަލްސް ހޯދައިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހެލިކޮޕްޓަރު ދުއްވުމުގެ ހުއްދަ ދިނުމަކީ އުނދަގޫ ކަމެއް ނަމަވެސް މިކަން ސަރުކާރުން ކުރަމުން ދަނީ ރައީސް ޔާމީނުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ސިވިލް އޭވިއޭޝަން ދުވަހުގެ މުނާސަބަތުގައި، މިނިސްޓަރު ޒަމީރު ނެރުއްވި ޚިތާބުގައި ވެސް ވަނީ، ތަފާތު ވައްތަރުގެ ވައިގެ ދަތުރުފަތުރު ކުރުމުގެ ހުއްދަ ދެވޭނެ ގޮތަށް ގަވައިދުތައް އިސްލާހުކުރަމުން ދާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ރޯޓަރީ ވިންގް އެއާކްރާފްޓްތަކަށް ހުއްދަ ދޭނެކަން މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް