އާމިރް ޚާންގެ "ތާރޭ ޒަމީން ޕަރު" ބެލުމަށް ސަފީރު އަކިލޭޝްގެ ހާއްސަ ދައުވަތެއް!

އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އަކީ ވާހަކަ ދެއްކުމުގައި ވެސް ބައެއް ފަހަރު ދިވެހި ބަސް ބޭނުން ކުރައްވާ ދިވެހި ބަހަށް ފަރިތަ ބޭފުޅެކެވެ. ދިވެހިންނާ ވަރަށް ވެސް ގާތް ރަހުމަތްތެރި ގުޅުމެއް ބޭއްވުމަށް މަސައްކަތްކުރައްވާ މަޖާޒީ ބޭފުޅެކެވެ.

އެގޮތުން މިފަހަރު މިއޮތީ ސަފީރުގެ ހާއްސަ ދައުވަތެއް ދިވެހިންނަށް ދެއްވައިފަ އެވެ. އެބޭފުޅާއާ އެކު ހިންދީ ފިލްމެއް ބަލާލުމުގެ ދައުވަތެކެވެ. އާދައިގެ ފިލްމެއްވެސް ނޫނެވެ. ދެހާސް ހަތް ވަނަ އަހަރު ނުކުތް ފިލްމު، "ތާރޭ ޒަމީން ޕަރް" އެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލް، އާމިރު ޚާން އާއި ޒުވާންތަރި ދަރްޝީލް ސަފާރީ ފެނިގެންދާ އެ ފިލްމަކީ އަދިވެސް ގިނަ ބަޔަކު ރޮއްވާލާ ފިލްމެކެވެ. ގިނަ އެވޯޑުތަކެއް ހޯދައި ރެކޯޑުތަކެއް އާކުރި ފިލްމު ވެގެން ގޮސްފައި ވަނީ މިހާތަނަށް ވެސް ބޮލީވުޑުން ފެނުނު އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

އަކިލޭޝް މިޝްރާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިލްމު، "ތާރޭ ޒަމީން ޕަރް"ގެ ސްކްރީންއަށް މަރުހަބާ ކިޔާ ކަމަށެވެ. އަންނަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:30ގައި އެ ފިލްމު ދެއްކުމަށް ހަމަޖެހިފައި ވަނީ މއ. ވަވަތީގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގައި އެންމެންނަށް ހުޅުވާލައިގެން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

"ތާރޭ ޒަމީން ޕަރް" އަކީ ގިނަ ދިވެހިންނެއް ބަލާފައި އޮތް ފިލްމަކަށް ވުން އެކަށީގެންވެ އެވެ. ނަމަވެސް ގިނަ ބަޔަކާއެއްކޮށް އެފަދަ ފިލްމެއް ބަލާލުމަށް ގިނަ ފަހަރު ފުރުސަތެއް ނުލިބޭނެ އެވެ.

comment ކޮމެންޓް