ޖީއެމްއާރަށް ފައިސާ ދެއްކުމުން ކުންފުނި ހިންގުމަށް ގޮންޖެހުންތަކެއް އެބަހުރި: އެމްއޭސީއެލް

6 ޑިސެމްބަރ 2016: އެމްއޭސީއެލްގެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ދޭ "އެމްޑީ އެވޯޑް" ދިނުމަށް މިރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ހަފްލާގެ ތެރެއިން---ސަން ފޮޓޯ// މުހައްމަދު އަފްރާހް

އާބިޓްރޭޝަންގެ ދަށުން ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާ އެއް ފަހަރާ ދައްކައި ޚަލާސްކޮށްފައި ވާތީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ހިންގުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެއްޖެ އެވެ.

އެމްއޭސީއެލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުލޭ އައިލެންޑް ހޮޓެލް ސަރަހައްދުގައި ބޭއްވި “އެމްއޭސީއެލް އެމްޑީ އެވޯޑްސް 2016” ހަފްލާގައި ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ އެ ކުންފުނީގެ ރިޒާވް އިން ޚަރަދުކޮށްގެން ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާ، 271 މިލިއަން ޑޮލަރު އެއްފަހަރާ ދެއްކުމުން ކުންފުނި ހިންގުމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި އެހެން ކަމުން ކުންފުނީގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅު ތަކެއް އަޅާނެ ކަމަށެވެ.

އާދިލް ވިދާޅުވީ އެމްއޭސީއެލްގެ ބަޖެޓުން ޖިއެމްއާރަށް 131 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ. ސަރުކާރުން ބުނީ އެ ފައިސާ ދެއްކީ ދައުލަތުގެ ބަޖެޓުގެ ބޭރުން، އެމްއޭސީއެލްގެ ބަޖެޓުން ކަމަށެވެ. ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަދަދު ކަމަށްވާ 271 މިލިއަން ޑޮލަރު އެއްކޮށް، އެއްފަހަރާ ދައްކައި ޚަލާސްކުރީ މިދިޔަ މަހުގެ ތެރޭގައި އެވެ.

"މި ފަދަ ބޮޑު އަދަދެއް އެއްފަހަަރާ ދެއްކުމުން އަޅުގަނޑުމެން އެބަޖެހޭ ކަންނޭނގެ ކުންފުނީގެ މި ކުރާ ކަންތައްތަކާއި ކުންފުނީގައި ކުރެވޭ ހަރަދުތައް މި އަށް ވުރެން ރަނގަޅަށް ވިސްނައިގެން، ބައެއް ކަންތައްތައް މިހާރު މި ހުރި ގޮތާ އެއް ގޮތަށް ކުރި އަށް ގެންދެވި ދާނެ ގޮތް އޮތްތޯ ބަލައިގެން ވެސް ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.

6 ޑިސެމްބަރ 2016: އެމްއޭސީއެލްގެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ދޭ "އެމްޑީ އެވޯޑް" ދިނުމަށް މިރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ހަފްލާގެ ތެރެއިން---ސަން ފޮޓޯ// މުހައްމަދު އަފްރާހް

މީގެ އިތުރުން އާދިލް ވިދާޅުވީ އެ ކުންފުނިން ޚަރަދު ކުރަމުން ދިޔައީ އެހާ ބޮޑު އަދަދެއް އެއްފަހަރާ ދައްކަން ޖެހިދާނެ ކަމަށް ވިސްނައިގެން ނޫން ކަމަށާއި އެކަމަށް ތައްޔާރުވެވިފައި ނެތް ކަމަށެވެ. އެހެން ކަމުން ކުންފުނީގެ ޚަރަދު ކުޑަކުރުމަށް މުއައްޒަފުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވެ، ޚަރަދު ކުޑަކުރުމަށް ކުންފުނީގެ މުއައްޒަފުންގެ ކިބައިން އާދިލް އެދިވަޑައިގެންނެވި އެވެ.

އާދިލް ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ ކުންފުނިން ދެމުން އަންނަ އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާނެ ކަމަށާއި، އެއާޕޯޓުގެ ހުރިހާ ޚިދުމަތެއް މީގެ ކުރިން ވެސް ދެމުން އައި ގޮތަށް ލިބިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުއައްޒަފުންގެ މުސާރަވެސް ކުޑަ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވައި ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ، ޚަރަދު ކުޑަކުރަން މަސައްކަތްތަކެއް ކުރަން ފެށި ނަމަވެސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރަން މިހާރު ފަށާފައިވާ މަޝްރޫއަށް ވެސް ބުރޫ ނާރާނެ ކަމަށެވެ. އެގޮތުން އެ މަޝްރޫއަށް ބޭރުގެ ލޯނު އެހީ ހޯދުމަށް އެމްއޭސީއެލް އިން 15 ޕަސެންޓް އިކުއިޓީގެ ގޮތުގައި ބަހައްޓާފައިވާ ކަމަށްވެސް އާދިލް ވިދާޅުވިއެވެ.

6 ޑިސެމްބަރ 2016: އެމްއޭސީއެލްގެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ދޭ "އެމްޑީ އެވޯޑް" ދިނުމަށް މިރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ހަފްލާގެ ތެރެއިން---ސަން ފޮޓޯ// މުހައްމަދު އަފްރާހް

އާދިލް ވިދާޅުވި ގޮތުގައި ހަަތަރު އަހަރުގެ މުއްދަތެއްގައި އެހާ ގިނަ އަދަދަކަށް ފައިސާ އެއްކުރެވި، އެ ފައިސާ ދެއްކުމަކީ ކުންފުންޏަކަށް ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި އެހާ ބޮޑު އަދަދެއް އެމްއޭސީއެލް އިން ދެއްކުމުން އޭގެން ދޭހަވަނީ ކުންފުނީގެ ހައިބަތު އިތުރު ވެފައިވާކަން އަންގައި ދޭ ކަމެއް ކަމުގައި އާދިލް ސިފަކުރެއްވި އެވެ.

ހުޅުލޭ އެއާޕޯޓުގައި މިރޭ ބޭއްވި ހަފްލާގައި، ފާއިތުވި އަހަރު އެ ކުންފުނީގެ މުއައްޒަފުންގެ ތެރެއިން ހޮވާލެވޭ އެންމެ ރަނގަޅު މުއައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ތިން ކެޓަގަރީއަކުން ހަ ފަރާތަކަށް އެވޯޑުވެސް ދީފައިވެ އެވެ. އެގޮތުން، ކަސްޓަމާ ސާވިސް އެކްސެލެންސް އެވޯޑު ތިން ފަރާތަކަށް ދިން އިރު، ސޭފްޓީ އެވޯޑު ދީފައިވަނީ ދެ ފަރާތަކަށެވެ. މުޅި ކުންފުނީގެ އެންމެ ރަނގަޅު މުއައްޒަފަކަށް ހޮވުނީ އެކުންފުނީގެ ކާގޯ ސާވިސް ޑިޕާޓްމެންޓުގައި މަސައްކަތްކުރާ މުއައްޒަފެއް ކަމަށްވާ އަމްޖަދު ނަސީރު އަށެވެ.

comment ކޮމެންޓް