ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާ އިރު އިންތިހާބުގައި ވާދަކުރުމަށް 900 އަށްވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލެވޭ އެންމެ ފަހު ތާރީހެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް މިއަދު 'ސަން' އަށް ވިދާޅުވީ ފުރުސަތު ބަންދުވި އިރު 900 އަށް ވުރެ ގިނަ މީހުން އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި މިހާރު ފޯމުތައް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅަށް ދެވަނަ ފުރުސަތަކަށް ހުޅުވާލަން އަދި ވިސްނާފައި ނުވާކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ޖެނުއަރީ 14ގައި ބޭއްވުމަށް އިލެކްޝަނުން އިއުލާނުކޮށްފައިވަނިކޮށް ސިވިލް ކޯޓުން ވަނީ އިންތިހާބު ދެމަސް ދުވަހަށް ފަސްކުރަން ހުކުމް ކޮށްފަ އެވެ. އެމައްސަލަ އީސީއިން ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފަ އެވެ.
ސިވިލް ކޯޓުން އިންތިހާބު ފަސްކުރަން ހުކުމް ކުރީ ޕީޕީއެމްގެ ލިޔެކިޔުންތައް ގެއްލިގެން ޕްރައިމެރީ ބޭއްވޭނެ ފަދަ ހާލަތެއް ނެތުމުން ހާލަތުއް ޟަރޫރާގެ ދަށުން އިންތިހާބު ފަސްކޮށްދޭން އެދުމުންނެވެ.