ވަޒީފާތައް އެބަހުރި، އެކަމަކު މުސާރަ ދެކޮޅު ޖެހޭތަ؟

ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް އޮތް ދެ އަހަރާއި ބައިގެ މުއްދަތުގައި ހިންގަން ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބުދަ ދުވަހު އާރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ "މިހާރު ވެސް ރާއްޖޭގައި 30000 ވަޒީފާ އެބަ އޮތް" ކަމަށެވެ.

ރައީސްގެ ވާހަކަ ފުޅުގައި ޒުވާނުންނަށް ކުރެވިދާނެ ބައެއް މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

"ހަމަ މިހާރު ވެސް އަޅުގަނޑުމެންގެ ރައްޔިތުންނަށް ، އަޅުގަނޑުމެންގެ ޒުވާނުންނަށް ، އެހުނަރުތައް ލިބިއްޖެ ނަމަ އަދާކުރެވޭ 30000 ވަޒީފާ އޮތްކަން އަޅުގަނޑުމެންނަށް މިހާރު އެންމެ ފަހުގެ މައުލޫމާތު ތަކުން ފާހަގަ ކުރެވޭ. އޭގެ ތެރޭގައި ހިމެނެނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ހުނަރު، ނުވަތަ ކާރެއް ދުއްވުން، ޑަމްޕަރެއް ދުއްވުން، ކޭކެއް ފިހުން، ވޭޓަރަކަށް ވުން، ބޯކޮށުން، ފެހުން، ވަޑާން ކުރުން، މިހެން ގޮސް މިބާވަތުގެ ކިތަންމެ ކިތަންމެ ހުނަރެއް." ކުރެވިދާނެ މަސައްކަތްތަކުގެ ލިސްޓް ރައީސް ވިދާޅުވެ ދެއްވި އެވެ.

އެފަދަ ވަޒީފަތައް ދިވެހި ޒުވާނުންނަށް އަދާނުކުރެވެނީ އެ މީހުންގެ ހުނަރު މިހާރު ނެތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދު އެހެން އެވިދާޅުވީ ދެމާނައެއްގައި ނަމަ، އެއް މާނައަކީ އެމަސަކަތްތައް އަމިއްލަ މަސައްކަތެއްގެ ގޮތުގައި ކުރުމެވެ. އަދި އަނެއް ގޮތަކީ ކުންފުނިތަކުގެ ވަޒީފާތައް އޮތުމެވެ.
ރައީސް ވިދާޅުވި އަދަދަށް ވަޒީފާ އެބަ އޮތް ކަމަށް ގިނަ ޒުވާނުން ގަބޫލު ކުރެ އެވެ. އަދި ހުނަރު އިތުރުކުރަން ޖެހޭ ކަމަށް ވެސް ގަބޫލުކުރެ އެވެ. ނަމަވެސް ވަޒީފާތަކަށް ޒުވާނުން ނުނިކުންނަނީ ހުނަރު ނެތިގެން ކަމަށް ވިދާޅުވި ވިދާޅުވުން އެމީހުން ކުށްވެރި ކުރެ އެވެ.

"ވަޒީފާ އެބައޮތް، ރަނގަޅު ވާހަކައެއް. އެކަމަކު އެވަޒީފާތަކަށް ގޮސްގެން އަހަރެމެން ކިހިނެތް ކައިގެން ބޮއިގެން އުޅެނީ؟ ވަޑާން ކުރަން ދަންނަ ޒުވާނަކު ބުންޏެވެ.

"ކާޕެންޓަރަކަށް ( ވަޑިއަކަށް) 1285.ރ، ރާނާ މީހަކަށް 1285.ރ، ޕްލަމްބަރުންނަށް 1285.ރ. މީ ތިޔަބުނާ ކުންފުނިތަކުން މީހުން ހޯދަން ކުރާ އިއުލާންތަކުގައި ލިޔެފައި ހުންނަ ލިސްޓް ހުންނަ ގޮތް." އޭނާ ބުންޏެވެ.

އޭނާ ބުނީ އެ މުސާރައަށް މަސައްކަތް ކުރަން ބޭނުންނުވާތީ އޭނާ ރަށުގައި ހުރީ ކަމަށެވެ. އަދި ރަށުން ބައެއް ފަހަރު މަސައްކަތް ލިބޭ ކަމަށާއި މިހާރު އެކަމަކު ގިނައީ މަސައްކަތް ނުލިބޭ ދުވަސްތައް ކަމަށެވެ.
ރައީސްގެ ލިސްޓްގައި ފުރަތަމަ އަށް އޮތް އިންފޮމޭޝަން ޓެކްނޮލޮޖީގެ ހުނަރު ދިވެހި ޒުވާނުންގެ ހަމަ ނެތީބާ އެވެ؟ ވެބްސައިޓްތައް ހެކްކޮށް ހަދަމުން އެދަނީ އެފަދަ ޒުވާނުން ނޫން ބާ އެވެ.
ދެވަނައިގާ އޮތީ ކާރެއް ދުއްވުމެވެ.

މަޖޫރީ ކުރަން އުޅެމުން ކާރުދުއްވަން ދަސްކޮށް، ލައިސަން ވެސް ނަގައިގެން ހުރި އަހުމަދު ބުނީ އޭނާ އަށް ކާރަކަށް އެރޭނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ.

"މިތަނުން ބައެއް ފަހަރު ރަނގަޅު އާމްދަނީއެއް ލިބޭ. އެކަމަކު މައިން ބަފައިންނާއި އަނބިދަރިންނަށް ވެސް ހަރަދުކޮށްފައި ކާރެއް ގަންނާނެ ފައިސާ އެކެއް ނުކުރެވޭ. ކޮންމެ މަހަކު ވެސް ލިބޭ އެއްޗެއް އެމަހަކު ހުސްވޭ. ލޯނެއް ނަގައިގެން ވެސް ކާރެއް ގަންނަން ބޭނުން. އެކަމަކު އެކަން ވާކަށް ނެތް." އަހުމަދު ބުންޏެވެ.
ދެން އޮތީ ފެހުމެވެ. އެކަން ވަޒީފާއެއްގެ ގޮތުގައި ކުރަން، ފަހާ ތަނަކަށް ގޮސްފި ނަމަ ލިބެން އޮތީ ކުޑަ މުސާރައެކެވެ.

"އިންޑިޔާ އިން ފަހާމީހުން އެބަ އާދޭ 120 ޑޮލަރަށް، 200 ޑޮލަރަށް ވެސް. އެހެންވީމާ އަހަރެމެން ދިޔަ ނަމަވެސް އެނޫން މުސާރައެއް ދޭކަށް ފަހާ ތަންތަން ހިންގާ މީހުން ބޭނުމެއް ނުވޭ. އަހަރެމެން ކިހިނެއްތަ އެ މުސާރައަށް އުޅޭނީ؟" އަމިއްލަ ގިނަ ހެދުންތައް މިހާރު ވެސް އަމިއްލައަށް ފަހަމުން އަންނަ އަހުމަދު ޒުހުރީ އޭނާގެ އިތުރު މައުލޫމާތު އާންމު ކުރަން ބޭނުން ނުވެ، ބުންޏެވެ. އޭނާ ބުނީ ރަށުގައި އޭނާގެ ގޭގައި ފަހާތަނެއް ހިންގަން ކުރިން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ރަށުގެ އާބާދީ ކުޑަވީމާ މަސައްކަތް ނުލިބުމުން ހުއްޓާލީ ކަމަށެވެ.

"ދެން ދާންވީ މާލެ. މާލެއިން ކުޑަ ތަންކޮޅެއް ކުއްޔަށް މިލިބެނީ 20000ރ. އަށް 30000 ރ. އަށް. އަދި ކޮބާ މެޝިނަރީ؟ ކޮންތާކުން އެވަރަށް ފައިސާ ހޯދަނީ؟" ޒުހުރީ ސުވާލުކުރި އެވެ.
ބޯކޮށުމާއި ކޭކެއް އެޅުމަށް ވެސް އޮތީ ހަމަ އެމައްސަލަ އެވެ.

އެކި އެކި މަސައްކަތްތައް ، އެގޮތް މިގޮތުން ދަސްކޮށްގެން ތިބި ޒުވާނުންނަށް ވެސް ރައީސް ކުރީ ދުވަހު އެވިދާޅުވެ ދެއްވި ލިސްޓް އެނގެ އެވެ. އަދި އެލިސްޓަށް ވުރެ އިތުރަށް ވެސް ބައެއް ޒުވާނުން މަސައްކަތް ދަނެ އެވެ.

"ރަށުގައި ވަރަށް ބޮޑު ފަޅެއް އެބަ އޮތް، އިހި އާލާކުރަން ފެށިއްޖެ ނަމަ ހާދަ ލާރިއެއް ލިބޭނެޔޭދޯ؟ ކޮފީއެއްގައި އިނދެފައި ރައްޓެއްސަކު ބުންޏެވެ. އޭނާ އެހެން ބުނީ އިހި އާލާ ކުރުމުގެ މަސައްކަތް ފެށުމަށް ކުރަން ޖެހޭނެ ހަރަދު އޭނާ އަށް ނޭނގޭތީއެއް ނޫވެ. ދެކޭ ހުވަފެނެއް ވީމާ ހަމަ ބުނެލީ އެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީގެ ހުނަރު، ކާރެއް ދުއްވުން، ޑަމްޕަރެއް ދުއްވުން، ކޭކެއް ފިހުން، ވޭޓަރަކަށް ވުން، ބޯކޮށުން، ފެހުން، ވަޑާން ކުރުން، ފަދަ ހުނަރު ނެތް ޒުވާނުންތަކެއް މާލޭގެ މަގުތަކުގައި ބިއްޖެހިފައި ތިއްބަސް، އެ ހުނަރުތަކުގެ ތެރެއިން ކޮންމެވެސް އެއް ހުނަރެއް ހުރި ޒުވާނުން ވެސް ރާއްޖޭގައި މަދެއް ނޫނެވެ.

އެފަދަ ޒުވާނުން ކުރަން ބޭނުންވާ މަސައްކަތްތައް ކުރެވޭނެ މަގު ރައީސް ތަނަސްކޮށް ދެއްވައިފި ނަމަ ރާއްޖޭގައި 30000 އަށް ވުރެ މާގިނަ ވަޒީފާ އޮންނާނެ އެވެ. މިހާރު ވެސް އެބަ އޮތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް