އަންހެނުންނަށް އަނިޔާ ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ޝޮކޯ ނޮޑާ

ކުރުނބާ މޯލްޑިވްސް ގައި މިއަދު ފެށި ހިއުމަން ރައިޓްސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޝޮކޯ ނޮޑާ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އަންހެނުންނަށް އަނިޔާ ލިބެމުން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔޫއެންޑީޕީއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޝޮކޯ ނޮޑާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހުރި އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މިއަދު ކުރުނބާ މޯލްޑިވްސްގައި ފެށި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝޮކޯ ނޮޮޑާ ވިދާޅުވީ، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި، އޭގެ ސަބަބުން އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ގުޅުން ބަދަހި ވެގެން ދާނެ ކަމަށެވެ. އަދި އޭނާގެ ވާހަކަފުޅުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ.

"އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރަންވެސް މަސައްކަތް ކުރަން ޖެހޭ. ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެއް އަންހެނަކީ އަނިޔާ ލިބިފައިވާ މީހެއްކަމަށް ތަފާސްހިސާބު ތަކުން ދައްކާ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޝޮކޯ ނޮޑާ ވިދާޅުވި އެވެ.

ކުރުނބާ މޯލްޑިވްސް ގައި މިއަދު ފެށި ހިއުމަން ރައިޓްސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ގެވެށި އަނިޔާއާއި، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެ އެވެ. އަދި އޭގެ އިތުރުން އިސްލާމީ ނަޒަރަކުން އިންސާނީ ހައްގުތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކާނެ ކަމަށްވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެ އެވެ.

ޓްރާންޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވީ، އެ ކޮންފަރެންސްގައި އިންސާނީ ހައްގުތަކާ ގުޅުން ހުރި ވާހަކަ ދެކެވިގެން ދާއިރު، މަދަނީ ޖަމިއްޔާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން މުހިއްމު ކަމަށެވެ.

"މި ކޮންފަރެންސްގެ މަގްސަދަކީވެސް އިންސާނީ ހައްގުތަކާ ގުޅުން ހުރި ވާހަކަތައް ދެކެވިގެން ދަނީ. އަޅުގަނޑުމެން ވަރަށް ބޭނުންވޭ މަދަނީ ޖަމިއްޔާތަކާއި، ދައުލަތުގެ މުއައްސަސާތައްވެސް މީގަ ބައިވެރިވެގެން ކުރިއަށް ދެވުން. ހަމަ އެކަނި އެއްފަރާތުން ވާހަކަ ދެއްކުމުގެ ބަދަލުގައި މިދެކެވޭ ވާހަކަތަކަކީ، ހައްލަކާ ދިމާލަށް ނޫނީ ހުރި އިޝޫތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތް ތަކެއްގެ ގޮތުގައި ހެދުމަށްޓަކާ،" ތޮލާލް ވިދާޅުވި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބާއްވާ އެ ކޮންފަރެންސްގައި 38 ބައިވެރިން ބައިވެރިވާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

comment ކޮމެންޓް