އެދިއެދި ހޯދީމޭ

ޖެހިގެން އައި ދުވަހު ޝުޖާއުއަށް ހޭލެވުނީ އޭނަގެ ކޮޓަރީގެ ދޮރުގައި މީހަކު ބާރަށް ތަޅާއަޑަށެވެ. ގައިމަތީ އޮތް ރަޖާ ހަށިގަނޑާ ވަކިކޮށްލަމުން އޭނަ ކޮޅަށް ތެދުވުނީ ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރެއެވެ. ދޮރާއިދިމާއަށް ހިނގައިގަތް ޝުޖާއު ރީތިވާމޭޒު މަތީގައި އޮތް އޭނަގެ ޓީޝާޓުނަގައި ބޮލަށް މަހާލިއެވެ.

''ޝުޖާއު ކީއް ކޮއްފަތަ ތިއައީ؟...'' ހުޅުވުނު ދޮރާއެކު ޝުޖާއުއަށް ފެނުނީ ރުޅިއައިސްފައި ހުރީ އޭނަގެ މަންމައެވެ.

މަންމައަށް އަވަސް ނަޒަރެއް ދިން ޝުޖާއުއަށް އެމޫނުގައިވި ޝުއޫރުތަކުގެ ފަހަތުގައިވި ސަބަބު ނަގައިގަނެވުނެވެ. ނަމަވެސް އެސުވާލުތަކަށް ޖަވާބު ދިނުމުގެ ޝައުގުވެރިކަމެއް ނެތުމާއެކު އޭނަ އުޅުނީ ކޮޓަރީގެ ދޮރު ލައްޕާލާށެވެ. އޭނަ ހުރީ އެކަމާ ކުރިމަތިލާނެ ވަރަށް ވުރެން ގަދަޔަށް ބޮލުގައި ރިއްސާލާފައެވެ. އެހުރިހާ ބަދަލެއް އައިސްފައިވަނީ އޭނައަށް ފުރިހަމަ ނިދިނުލިބި ފިކުރިތައް ގިނަވެފައިވުމުންނެވެ. ރޭގައި ހިނގި ކަންތަކަށް ފަހު ބަތޫލްއާ މެދު ވިސްނަން ވަގުތު ހޭދަކުރެވުމުގެ ސަބަބުން އޭނައަށް ނިދުނީ ވެސް ވަރަށް ދަންވި ފަހުންނެވެ. ނުވީތާކަށް އަޒްޔާން އޭނައާއި ހިއްސާކުރި ވާހަކައަކުން އެހިތަށް ފުން ވޭނެއް ލިބިފައި ވެއެވެ.

މާރިޔާ ހަޅޭއްލަވަމުން ދަނިކޮށް ޝުޖާއު ދޮރުލައްޕާ ތަޅުލައިފިއެވެ. އަދި ބަރުވެފައިވާ އޭނަގެ ސިކުނޑިއަށް ލުޔެއް ހޯދައިދޭން ނިތުގައި އަތްހިންގާލެވުނެވެ.

''ދޮރުލައްޕާކަށް ނޫން ވީކީ!!... އަހަރެން ކުރި ސުވާލަށް ޖަވާބު ދޭންވީ!!...'' ހިނދަށްހިނދަކަށް މާރިޔާގެ އަޑު ދިޔައީ ގަދަވަމުންނެވެ. އެއާއެކު ކާކޮޓަރީގައި ހެނދުނު ސަޔަށް އިންސާފުކުރަން އުޅުނު ނޫހު ވެސް އޭނަގެ އަތުގައި އޮތް ޕާންފޮތި ތަށީގެ ތެރެއަށް ދޫކޮށްލުމަށްފަހު އަވަސްއަވަހަށް ކާކޮޓަރިން ނިކުތީ ވެގެން އުޅޭ ގޮތެއް ސާފުކުރާށެވެ. އޭރު އަނާން ވެސް ކޮޓަރިން ނިކުންނަނީއެވެ. މަންމަ އަޑު ގަދަކޮށްލައިގެން އުޅޭތީ އޭނައަށް ހައިރާންކަން ލިބިފައި ވިއެވެ.

''ޝުޖާއު މިދޮރުހުޅުވާ... ތިކުރި ކަމެއްގެ ނަތީޖާ ނިކުންނާނެ ގޮތެއް ހަމަނޭގެނީތަ؟، ދޮންތަ ގުޅާފަ ރޮމުން އެވާހަކަ ކިޔައިދިނީމަ ފުރަތަމަ އަހަންނަށް ޤަބޫލެއް ވެސް ނުކުރެވުނޭ...''

ވާހަކައިގެ ފުރަތަމަކޮޅު މާރިޔާގެ އަޑުގައި ރުޅިވެރިކަން އެކުލެވިފައި ވިޔަސް އޭނަގެ އަޑު އެންމެފަހުން ދިޔައީ ފޭދިގެންނެވެ. އޭނައާއި ހިންދުގެ ދެމެދުގައި އޮތް އަހުވަންތަކަމުގެ ގުޅުމަށް ބުރޫއަރާފައިވާކަން އިހުސާސް ކުރެވުމުންނެވެ. އެހުރިހާކަމެއްގެ އިލްޒާމު އޭނައަށް އެޅުވުނީ ޝުޖާއުގެ ބޮލުގައެވެ. ހިންދުގެ ރުޅިވެރިކަމާއި ނަފުރަތު އޭނައަށް އަމާޒުވެފައިވަަނީ ޝުޖާއު ބަތޫލްއަށް ވާގި ދިނުމުންނެވެ. ޝުޖާއު އެފަދައިން ކަންތައް ނުކުރިނަމަ ދެބެއިންގެ ދެމެދުގައިވި ގުޅުމަށް ހީނަރުކަމެއް ވެސް ނައީހެވެ.

''ކިހިނެއްތަވީ މިހާ ހެނދުނާ އަޑުގަދަކޮށްލައިގެން ތިއުޅެނީ؟...'' ޝުޖާއުގެ ކޮޓަރީގެ ދޮރުގައި ތަޅަމުން ދިޔަ މާރިޔާގެ ގާތަށް ހިނގައިގަންނަމުން ނޫހު ސުވާލުކުރި އެވެ. އެއާއެކު މާރިޔާ ނޫހުއާއި ކުރިމަތިލައިފި އެވެ.

''ކިހިނެއްހޭވީ!؟...'' ހިސާބަކަށް ނުރުހުންތެރިކަން އެކުލެވިގެންވި އަޑަކުން މާރިޔާއަށް އަހާލެވުނީ އަޑަށް ބާރުލަމުންނެވެ. އޭނަގެ ވާހަކަދެއްކުމުގެ ރާގުން ނޫހު ވެސް ކުށްވެރިކުރާ ކަހަލައެވެ.

''އަޑުގަދަ ނުކޮށް ވެގެން އުޅޭ ގޮތެއް ބުނީމަދޯ ދެން ތިބި މީހުނަށް ވެސް އެއްޗެއް އެނގޭނީ؟...'' މާރިޔާގެ އަމަލުތައް ހުރި ގޮތުން ހިތްހަމަނުޖެހުނު ނޫހު ބުނެލިއެވެ. މާރިޔާއަށް އެހީގެ އަތެއް ފޯރުކޮށްދޭން އޭނަ އުޅުމުން ވެސް އެރުންކުރުކަން ދޫކޮށްލާކަށް ނޫޅުނު ވިއްޔާ އެވެ. އޭނަ އަނެއްކާ ވެސް މަޑުމައިތިރިކަން ޚިޔާރުކޮށްލަމުން މާރިޔާއަށް އުނދަގޫކުރަމުން އަންނަ ކަންތައް ސާފުކުރަން އުޅުނެވެ. އެކަމާ ޝުޖާއުއާ އޮތް ގުޅުމެއް ވެސް އެނގެން ބޭނުންވެ ހުރެއެވެ.

''ޝުޖާއު ގާތު އަހާބަލަ... އޭނަ ހިތުން ވަރަށް ރަގަޅު ކަމެއްކޮށްފަ ވިއްޔާ އެއައީ... އެކަމުގެ ނަތީޖާ ނިކުމެދާނެ ގޮތަކާމެދު ވެސް ވިސްނާކަށް އޭނަ ބޭނުން ނުވާތީ އެހެން ކަންތައް ކުރާނީ...'' ނޫހުގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި މާރިޔާ ފެށީ މުޅިން އެހެން ވާހަކައެކެވެ. އޭނަ ޝުޖާއު ދެކެ ނުރުހިފައިވާ މިންވަރު އެއަޑުން އެކަނި ވެސް ހާމަކޮށްދެއެވެ.

މާރިޔާގެ ޖުމްލައިން ނޫހުއަށް ހައިރާންކަމެއް ލިބި ނިތަށް ރޫތަކެއް އަރައިގެން ދިޔަ އެވެ. އޭނަގެ ހިތުގައި ތަފާތު ސުވާލުތަކެއް ވެސް އެދަނޑިވަޅާ ދިމާކޮށް އެނބުރެން ފަށައިފިއެވެ. މާރިޔާގެ ފަރާތުން ކުރިއެރުމެއް ނުލިބޭނެކަން އެނގުމުން އޭނަ ގޮސް ޝުޖާއުގެ ކޮޓަރީގެ ދޮރުގައި ޓަކިދެމުން ދެފަހަރެއްގެ މަތިން ގޮވާލިއެވެ.

ބޭރުގައި ހިނގަމުން ދިޔަ ކޯޅުންގަނޑަށް ސަމާލުކަން ދީގެން ހުރި ޝުޖާއު ދެޚިޔާލެއްގެ މަތީގައި ހުރެފައި ތަޅުގައި ހިފާ އަނބުރާލިއެވެ. އޭނައަށް މާކުރިން ވެސް މިކަންތަކާ ކުރިމަތިލާން ޖެހޭނެކަން އޮތީ ލަފާކޮށްލެވިފައެވެ. އިތުރަށް ހިމޭނުން ހުންނަން ވެއްޖެނަމަ ގޭތެރޭގެ މަސްލަހަތު އިތުރަށް ގޯސްވެދާނެކަމުގެ ބިރު ހީވުމުން މަންމައާއި ބައްޕަގެ ސުވާލުތަކަށް ޖަވާބުދޭން ޝުޖާއު ނިންމިއެވެ. އެމީހުންގެ ނުރުހުން އަމާޒުވިކަމުގައި ވިޔަސް ވަރިހަމަކަމަށް ދެކިގެންނެވެ. އޭނަގެ ނަޒަރުގައި އޭނަ ގޯސްކަމެއް ނުކުރެއެވެ. އޭނަ ކުރި ކަމެއް ވިއްޔާ ކުރީ ބަތޫލްއަށް އިންސާފު ހޯދައިދޭށެވެ.

ދޮރު ހުޅުވުނު އަޑާއެކު ކޮންމެ މީހެއްގެ ނަޒަރު އައިސް އޭނައަށް ހުއްޓުނުކަން ޝުޖާއުއަށް ފާހަގަ ކުރެވުނެވެ. އޭނަ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކަންތައް ހިނގައި ދިޔަ ގޮތުގެ ތަފުސީލީ ރިޕޯޓެއް ހުށަހަޅަން ފެށީ އެއްވެސް ކަމެއް ސިއްރުކުރުމެއް ނެތިއެވެ. މަންމަ ގާތު ހިންދު ދޮގެއް ހަދާފައި ވާނަމަ އެކަމެއް ދޭހަވާނެހެންނެވެ.

''އަހަރެންގެ ނަޒަރުގަ އަހަރެން ކަންތައް ކުރީ ރަގަޅަށް، ބަތޫލްއަށް ވެސް އުފަލުގައި އުޅުމުގެ ހައްޤު ލިބިގެންވޭ، އެމީހުން ބަތޫލްއާ މެދު ކަންތައް ކުރި އިހާނެތި ގޮތް އަހަރެންގެ ދެލޮލުންނޭ ދުށީ، އެހުރިހާ ކަމަކަށް ފަހުވެސް އަހަރެން ހުންނަންވީ ހިމޭނުންތަ؟... ދަރިއެއްދެކެ ލޯބިވާ މައިންބަފައިންނެއް އެހެފަދައިން ކަންތަކެއް ނުކުރާނެ، އެމީހުންގެ އަމިއްލަ އެދުމެއް އިސްނުކުރާނެ...... މަންމަމެން އަހަންނާ ބަތޫލްގެ ކައިވެނި ހަމަޖެއްސިއިރު ހަމަ އެންމެ ފަހަރަކު ވެސް ވިސްނާނުލަންތަ ހަޤީޤަތް އެނގުމުން ވާނެ ގޮތަކާމެދު؟... މަންމަ ވެސް އެކަމުގައި ބޮޑުދައިތަމެނަށް އެހީވިންދޯ؟...'' ޝުޖާއު އޭނަގެ މަންމައަށް ނަޒަރު ހުއްޓާލަމުން އަހާލިއެވެ. އޭރު މުޅި މާހައުލަށް ވެރިވެފައި އޮތީ ފުން ހިމޭންކަމެކެވެ. ކޮންމެ މީހަކު ވެސް ޝުޖާއު ބުނި ވާހަކަތަކާ މެދު ވިސްނަމުންދާކަން މޫނުމަތިން ހާމަވެއެވެ. ނަމަވެސް އެންމެނާ ޚިލާފަށް މާރިޔާގެ ފަރާތުން ފެންނަމުން ދިޔައީ ހިތްމަނުޖެހުނެމެވެ.

''އެކަމަކު ވެސް ޝުޖާއު އެފަދަ ފިޔަވަޅެއް އުޅާކަށް ނުޖެހޭނެ!... ބޮޑެތި މީހުންގެ ނިންމުންތަކަށް ޝުޖާއު ނުޖެހޭނެ ފާޑުކިޔާކަށް!.... ތިކުރިކަމެއްގެ ސަބަބުން ދޮންތަ އަހަރެން ދެކެ ރުޅި އައިސްފަ ހުރީ... ވާހަކަ ވެސް ދައްކާނެކަމެއް ނޭގޭ... ދޮންތަބެއާ ވެސް ކުރިމަތިލާން އަހަރެން ލަދުގަންވަރުކޮށްފަ ޝުޖާއު ތިއައީ... ތިހުރިހާ ކަމަކުން ކޯޗެއްތަ ޝުޖާއު ސާބިތުކުރަން ބޭނުންވަނީ؟... އަމިއްލައަށް ބަތޫލް ދެކެ ލޯބިވާކަމަށް އިއުތިރާފުވެ އެހެން މީހެއްގެ އަތްމައްޗަށް ބަތޫލް ދޫކޮށްލާފަ ތިއައީކީއްވެ؟...'' ޝުޖާއު ކުރި ސުވާލަށް މާރިޔާ ޖަވާބު ނުދިނީ ގަސްދުގައެވެ. އޭނަ ސުވާލުތަކުގެ އަމާޒުފަތި ޝުޖާއުއަށް އަމާޒުކޮށްލީ ވިސްނުންތެރި ކަމާއެކުގައެވެ. ޝުޖާއުއަށް އެކަން ނަގައިގަނެވުމާއެކު މަންމައަށް ބޮޑުދައިތަގެ ރޭވުންތައް ފުރިހަމައަށް އެނގޭކަން ވިސްނައިގަނެވުނެވެ. އެއާއެކު އޭނަގެ ހިތުގައި މަންމައާ މެދު ޝަކުވާތައް އުފެދި ފޫހިކަން ވެސް އުފެދިއްޖެއެވެ.

''އަހަރެން ބޭނުމެއްނުވީ ގަދަ މަޖުބޫރުން އެއްވެސް ކަމެއް ހާސިލުކުރާކަށް!... އަހަރެން މަންމަން ތިވިސްނާހެން ނުވިސްނަމޭ!...'' ޝުޖާއު ރައްދުދިނެވެ. އެއީ މާރިޔާގެ ދުލުގައި ތަޅެއްލެވެން މެދުވެރި ޖުމްލައަކަށް ވިއެވެ. އިރުކޮޅެއް ވަންދެން އޭނަ ޝުޖާއުއަށް ބަލަން ހުރެފައި ހަޅޭއްލަވަން ފެށީ ޝުޖާއުގެ އަދަބުކުޑަކަމަށް އަލިއަޅުވާލަމުންނެވެ. އޭނަގެ ވާހަކަ ނިމުނީ މަންމައަށް ޤަދަރުކުރަން ނޭގޭކަމަށް ބުނެ ރޮމުންނެވެ.

*****

މެންދުރުގެ ކެއުން ތައްޔާރުކުރުމުގައި ޚީނާއަށް އެހީވުމަށް ހަރަކާތްތެރިވަމުން އައި ހިންދު ހުރީ ނެގިމަޑުވެފައެވެ. މާޔޫސްްކަމާއި ހިތާމަވެރިކަން އޭނަގެ ފަރާތުން ފެންނަމުން ދިޔަ އިރު ފުން ވިސްނުމަކަށް ގެއްލިފައިވާކަން އޭނަ ކުރަމުން އައި މަސައްކަތަށް އައިސްފައިވާ ތަތްކަމުން ހާމަކޮށްދެއެވެ. ރޭގައި ވެސް އޭނަ ޖައުފަރު ގާތު ބަތޫލް ގެނެސް ދިނުމަށް އެދި އެތަކެއް އާދޭހެއް ކަރުނައަޅާފައި ކުރިއެވެ. ނަމަވެސް ޖައުފަރުގެ ހިލަ ހިތަށް އޭނަ ކުރި އާދޭހަކުން އަސަރުކުރިކަމަކަށް ނުވިއެވެ. އެންމެ ފަހުން ޖައުފަރު އޭނަގެ ދޫބަންދުކުރަން ދިން ހަމަލާގެ ނިޝާންތައް ތާޒާކަމާއެކު އޭނަގެ ތުންފަތްމަތިން ފެންނަން އެބަހުއްޓެވެ. އެހެނަސް ހިންދު ހުރީ ދޫދޭ ފަދަ ވިސްނުމެއްގައެއް ނޫނެވެ. އޭނައަށް ޖައުފަރު ކިތަންމެ އަނިޔާއެއް ކުރިކަމުގައި ވިޔަސް އޭނަ ޖައުފަރުގެ ނިންމުން ބަދަލުކުރުވަން ފަހުނޭވާއާ ޖެހެެންދެން މަސައްކަތް ކުރާނެއެވެ. ބަތޫލް އަނބުރާ އޭނަގެ ގާތަށް ގެނެސްދިނުމަށް އެދި އާދޭސް ކުރާނެއެވެ. ބޯމަތިރިކުރުވާފައިވާ ތޫފާނުގައި އުއްމީދު ގެއްލުވާލާކަށް އޭނަ ބޭނުމެއް ނޫނެވެ. ބަތޫލް ދެކެ ޖައުފަރު ލޯބިވާވަރު އޭނަ ވަނީ ދެކެފައެވެ. އޭނައަށް ނުވިސްނުނީ ހަމަ އެންމެ ކަމެކެވެ. ޖައުފަރު އެފަދަ ތާކުންތާކުނުޖެހޭ ނުބައި ނިންމުމެއް ނިންނަމް ޖެހުނު ސަބަބެވެ. އެކަމަކުގެ ފަހަތުގައި ވި ސަބަބު ހޯދަން އޭނަ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. އަނެއްކާ އޭނައަށް ނޭގި ޖައުފަރު މޮޅު ރޭވުމެއް ރާވަމުން ދަނީ ހެއްޔެވެ؟ ކޮންމެ ގޮތަކުން ވެސް އޭނަގެ ދަރިފުޅު އޭނައަށް އަނބުރާ ލިބެން އެދެވޭތީ އެކަމާ ވެސް ހިންދުއަށް ރުހެވުނެވެ. އޭނަ މިހާރު ބޭނުންވާހާ ވެސް ކަމަކީ އަޒްޔާންގެ ވަކިތަކުން ބަތޫލް ސަލާމަތްވުމެވެ.

*****

''ހޭއި ބަތޫ ދެން ތެދުވެބަލަ، މިހާރު އެއޮތް އެކެއް ޖަހަން ކައިރިވަނީ... ޒޭން އެބައިން ފަސްފަހަރު ގުޅާ ތިން މެސެޖް ވެސް ފޮނުވާފަ...'' މެންދުރު ނަމާދުން ފޭބި ޖަނާ އޭނަގެ މުސައްލަ އޮޅާލުމަށްފަހު ގެންގޮސް ކޮޓަރީގައި ހުރި ކުޑަ މޭޒެއްގެ މަތީ ބާއްވާލަމުން ބަތޫލްއަށް ގޮވާ ތެދުކުރުމުގެ މަސައްކަތް ފެށިއެވެ. އޭނަ ހުރީ ބަތޫލްއާ މެދު ފިކުރުބޮޑުވެފައެވެ. އޭނަ ހެނދުނު ގޮވުމުން ވެސް ބަތޫލްއަށް ހޭލެވުނު ކަމަކަށް ނުވިއެވެ. ރޭގައި ވެސް އޭނައާއި އެއްވެސް ކަމެއް ހިއްސާކުރުމުގެ ބަދަލުގައި ޚިޔާރުކުރީ ހިމޭންކަމެވެ. ބަތޫލް ހާމަކުރަން ބޭނުންނުވިޔަސް ތަހައްމަލުކުރަން ޖެހިފައިވާ އުދާސްތަކާއި އެކަނިވެރިކަން ޖަނާއަށް ވަނީ ނަގައިގަނެވިފައެވެ. އޭނަ ބޭނުންވަނީ ދިރިއުޅުމުގައި ބަތޫލް ކަނޑައްތުކުރަމުން އެދާ ދިގު ރާސްތާގައި އޭނައާއެކު ވާނެ ބަޔަކު ތިބިކަން ހަނދުމަކޮށްދޭށެވެ. އުއްމީދު އާލާކޮށްދޭށެވެ.

ބަނޑުފުށުން އޮތް ބަތޫލް ކުރިއަށް ވުރެ ބޮޑަށް ބާލީސް ގެނެސް އޭނަގެ މޫނުގައި ޖައްސާ ބާރުކޮށްލީ ޖަނާ އޭނަ ތެދުކުރުވަން އުޅުމުންނެވެ.

''މަށަށް އެނގެޔޭ ހޭލާކަން ތިއުޅެނީ...'' ބަތޫލް މޫނުގައި އަޅައިގެން އޮތް ބާލީހުގެ ކަންގަނޑުގައި ހިފައި ދަމައިގަންނަމުން ޖަނާ އިއްވާލިއެވެ. އެވަގުތު ވައިބްރޭޓްވާން ފެށި ބަތޫލްގެ ފޯނު ފެނި އަނެއްކާ ވެސް އޭނަ ބަތޫލްއަށް ގޮވާލިއެވެ. ''ޒޭން އެގުޅަނީ... ދެން ތެދުވެ ނިކަން ފޯނަށް ޖަވާބު ދީބަލަ، ނޫނީ އަހަރެން ޒޭން ގާތު ބުނަންވީތަ ބަތޫ ހޭލައްވާލަދޭން އައިސްދޭށޭ؟...''

ބަތޫލް އެންމެފަހުން ތަގުޅިކޮށްލެވިފައިވާ ދެލޯ ހުޅުވާލީ ޖަނާ ފޯނުން ވާހަކަ ދައްކަން ފެށި އަޑު އިވިފައެވެ. ޖަނާއަށް ހެލޯއޭ ބުނެވޭއިރަށް ބަތޫލް ކުއްލިއަކަށް ތެެދުވެ ޖަނާގެ އަތުގައި އޮތް އޭނަގެ ފޯނު ޖަހައިގެންފިއެވެ. ބަތޫލްގެ އެހަރަކާތުން ކުޑަވަރެއްގެ ސިހުމެއް ލިބުނު ޖަނާގެ ތުންފަތަށް ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ލާނެއް ހިނިތުންވުމެއް ވެރިވެއްޖެއެވެ.

''ބަތޫ... ކީއްވެތަ ގުޅީމަ ފޯނަށް ޖަވާބު ނުދިނީ؟، މެސެޖަށް ވެސް ރިޕްލައިއެއް ނުކުރި... އަހަރެން ހީކުރީ ބަތޫއަށް ކަމެއްވީކަމަށް، ތިގެއަށް ދާން އުޅެނިކޮށް ފޯނު ތިނެގީ ވެސް...'' އަޒްޔާންގެ އަޑުގައިވި ހާސްކަން އިހުސާސްކުރެވުނު ހިނދު ބަތޫލް ވަރަށް ދެރަ ވިއެވެ.

''ސޮރީ... ދެންމެ ހޭލެވުނީ...'' ބަތޫލް ބުނެލިއެވެ. އަޒްޔާން އޭނައަށް ބަހައްޓާ ސަމާލުކަން ފެނި އެހިތުގެ ވޭނަށް ވަގުތީ ޝިފާއެއް ލިބުނެވެ.

''އެހެންތަ؟... އެހެންވިއްޔާ އަހަރެންދޯ މަޢާފަށް އެދެން މިޖެހެނީ ބަތޫއަށް ޑިސްޓާރބް ކުރެވުނީމަ... މިހާރު ވާވަރަށް ނިދިއްޖެތަ؟... ދެން އަވަހަށް އެއްޗެއް ކާން އުޅޭ...'' ފުންނޭވާއެއް ދޫކޮށްލި އަޒްޔާން އޭނަގެ އަޑުގައިވި ހާސްކަން ކަނޑުވާލަމުން ބުންޏެވެ. އޭނަ މަސައްކަތްކުރީ ވީހާ ވެސް އޯގާތެރި ރާގެއްގައި ބަތޫލްއާ ވާހަކަދެއްކޭތޯއެވެ. އޭނަ ވާ ލޯބި ބަތޫލްއަށް އަބަދު އިހުސާސްކުރެވެން އެދެވޭތީއެވެ. ބަތޫލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އަޒްޔާންގެ އަޑުން އޭނައަށް ގެނެސް ދިން ތަސައްލީއިންނެވެ. މިމަންޒަރު ބަލަން ހުރި ޖަނާއަށް ވެސް ހިނިތުންވެވުނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ބަތޫލްއަށް އައިސްފައިވީތީއެވެ. އޭނަ އަޒްޔާނާއި ބަތޫލްއަށް ވަގުތު ދިނުމުގެ ނިޔަތުގައި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

''މިހާރު މީޓިންގްއަކަށް ދާން މިއުޅެނީ... ފަހުން ގުޅާނަން އިނގޭ... ވަރަށް މުހިންމު ވާހަކައެއް ވެސް ދައްކަންވެފަ އެބައޮތް...'' އަޒްޔާން ބުނެލިއެވެ. އޭގެ ސަބަބުން ބަތޫލްއަށް ހައިރާންކަން ލިބި ހިތުގައި ތަފާތު ސުވާލުތަކެއް އުފެދުނެވެ. ތަފާތު ދިމަދިމާއަށް ޚިޔާލުތަކުގައި ކުރިފަޅައި ފޯދެމުން ދަނިކޮށް އަޒްޔާން ފޯނު ކަނޑާލަން އުޅޭހެން ބަތޫލްއަށް ހީވިއެވެ. އެހެނަސް އޭގެ ކުރިން އަޒްޔާން ބުނެލި ޖުމްލައިން ބަތޫލްގެ ތުންފަތުގައި ކުޅެލަމުން އައި ހިނިތުންވުން އިތުރަށް ފުން ވިއެވެ.

''އަދި އެއްވާހަކަ ބުނަން ހަނދާން ނެތުނީޔޭ... ލަވް ޔޫ، ދެން ބާއްވަނީ، ސީ ޔޫ ސޫން...''

އަޒްޔާން ފޯނު ބޭއްވުމާއެކު އިރުކޮޅެއް ވަންދެން އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ބަތޫލްއަށް ހުރެވުނެވެ. އޭރު ވެސް އޭނަގެ ތުންފަތުގައި ހިނިތުންވުމުގެ އަސަރު ވިއެވެ. ނަމަވެސް ދުނިޔޭގެ ހަޤީޤަތް އައިސް ބަނދެވެމުން ދިޔަ ބިލާހުތަކުން ހޭލައްވާލުމާއެކު އޭނަގެ ހިނިތުންވުން މިލާމޯޅިވެއްޖެ އެވެ. ރޭގެ ހާދިސާތައް އަނެއްކާ ވެސް އެތައް ހާސް ޓަނުގެ ބަރުދަނާއެކު އައިސް އޭނަގެ ސިކުނޑިއަށް ވާންކޮށްލައިފިއެވެ. އެތައް އިރެއް ވަންދެން ބަތޫލްއަށް ފޯނަށް ބަލަހައްޓައިގެން ހުރެވުނީ މަންމައާއި ބައްޕަގެ ހާލު އޮޅުން ފިލުވަން ބޭނުންވެފައި ހުރިވަރުންނެވެ. އެމީހުން އޭނައާ މެދު ކޮންމެ ފަދަ ގޮތަކަށް ކަންތައް ކުރިކަމުގައި ވިޔަސް އެއީ އޭނަގެ މައިންބަފައިންނެވެ. އޭނައަށް ދުވަހަކު އެހަޤީޤަތަށް ފިލަން ނުދުވޭނެ އެވެ. އެމީހުނަށް އޭނަގެ އިހުސާސްތައް އެނގެން ވެސް ހިތުގެ ފުންމިނުން ބޭނުން ވެއެވެ.

ދެފަރެއްގެ މަތިން ގުޅަން ނަންބަރު ލިޔެލެވުނެވެ. ނަމަވެސް އެހިތްވަރެއް ބަތޫލްއަކަށް ނުލިބުމުން އެޚިޔާލު ދޫކޮށްލެވުނެވެ. އޭރު އެލޮލުން ކަރުނައިގެ ދިލަކަމުގެ އަސަރު ފާޅުވެއްޖެއެވެ. އެއާއެކު ތިރީތުންފަތުގައި ބަތޫލްއަށް ބާރަށް ދަތްއަޅާލެވުނެވެ. ރަތްވެގެން ދިޔަ ތުންފަތުން ދެންނެދެންމެ ލޭފައިބެންގެންފާނެހެން ވެސް ހީވިއެވެ.

''ބަތޫ...'' ހުޅުވިގެން ދިޔަ ދޮރާއެކު ބަތޫލްއަށް ސިހުމެއް ލިބުނެވެ. އަވަސްއަވަހަށް އެސްފިޔަތަކުގެ ތެރޭން ފުރޭނެން މަސައްކަތްކުރި ކަރުނަތައް ފޮހެލަމުން އޭނަ ފަސްއެނބުރި ޖަނާއާ ކުރިމަތިލީ ފުންނޭވާއެއް އެތެރެއަށް ދަމާލަމުން ހިނިތުންވުމަކާއެކުގައެވެ. ބަތޫލްގެ އެދެއްކުންތެރިކަން ފާހަގަ ކުރެވުނުކަމުގައި ވިޔަސް އިތުރު ސުވާލުތަކެއް ފެންމަތިކުރުވާކަށް ޖަނާ ގަސްދެއްނުކުރިއެވެ. އޭނަ ހުރީ ބަތޫލް އެދޭ ފަދައިން ވަގުތު ދޭން ނިންމައިގެންނެވެ. އެހެނަސް ކަންތައްތައް ހައްލުވުމުގެ ބަދަލުގައި ގޯސްވަންޏާ އޭނަ ފިޔަވަޅު އަޅާނެ އެވެ.

''އަވަހަށް ފްރެޝްވެލައިގެން އާދޭ ކާން...'' ޖަނާ އޭނަ ބުނަން އައި އެއްޗެއް ބުނެލުމަށްފަހު ދިޔަ އެވެ. އޭގެ ސަބަބުން ބަތޫލްއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އޭނަ ދެން ހިނގައިގަތީ ރޭގައި ގެނައި ފޮއްޓާއި ދިމާއަށެވެ. އޭގެ ޒިބު ދަމާލަމުން ބޭނުންވާ ތަކެތި ހިފައިގެން ގޮސް ބަތޫލް ފާޚަނާއަށް ވަނެވެ.

*****

އަޒްޔާން ބަލާ އަންނަން ބުނި ވަގުތު ކައިރިވެފައިވުމުން ބަތޫލް ހުރީ ބޭރަށް ދާން ތައްޔާރުވާށެެވެ. އެވަގުތު ވެސް ބަތޫލްއަށް ވިސްނެމުން ދިޔައީ އަޒްޔާން އެހާވަރުން ދައްކަން އުޅޭ މުހިންމު ވާހަކައާއި މެދުގައެވެ. ފިކުރުތަކުގެ ތެރެއަށް ގެއްލި ހުރެ އިސްތަށިގަނޑުގައި ފުނާއަޅަން ހުއްޓާ އޭނަގެ ސަމާލުކަން އަތުލީ ރީތިވާމޭޒުމަތީ އޮވެ ވައިބްރޭޓްވާން ފެށި އޭނަގެ ފޯނެެވެ. ފޯނު ނަގަމުން ބަތޫލް ހަލޯއޭ ބުނެލިއެވެ. އޭރު އޭނަގެ ތުންފަތުގައި ލުއި ހިނިތުންވުމެއްގެ އަސަރު ވިއެވެ.

''ކޮބާ އަދިވެސް ތައްޔާރު ނުވޭތަ؟... މިހާރު ބޭރުގަ ހުންނަތާ ފަސް މިނެޓް މިވީ...'' އެކޮޅުން އަޒްޔާންގެ އަޑު އިވުނެވެ.

''މިނިކުންނަނީ...'' ބަތޫލް ކުރު ޖަވާބެއް ދިނެވެ. އަދި އަތްމަތި އަވަސްކޮށްލަމުން އޭނަގެ އަތްދަބަސް ނަގައި ކޮޓަރިން ނިކުންނަން ހިނގައިގަތީ ފޯނުން ވާހަކަ ދައްކަމުންނެވެ.

''ޑޭޓަކަށްތަ ތިދަނީ؟...'' ބަތޫލްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އެނދުގައި އިން ޖަނާ އެންމެފަހުން ސުވާލުކޮށްލިއެވެ. ދޮރާއި އަރާ ހަމަކުރެވުނު ބަތޫލް ފަސްއެނބުރި ޖަނާއަށް ބަލާލަމުން ޖަވާބުގައި ބޯޖަހާލިއެވެ.

''އޯކޭ، އަވަހަށްދޭ... އެކަމަކު ލަސްނުވެ ގެއަށް އަންނައްޗޭ... އެންމެ ލަސްވެގެން ވެސް އެގާރަ ޖަހަންވާއިރަށް އަންނާތި، އެހެންނޫނީ ޑިސްޓާރބްކުރަން ގުޅާނަން...'' ޖަނާގެ އަޑުގައި ސަމާސާގެ އިތުރަށް ސީރިޔަސްކަން ވެސް އެކުލެވިފައި ވިއެވެ. އޭނަ ކަންބޮޑުވީ ލަހުން ބަތޫލްއަށް ގެއަށް އާދެވި ގޭގެ ދައްތަގެ ނުރުހުން އަމާޒު ވެދާނެތީ އެވެ. ބަތޫލް ނިކުތީ ޖަނާގެ ހުރިހާ ޝަރުތުތަކަށް އިޤްރާރުވުމަށްފަހުގަ އެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު