އެމްޑީޕީ ދަފްތަރުން އަލްހާން ވަކިކުރި މައްސަލާގައި އީސީއާ ދެކޮޅަށް ދައުވާކޮށްފި

އަލްހާން ފަހުމީ މީޑިއާއާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޑީޕީގެ ދަފްތަރުން އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވަކިކުރި މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އޭނާ ދައުވާ ކުރައްވައިފި އެވެ.

އެމްޑީޕީގެ މެމްބަރުކަމުން އަލްހާން ފަހުމީ ވަކިކޮށް، އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން އޭނާ ދަފްތަރުން ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އެ މައްސަލައާ ގުޅިގެން މިއަދު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން އަލްހާން ފަހުމީ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އޭނާ ވަކިކޮށްފައި ވަނީ ބަލަންވީ ވަރަށް ނުބަލާ ކަމަށެވެ.

އަލްހާންގެ ވަކީލާ ނޫރުބާން ފަހުމީ ވިދާޅުވީ ކޯޓުގައި ދައުވާކުރާ މައްސަލާގައި އެދިފައި ވާނީ އަލްހާން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވަކިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށެވެ. އަދި އަލުން އަލްހާންގެ ނަން ދަފްތަރުގައި ހިމަނައި ދިނުމަށް ވެސް ދައުވާގައި އެދިފައިވާނެ ކަމަށް ވަކީލާ ވިދާޅުވި އެވެ.

އަލްހާންގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހިގެ ނައިބު ރައީސް މޫސާ މަނިކު ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވަކިކޮށްފައި ވަނީ އެމްޑީޕީން އެކަމާ ގުޅުން ހުރި ލިޔުންތައް އިލެކްޝަނަށް ހުށަހެޅުމުންނެވެ.

އަލްހާން އެމްޑީޕީގެ މެމްބަރުކަމުން ވަކިކޮށްފައި ވަނީ އޭނާގެ ގިނަ މައްސަލަތަކެއް ހުރުމުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އަލްހާން ޕާޓީން ވަކިކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި އެމްޑީޕީގެ ގުނަވަންތަކުން ފާސްކޮށް ނިންމައިގެން އެ ޕާޓީ ބައިވެރިވެފައިވާ "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން" އިއްތިހާދު ގަބޫލު ނުކުރާނެ ކަމަށް ކަނޑައަޅައި، އެ އިއްތިހާދާ ދެކޮޅަށް މީޑިއާ އާއި ސޯޝަލް މީޑިއާގައި އަލްހާން ވާހަކަ ދައްކަވާފައިވުން ހިމެނެ އެވެ.

ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހިމެނިވަޑައި ނުގަންނަވާ ބޭފުޅަކާ އެކު ޕާޓީގެ ނަމުގައި ޕްރެސް ކޮންފެރެންސް ބާއްވައި ޕާޓީގެ ނިންމުންތަކަށް ފާޑު ކިޔާފައިވުމަކީ ވެސް އޭނާ ޕާޓީން ވަނިކުރަން ނިންމި ސަބަބެއް ކަމަށް އެމްޑީޕީން ބުންޏެވެ.

comment ކޮމެންޓް