މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަޝްރޫޢަށް 100 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ހޯދުމަށް މަޝްވަރާކުރަނީ

ދިވެހި ސަރުކާރާ އޭޑީބީއާ އެކު މިއަދު ފެށި މަޝްވަރާތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގްރޭޓާ މާލެ ސަރަހައްދާއި ވ. އަތޮޅާއި އަރިއަތޮޅުގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އާ އެކު މަޝްވަރާތަކެއް ފަށައިފިއެވެ.

ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ މަޝްރޫއު ސަރުކާރުން ކުރިޔަށް ގެންދަނީ، މުޅި ރާއްޖެ އުތުރުން ދެކުނަށް، ހަތް ސަރަހައްދަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ދެވަނަ ސަރަހައްދުގެ ވޭސްޓް މެނޭޖްމެންޓް ނިޒާމު ރ. ވަންދޫގައި ގާއިމުކޮށް ނިމިފައިވާ އިރު، އެ ނިޒާމު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަދި ފުރަތަމަ ސަރަހައްދުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މާލެ ސަރަހައްދުގެ ކުނި މެނޭޖްމެންޓް ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމުގައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ އެހީ ހޯދުމަށް، އެ ބޭންކުގެ އޮފިޝަލުންނާ އެކު ދިވެހި ސަރުކާރުން މިއަދު ވަނީ މަޝްވަރާތައް ފަށައިފައެވެ.

ދިވެހި ސަރުކާރާ އޭޑީބީއާ އެކު މިއަދު ފެށި މަޝްވަރާތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓެލްކޯގައި މިއަދު ކުރިޔަށްދާ މަޝްވަރާތަކުގައި ވާހަކަދައްކަވަމުން، ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ، މާލެ ސަރަހައްދުގެ ކުނި މެނޭޖްމެންޓް ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ސަރުކާރުން ބޭނުންވާ ކަމަށާއި، ނަމަވެސް މިއީ ވަރަށް ބޮޑު ޚަރަދެއް ދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިކަމަށް 100 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުވާނެއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވާރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވީ ރާއްޖޭގައި އިގްތިސާދީ ގޮތުން ކުރެވޭ އެންމެ މައިގަނޑު ދެ މަސައްކަތަކީ މަސްވެރިކަމާއި ފަތުރުވެރިކަމަށް ވާ އިރު، ދެކަމަކީވެސް ތިމާވެއްޓާ ގުޅިފައިވާ ދެކަން ކަމަށެވެ. އަދި ތިމާވެއްޓަކީ ކުނި މެނޭޖްކުރުމާވެސް ގުޅި ލާމެހިފައިވާ ކަމެއް ކަމަށާއި، އެ ދާއިރާއިން މިދިޔަ ތިން އަހަރު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިދިޔަ ތިން އަހަރު ކުރިއެރުންތަކެއް ހޯދިއްޖެ. އޭގެ މައިގަނޑު އެއް ހިސާބަކީ ވޭސްޓް މެނޭޖްމެންޓް ޕޮލިސީ. ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލައި، ރީޖަން ދޭއް މިހާރު ނިމިއްޖެ. ރީޖަން އެކެއް މިހާރު ވަނީ ފަށާފައި. މާލެ ސަރަހައްދު، ރީޖަން ތިނެއް ފެށުމަށް މަސައްކަތް މި ކުރަނީ،" މިނިސްޓަރު ޠާރިޤު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގެ ވޭސްޓް މެނޭޖްމެންޓް ކަންކަމަށް ތިލަފުށީގައި އިމާރާތް ކުރަންޖެހޭ ތަންތަން އިމާރާތް ކުރުމަށްޓަކައި ކޮންސަލްޓަންޓެއް ހޯދައި، އެސަރަހައްދުގެ ދިރާސާތައް ކުރަމުން ދާ ކަމަށެވެ.

ދިވެހި ސަރުކާރާ އޭޑީބީއާ އެކު މިއަދު ފެށި މަޝްވަރާތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑުމެން ވާނީ މިކަން އޭޑީބީއާއި ވޯލްޑް ބޭންކާވެސް ހިއްސާ ކޮށްފައި. އެއީ، މިކަންކަން ކުރިޔަށް ދަނީ ވޯލްޑް ބޭންކްގެ ސްކޯޕާ އެއްގޮތަށް ތޯ ބެލުމަށް. އަންނަ އަހަރަކު މިކަން ފެށުމަށް އަޅުގަނޑުމެން ބޭނުން،"

މިނިސްޓަރ ވިދާޅުވީ، ވަގުތު ނަގާނުލުމަށްޓަކައި، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތައް ނިސްބަތްވާ، ވޭސްޓް މެނޭޖްމެންޓްގެ ރީޖަން ހަތެއްގެ މަސައްކަތް ވެސް އަންނަ އަހަރު ފަށާނެ ކަމަށެވެ. އެއީ އައްޑޫ އަތޮޅާއި ދެކުނުގެ އަތޮޅުތަކެވެ. މިނިސްޓަރު ވިދާޅުވީ އެސަރަހައްދަށް ބޭނުންވާ އިކުއިޕްމެންޓް ހޯދަމުންދާ ކަމަށާއި، ވޭސްޓް މެނޭޖްމެންޓް ޑިޒައިންގެ މަސައްކަތްވެސް މިހާރު ދަނީ ކުރިޔަށް ކަމަށެވެ.

comment ކޮމެންޓް