ޓީވީއެމުން އަބުރާ ބެހުނު ކަމަށް ބުނާ މައްސަލަ ނުބަލަން ނިންމައިފި

ރައީސް މައުމޫނާއި ރައީސް ނަޝީދު ސެލްފީއެއް ނަންގަވަނީ: އެ ދެ ބޭފުޅުންގެ އަބުރާ ޓީވީއެމުން ބެހުނު ކަމަށް ތުހުމަތުކޮށްފައިވޭ-- ސަން ފައިލް ފޮޓޯ

ކުރީގެ ދެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދުގެ އަބުރާ ޓީވީއެމުން ބެހުނު ކަމަށް ބުނާ މައްސަލަ ނުބަލަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމި ނިންމުމުގައި ބުނެފައި ވަނީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "ޖޫރިމަނާކުރުމުގެ އުސޫލު" ގެ 6 ވަނަ ނަންބަރުގެ (ށ)ގެ ދަށުން އަބުރާ ބެހުމުގެ މައްސަލައެއް ފާހަގަ ކުރެވިއްޖެނަމަ އެކަމެއް ބެލުމުގެ އިޚްތިޔާރު މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށް ދީފައިވާ ކަމަށެވެ.

ނަމަވެސް އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ދައުވާ ނުކުރައްވާނެ ކަމަށް ރައީސް މައުމޫނާއި ރައީސް ނަޝީދު ޓްވިޓާ މެދުވެރިކޮށް އާންމުކޮށް އިޢުލާން ކުރައްވައިފައިވާކަން ކޮމިޝަނުން ބެލިބެލުމުން ދޭހަވާތީ އާއި އަދި އެ ދެ ބޭފުޅުން މައްސަލަ ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ ކޮމިޝަނުން އިސްނަގައިގެން އެ މައްސަލަ ބަލަން ނުފެންނަ ކަމަށް ވަނީ ނިންމައިފަ އެވެ.

އަމިއްލަ ފަރާތަކުން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މައްސަލާގައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުގެ ރޭ ޓީވީއެމްގެ 8:00 ގެ ޚަބަރުގައި ރައީސް މައުމޫނާއި ރައީސް ނަޝީދުގެ އަބުރާ ބެހިފައިވާ ކަމަށެވެ.

comment ކޮމެންޓް