ޖަރުމަނުގައި މޫނު ބުރުގާ މަނާ ކުރަން އެންޖެލާ މާކެލް ގޮވާލައްވައިފި

ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ވަނީ އެގައުމުގައި މޫނު ބުރުގާ މަނާ ކުރަން ގޮވާލައްވާފަ -- ފޮޓޯ: ގެޓީ

ބާލިން (ޑިސެމްބަރު 7): ޖަރުމަނުވިލާތުގެ ބައެއް ތަންތަނުގައި، މޫނު ބުރުގާ އަޅައިގެން އުޅުން މަނާކުރަން ޖެހޭ ކަމަށް އެގައުމުގެ ޗާންސެލަރު އެންޖެލާ މާކެލް ވިދާޅުވެއްޖެ އެވެ.

ސްކޫލްތަކާއި ކޯޓުތައް ފަދަ އާއްމުން އެއްވެ އުޅޭ ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރަން މާކެލް ގޮވާލެއްވީ އޭނާގެ ކްރިސްޓިއަން ޑިމޮކްރަޓިކް ޔޫނިއަން (ސީޑީޔޫ) ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

"މޫނު ބުރުގާ އަކީ މިގައުމަށް ފެތޭ އެއްޗެއް ނޫން. މޫނު ބުރުގާ މަނާ ކުރުން ގާނޫނީ ގޮތުން ހުއްދަ ހުރިހާ ތަނެއްގައި މަނާ ކުރަން ޖެހޭ،" މާކެލް ވިދާޅުވި އެވެ.

ބައެއް ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރަން މާކެލް ގޮވާލެއްވީ މުޅި ގައުމުން މޫނު ބުރުގާ މަނާ ކުރުމަކީ އެގައުމުގެ ގާނޫނު އަސާސީއާ ހިލާފު ވާނެ ކަމަކަށް ވާތީ އެވެ.

މީގެ ކުރިން އޮގަސްޓު މަހު ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ތޯމަސް ޑި މައިޒިއެރީ ވަނީ އާއްމުން އެއްވެ އުޅޭ ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައެވެ. މާކެލްގެ ތަގުރީރުގައި އޭނާ ވަނީ އެޕްރޮޕޯޒަލްއަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ދާދި ފަހުން މާކެލް ވަނީ ޗާންސެލަރު ކަމުގެ ހަތަރު ވަނަ ދައުރަކަށް އަންނަ އަހަރު ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ރެފިއުޖީންނަށް ޖަރުމަނުގެ ބޯޑަރުތައް ހުޅުވާލުމުގެ ސަބަބުން މާކެލްއަށް ތާއިދު ކުރާ މީހުންގެ އަދަދު ކުރިއަށް ވުރެ މަދުވި ނަމަވެސް، އަދިވެސް އޭނާއަށް ގައުމުގައި ބޮޑު ތާއީދެއް އޮންނަ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (ސީއެންއެން)

comment ކޮމެންޓް