އުތުރު ކޮރެއާއިން ދެކުނު ކޮރެއާގެ އަސްކަރިއްޔާގެ އިންޓްރާނެޓް ހެކްކޮށްފި

އުތުރު ކޮރެއާއިން މީގެ ކުރިންވެސް ސައިބާ ހަމަލާތައް ދިން ކަމަށް ދެކުނު ކޮރެއާއިން ލަފާ ކުރޭ -- ފޮޓޯ: ޕީއޭ

ސޯލް (ޑިސެމްބަރު 6): ދެކުނު ކޮރެއާގެ އަސްކަރިއްޔާގެ އިންޓްރާނެޓް އުތުރު ކޮރެއާއިން ހެކްކޮށްފައިވާ ކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އަސްކަރިއްޔާގެ އިންޓްރާނެޓު ހެކް ކުރުމަށް ފަހު ބަޔަކު ވަނީ ސިއްރު މައުލޫމާތު ހޯދާފަ އެވެ. ނަމަވެސް އެއީ ކޮން މައުލޫމާތެއްކަން އަދި އެނގިފައި ނުވެ އެވެ.

"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ބައެއް ސިއްރު މައުލޫމާތު ހިމެނޭ އަސްކަރީ ލިޔުންތައް ވަނީ ހެކް ކޮށްފަ،" ތަރުޖަމާނު ވިދާޅުވި އެވެ.

ނަމަވެސް އޭގެ ތެރޭގައި ހަނގުރާމަ މަތީ އުޅަނދުތަކާ ބެހޭ މައުލޫމާތު ފަދަ މުހިއްމު މައުލޫމާތު ހިމެނޭ ކަން އަދި ޔަގީން ނުވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

އުތުރު ކޮރެއާއިން މީގެ ކުރިންވެސް ބޭންކުތަކާއި މީޑިއާތައް ހެކް ކުރި ކަމުގެ ތުހުމަތު ދެކުނު ކޮރެއާއިން ކޮށްފައިވެ އެވެ. ނަމަވެސް އުތުރު ކޮރެއާއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

ސައިބާ ހަމަލާތައް ދިނުމަށް ހާއްސަކޮށްފައިވާ އެތައް ހާސް މީހުން އުތުރު ކޮރެއާގައި ހަރަކާތްތެރިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އުތުރު ކޮރެއާއިން ފިލައިގެން އުޅޭ އެގައުމުގެ ކޮމްޕިއުޓާ ސައިންސް ޕްރޮފެސަރެއް ކަމަށްވާ ކިމް ހުޔުންގް ކުވަންގް ވިދާޅުވި ގޮތުގައި 2010 އަކުން ފެށިގެން އެގައުމުގެ ހެކަރުން އިސްކަން ދެމުން ދަނީ ގައުމީ އިދާރާތަކުގެ މައުލޫމާތު ހެކް ކުރުމަށެވެ. (ބީބީސީ)

comment ކޮމެންޓް