އުތީމު އަންހެނުންނާއި ކުނިކެހުން!

ހއ. އުތީމު އަންހެނަކާ އިނދެފިނަމަ ދިރިއުޅޭ ގޯތިގެދޮރު ސާފުވާނެކަމަށް ބުނެއުޅެއެވެ. ސަބަބަކީ ކޮންމެ ދުވަހަކުވެސް ކޮންމެގޮތެއް ހަދައިފައިނަމަވެސް ގޭދޮށް ކުނިކަހައި ސާފުކުރާނެތީއެވެ. އެއީ އުތީމު އަންހެނުން ސިފަކުރަން އެންމެ ފަސޭހަގޮތެވެ. ކުނިކެހުމަކީ އެރަށު އަންހެންވެރީން އެންމެ ޝައުގުވެރިކަމާއެކު ކުރާކަންތަކެވެ.

"ކުނިކެހުން އެއީ އެމީހުން [އުތީމު އަންހެނުން] އެންމެ ކުރާހިތުން ކުރާކަންތައް. އެކަންކުރާނެ. ނޯންނާނެ މައްސަލައެއްވެސް. ބަރާބަރަށް ކުނިކަހާނެ،" އުތީމުގެ ޒުވާން ފިރިހެނަކު އެރަށު އަންހެނުން ސިފަކޮށްދެމުން ބުންޏެވެ.

އުތީމު އަންހެންވެރީންގެ ދުވަހުގެ މަސައްކަތްތައް އާންމުގޮތެއްގައި ރޭވިފައިވާގޮތް ކިޔައިދެމުން އެރަށު ޒަމީރާ ރަޝާދު، 45، ބުނިގޮތުގައި ކޮންމެ ދުވަހަކު ހޭލުމަށްފަހު ފަތިސްނަމާދުކޮށްގެން ދެން އެެރަށު އަންހެންވެރީން ނުކުންނާނީ ގޭދޮށް ކުނިކެހުމަށެވެ. ސައިހެދުމާއި ކެއިންބުއިމަށްވެސް އިސްކަންދޭނީ ކުނިކަހައި ގޭދޮށް ރީތި ކުރުމަށްފަހުއެވެ.

"ކުނިނުކަހައިފިނަމަ އެއީ ދެން ވަރަށް ހަޑިކަމެއް. ގިނަ މީހުން ހަމަ ހޭލާފަ ނަމާދަށްފަހު ދެން ކުރާނެ ކަމަކީ ކުނިކެހުން،" ޒަމީރާ ބުންޏެވެ.

ކުނިކެހުމުގައި އަދިވެސް އިލޮށިފަތި!

ފަން ފީއްސައިގެން (ފަންވަތުން އިލޮށި ވަކިކުރުން) އިލޮށިފަތި ހަދައި ކުނިކެހުމަކީ ދިވެހިންގެ ޒަމާންވީ އާދައެކެވެ. ޒަމާނަށް އަންނަ ބަދަލާއެކު ކުނިކެހުމަށް ބޭނުންކުރާ ތަކެއްޗަށްވެސް ބަދަލުތައް ދަނީ އަންނަމުންނެވެ. ކޮޅަށްހުރެގެން ކަހާ ފިހިގަނޑުތައް ތަޢާރަފުކޮށް ޕްލާސްޓިކް ފިހިގަނޑުތައް ބޭނުންކުރަން ވަނީ ފަށާފައެވެ. ނަމަވެސް އަދިވެސް އުތީމު އަންހެނުންނަށް ކަމުދަނީ އިލޮށިފައްޗެވެ.

"އިލޮށިފަތި އަދިވެސް މުޅިންހެން ގިނައިން ބޭނުންކުރާނީ. އެހެން ކަހަލަ ފިހިގަނޑެއް ބޭނުންކުރިޔަސް ނުކެހި ފުނޑުފުނޑު ހުންނާނެ. އެބައިތައް ނުކެހޭތީ ހިތްހަމަނުޖެހޭ. މިރަށު މީހުން އެބައި އިލޮށިފަތިން ކަހައި ނަގާނެ،" ޒަމީރާ ބުންޏެވެ.

ސާފުތާހިރު ނަލަ ރަށެއް!

ސަގާފީގޮތުން ނަން މަޝްހޫރު އުތީމަކީ އެތައް ސަތޭކަ ބަޔަކު ކޮންމެ ދުވަހަކުހެން ގޮސް އުޅޭ ރަށަކަށްވާއިރު، އެރަށަށް އަރާ ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ އަޅައިގަންނަ އެއްކަންމަކަށް އެރަށުގެ ސާފުތާހިރުކަން ހިމެނޭނެއެވެ. ބޮޑެތި، ދިގު މަގުތަކެއް އެކުލެވޭ އަދި 200 ވަރަކަށް ގޭބިސީ ހުންނަ އެރަށުގެ މަގުތައް އަބަދުވެސް އޮންނަނީ ކުނިކަހައި ވަރަށް ނަލަކޮށްލައިފައެވެ.

"ވަރަށް ރީތި ސާފުތާހިރު ބައެއް އުތީމަކީ. މަގުތަކުންވެސް ކުނިވެސް ވަރަށް ނުފެންނާނެ. މަށަށް ބުނެވޭނީ ހަމަ ބަގީޗާއެކޭ،" ހއ. ތަކަންދޫ، އަބްދުލް ރަހީމް އުތީމު ސިފަ ކުރަމުން ބުންޏެވެ.

މީގެ ކުރިން ރަށުގެ ރައްޔިތުން ނުކުމެ ގައުމީ ރޫހެއްގައި ކުރި ކުނިކެހުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށް ފައިސާދީގެން ކުރާއިރު އެކަމުގައިވެސް ވިޔަފާރި އުސޫލު ދޫކޮށް ޝައުގުވެރިކަމާއެކު ކުރާކަން އެރަށަށް ބަލާލުމުން ސިފަކޮށްދެއެވެ. އެރަށް ކުނިކެހުމަށް މަހަކު 21،000 ރުފިޔާ ހަރަދުކުރާއިރު، ރަށް ވަށައިގެން ކަހަލަގޮތަކަށް އޮންނަ ގޮނޑޮށުގެ ދޮންވެހިލަނޑުވެސް ކަހައި ސާފުކުރެއެވެ.

ތާރީހީ އާދައެއް!

އުތީމުގެ ދުވަސްވީ މީހުންނާއި އެރަށަށް ގޮސް އުޅުނު ދުވަސްވީ މީހުންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި ސާފުތާހިރުކަމަށް އެރަށު މީހުން އަބަދުވެސް ލޯބިކުރެއެވެ. އެގޮތުން ރަށުތެރެ ކުނިކަހައި ރީތިކުރުމަކީ އާދައެކެވެ. އުތީމު އަންހެނުންގެ ފަރާތުން ތަރުބިއްޔަތުވާ އަންހެން ކުދީންގެ ކިބައިގައިވެސް އެ އާދަ ހުންނަ ކަމަށްވެއެވެ.

އުތީމު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، އެރަށު އަންހެނުންގެ ކުނިކެހުމުގެ އާދައަކީ ކުރިންސުރެވެސް އޮންނަ ކަމެއް ކަމަށާއި ރަށު ފެންވަރުގައި ކުރާ މަސައްކަތްތަކުގައިވެސް ވަރަށް ބޮޑަށް އެހީތެރިކަން ލިބޭ ކަމަށެވެ.

ކޮންމެއަކަސް ދިވެހިރާއްޖެ މިނިވަން ކުރި ބޮޑު ތަކުރުފާނުން ނިސްބަތްވާ ތާރީހީ އުތީމުގެ އަންހެންވެރީންގެ ފަރާތުން މިފެންނަނީ މާ ތަފާތު މަންޒަރެކެވެ. ކުނިކެހުމަކީ އެމީހުންގެ އާދައަކަށް މިވަނީ ހަދައިފައެވެ. އެ އަންހެންވެރީން އެމަސައްކަތް ކުރަނީ ކުރާހިތުންނެވެ.

comment ކޮމެންޓް